ސިފައިންގެ ފެމެލީ އެސޯސިއޭޝަން (ސިފަމާ)ގެ ފުރަތަމަ އާންމު ބައްދަލުވުން ރޭ ބާއްވައިފި އެވެ.

ސިފަމާގެ ހިންގާ ކޮމެޓީން ކުރުމަށް ހަމަޖެހިފައިވާ ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށާއި ހިޔާލު ހޯދުމަށް ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި ބައްދަލުވުމެއްގައި ސިފަމާގެ ޗެއާ ޕާސަން ހަދީޖާ ނައީމް ވަނީ އެ އެސޯސިއޭޝަން އިން މިހާރު ކުރެވެމުންދާ މަސައްކަތްތަކާއި ކުރިއަށް ރާވާފައިވާ ހަރަކާތްތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ.

އެގޮތުން އެކަމަނާ ދެއްކެވި ވާހަކަފުޅުގައި ސިފަމާ އުފެދިގެން މިއަދާ ހަމައަށް އައިރު ސިފަމާގެ ހިންގާ ކޮމެޓީން ގެންދަނީ އެ ޖަމިއްޔާގެ ކުރިމަގާ ބެހޭގޮތުން ތަފާތު މަޝްވަރާތައް ކުރައްވަމުން ކަމަށާއި އެގޮޮތުން ތަފާތު ބައްދަލުވުންތައް ބާއްވައި ސިފަމާގެ އެންމެހާ ކަންތައްތައް ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ވަރަށް ގިނަ މަޝްވަރާތައް ކުރައްވަމުންދާ ކަމުގައި ވިދާޅުވި އެވެ. އަދި ސިފަމާ އުފެދިގެން ގޮސްފައި ވަނީ ވަރަށް މާތް މަގުސަދުތަކެއް ހާސިލުކުރުމަށް ކަމަށާއި ސިފަމާގެ މަގުސަދުތަކުގެ ތެރޭގައި މައިގަނޑު ނުވަ ކަމެއް ހިމަނާފައިވާ އިރު ފުރަތަމަ ކަމެއްގެ ގޮތުގައި ސިފައިންގެ ގައުމީ ވާޖިބު އަދާކުރުމުގައި ސިފައިންގެ އާއިލާތަކުގެ މުހިންމު ދައުރާއި ހިއްސާ އަދި ގުރުބާނީ ފާހަގަކުރުން ކަމަށް ވިދާޅުވި އެވެ.

ޗެއާޕާސަން އިތުރަށް ވިދާޅުވީ ސިފައިންގެ އާއިލަތަކަށް ބޭނުންވާ އިނާޔަތްތަކާއި ރައްކާތެރިކަން ހޯދައިދިނުމުގައި އެހީތެރިވެދީ އާއިލާތައް ބާރުވެރިކުރުން ވެސް ހިމެނިގެން ގޮސްފައި ވަނީ ސިފަމާގެ މަގުސަދުތަކުގެ ތެރޭގައި ކަމަށާއި ރާއްޖޭގެ ބަދަލުވަމުން މިދާ މާހައުލުގައި ސިފައިންގެ އާއިލާތަކަށް ނޫނީ ސަލާމަތީ ބާރުތަކުގެ އާއިލާތަކަށް ތަފާތު އެކި އުނދަގޫތަކާއި ދުއްތުރާތައް ކުރިމަތިވަމުންދާކަން އެއީ އެންމެންނަށް ވެސް މިއަދު އެނގޭ ހަގީގަތެއް ކަމަށާއި ސިފަމާގެ ތެރެއިން ލާފައި މިފަދަ ކަންކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރެވިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިބައްދަލުވުމުގައި ސިފަމާގެ ކޮމިޓީތަކުން ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނަކަށް ފަހު ސިފަމާގެ ހުރިހާ މެންބަރުންނަށް ހުޅުވާލެވިފައިވާ ޗީފް އޮފް ޑިފެންސް ފޯސްގެ އާޓް އެންޑް ކްރާފްޓް އެކްޒިބިޝަނާ ބެހޭ ގޮތުން މައުލޫމާތު ވަނީ ދީފަ އެވެ.

ސިފަމާގެ ހުވަފެން ފޮޅިގެންދާ އަސްލު މަލަކަށް ހެދުމަށް އެމްއެންޑީއެފްގެ ލީޑާޝިޕުން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްޕުޅަށްޓަކައި ޑިފެންސް މިނިސްޓާ މުއްމަދު ނާޒިމް އަށާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް އަށާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު މުހައްމަދު ކޮށްދެއްވި އަގުހުރި ހިދުމަތާއި އެހީތެރިކަން ފާހަގަކުރައްވައި ރޭގެ ބައްދަލުވުމުގައި ސިފަމާގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އެއަށް ފަހު ސިފަމާގެ މެމްބަރުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ގޮތުން ވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކުގެ މެދުގައި ޕަޒްލް ރޭވުމުގެ މުބާރާތަކާއި ސިފަމާގެ ލޯގޯގެ ނަމްބަރު ދިމާކުރި ފަރާތްތަކުގެ މެދުގައި ދެ މުބާރާތެއް ބާއްވާފަ އެވެ.