އަންނަ އަހަރު ބުރެޒިލްގައި ކުޅުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމުގެ ގޮތުން ދެކުނު އެމެރިކާގެ އާޖެންޓީނާއާއި ވެނެޒުއޭލާ ބައްދަލު ކުރި މެޗު ތިނެއް ސުމަކުން ވެނެޒުއޭލާ ބަލިކޮށް ގުރޫޕުގެ އެއްވަނައިގައި އާޖެންޓީނާ ހަމަޖެހިލައިފި އެވެ.

ބްރެޒިލް 2014ގެ ކޮލިފައިންގައި އާޖެންޓީނާ އާއި ވެނެޒުއޭލާ ބައްދަލު ކުރި މެޗުގައި އާޖެންޓީނާ އަށް ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ 29 ވަނަ މިނިޓުގައި ގޮންޒާލޭޒް ހިގުއައިން އެވެ. އަދި މެޗުގެ ފަހުހާފު ނިމެނިކޮށް އެޓީމަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ ދެވަނަ ލަނޑު އާޖެންޓީނާ އަށް ކާމިޔާބު ކޮށްދިނީ ހުނަރުވެރި ފޯވަޑް ލަޔަނަލް މެސީއެވެ. އާޖެންޓީނާގެ ފަހުލަނޑު މެޗުގެ 58 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިން ހިގުއާއިން އެވެ.

ދެކުނު އެމެރިކާގެ ކޮލިފައިން ގުރޫޕުގައި ހިމެނޭ ޓީމުތަކުގެ ތެރެއިން އާޖެންޓީނާ މިހާތަނަށް ކުޅުނު 10 މެޗުން 23 ޕޮއިންޓު ހޯދައިގެން ތާވަލުގެ ކުރީގައި އޮތް އިރު ތާވަލުގެ ދެވަނައިގައި ހަތަރު ޕޮއިންޓުގެ ތަފާތާ އެކު ތާވަލުގެ ދެވަނައިގައި އޮތީ ކޮލަމްބިއާ އެވެ. އަދި ތިންވަނަގައި ހަ ޕޮއިންޓުގެ ފަރަގާ އެކު އޮތީ އީކުއާޑޯ އެވެ. ވެނެޒުއޭލާ އަށް މިހާތަނަށް 10 މެޗު ކުޅެގެން ލިބިފައިވަނީ އެންމެ 12 ޕޮއިންޓެވެ.

ސައުތު އެމެރިކާ ސަރަހައްދުގެ ކޮލިފައިން ގުރޫޕުގައި ކުޅުނު އެހެން މެޗުތަކުގައި ކޮލަމްބިޔާ އާއި ބޮލީވިއާ ބައްދަލުކުރި މެޗު ފަސޭހަކަމާ އެކު ފަހެއް ސުމަކުން ކާމިޔާބުކުރީ ކޮލަމްބިޔާ އެވެ. އަދި ޗިލީ އަތުން އެކެއް ސުމަކުން ޕޭރޫ މޮޅުވި އިރު އުރުގުއާއީ އާއި ޕަރަގުއާއީ ވާދަކުރި މެޗު ނިމުނީ އެކެއް އެކަކުން ދެޓީމު އެއްވަރު ވެގެން ނެވެ.