ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) އިން އިންތިޒާމް ކޮށްގެން ބާއްވާ 19 ވަނަ އެސޯސިއޭޝަން ޓެނިސް ޗެމްޕިއަންޝިޕްސް އިއްޔެ ފަށައިފި އެވެ.

އެކި އުމުރު ފުރަޔަށް ބަހާލައިގެން ޓީއޭއެމްއިން ބާއްވާ މިމުބާރާތުގައި ޖުމުލަ 83 ކުޅުންތެރިއަކު ބައިވެރިވެފައިވާ އިރު އޭގެތެރޭގައި 54 ފިރިހެން ކުޅުންތެރިންނާއި 29 އަންހެން ކުޅުންތެރިއަކު ހިމެނެ އެވެ.

މުބާރާތުގައި އިއްޔެ ޖުމުލަ ހަތް މެޗު ކުޅުނު އިރު ފިރިހެން އޯޕަން އިވެންޓުގައި އަހްމަދު އަކުރަމް އާއި ފާތިހު ފަޒީލު ބައްދަލު ކުރި މެޗު 6-3، 6-2 ން ކާމިޔާބު ކުރީ އަހްމަދު އަކްރަމް އެވެ. އަދި އެ އިވެންޓުގެ ދެވަނަ މެޗުގައި އިޒްދިޔާން މައުމޫން އާއި ފާރިޒް ފަޒީލް ބައްދަލު ކުރި މެޗު 6-1، 6-4 ން މެޗު ކާމިޔާބު ކުރީ ފާރިޒް ފަޒީލު އެވެ.

އިއްޔެ ކުޅުނު އަށް އަހަރުން ދަށުގެ އަންހެން އިވެންޓުގައި އައިޔާނާ ތަރުސުއްދީން އާއި އައިމިނަތު ޔަނާ ސަޢީދު ބައްދަލު ކުރި މެޗު، 5-1ން ކާމިޔާބު ކުރީ އައިޔާނާ އެވެ. އަދި އެ އިވެންޓުގެ ދެވަނަ މެޗުގައި ޒުލޭހާ އީން މުހައްމަދު އާއި އަމްރާ މުޙައްމަދު ޢާމިރު ބައްދަލު ކުރި މެޗު 5-4ން ކާމިޔާބު ކުރީ ޒުލޭހާ އީން އެވެ. އަށް އަހަރުން ދަށުގެ އުމުރުފުރައިގެ ފިރިހެން އިވެންޓުގެ ފުރަތަމަ މެޗުގައި އިބްރާހީމް ޖަޒްލާމް އާއި އަޙްމަދު ޒަހާން ނަޒީރު ބައްދަލު ކުރިމެޗު 5-1ން ކާމިޔާބު ކުރީ އަޙްމަދު ޒަހާން އެވެ. އަދި އެ އިވެންޓުގެ ދެވަނަ މެޗުގައި ރައުދާ މައުމޫން އާއި އިމްރާން ނަޒީރު ވާދަކުރި މެޗު 5-0ން ކާމިޔާބު ކުރީ އިމްރާން ނަޒީރު އެވެ.

މުބާރާތުގައި އިއްޔެ ކުޅުނު 12 އަހަރުން ދަށުގެ އަންހެން އުމުރުފުރައިގެ މެޗުގައި ސާރާ އަޙްމަދު އަކްރަމް އާއި ނޫރު އިބްރާހީމް ބައްދަލު ކުރިމެޗު 4-0، 4-0 ން މެޗު ކާމިޔާބު ކުރީ ސާރާ އަޙްމަދު އަކްރަމް އެވެ.

ޓެނިސް އެސޯސިއޭޝަނުން މައުލޫމާތު ދިންގޮތުގައި އެ އެސޯސިއޭޝަނުން ކޮންމެ އަހަރަކު ކުރިއަށްގެންދާ "ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް" މުބާރާތް މިފަހަރު ބަހާލެވިފައިވަނީ އަށް އަހަރުން ދަށުގެ އުމުރުފުރަޔާއި، 10 އަހަރުން ދަށާއި، 12 އަހަރުން ދަށާއި، 14 އަހަރުން ދަށާއި، 16 އަހަރުން ދަށާއި އަދި އަށާރަ އަހަރުން ދަށުގެ އުމުރު ފުރައިގެ އިތުރުން ދެޖިންސުގެ ސިންގަލްސް އޯޕަން އިވެންޓާއި އަދި 45 އަހަރުން މަތީގެ އުމުރުފުރައިގެ ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެޓެންޓެވެ.

މި މުބާރާތުގެ ކުޅުން ކުރިއަށް ގެންދާނީ މިމަހު 22 ވަނަދުވަހުން ފެށިގެން އަންނަ މަހު ހަވަނަ ދުވަހުގެ ނިޔަލަށް މާލޭ ނޭޝަނަލް ޓެނިސް ސެންޓަރުގައެވެ. މެޗުތައް ފަށާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00ގަ އެވެ.