ގދ. ވާދޫގައި މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި އެކްސިޑެންޓުގައި ސީރިއަސް ޒަހަމްތަކެއް ލިބުނު ޒުވާނާއަށް އިތުރު ފަރުވާ ދިނުމަށް ލަންކާއަށް ގެންގޮސްފި އެވެ.

އުމުރުން 29 އަހަރުގެ މުހައްމަދު އަސްވަދު އަށް ލިބުނު ސީރިއަސް އަނިޔާތަކަށް ފަރުވާދިނުމަށް ލަންކާއަށް ގެންގޮސްފައިވަނީ ރޭގެ ދަންވަރު ކަމަށް އާއިލާގެ މީހަކު މައުލޫމާތު ދީފަ އެވެ. އޭނާ މައުލޫމާތު ދިން ގޮތުގައި އަސްވަދު ލަންކާއަށް ގެންގޮސްފައިވަނީ ހޭ ނާރައި އޮއްވައެވެ. އަދި އޭނާއާ މެދު ޑޮކްޓަރުން އުއްމީދު ކަނޑާލައިފައި ވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ހޭ ނާރާ މިކޮޅުން [ މާލެ އިން ] ގެންދިޔައިރުވެސް. ޑޮކްޓަރުންވެސް ވަނީ އޭނާ އާއިމެދު އުއްމީދު ކަނޑާލާފަ، " އަސްވަދުގެ އާއިލާއާ ގުޅުންހުރި މީހަކު ކިޔައިދިނެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އެ އެކްސިޑެންޓް ހިނގާފަވަނީ އެއްކޮޅަށް ދުއްވާފައިދިޔަ ދެ ސައިކަލެއް ޖެހި ސައިކަލް ކޮންޓްރޯލް ނުވެގެން ގޮސްގެނެވެ.