23 Mar 2013, 12:51
ސައިޕްރަސްއަށް ދިމާވެފައިވާ މާލީ ހާލަތައް ހައްލެއް ހޯދުމުގެ ގޮތުން އަޅަން ނިންމާފައިވާ އިގުތިސާދުކުރުމުގެ ފިޔަވަޅުތަކުގެ ދަށުން އެގައުމުގެ ބޭންކުތަކުގެ ހިންގުން އިސްލާހުކުރުމަށް ގާނޫނު ހަދާ މަޖިލީހުން ނިންމައިފި އެވެ.
ސައިޕްރަސްގެ މާލީ ހާލަތުގެ ސަބަބުން ޔޫރޯޒޯންގެ އިގުތިސާދަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ އިރު، ޔޫރޯޒޯނުން ހުށަހަޅާފައިވާ 10 ބިލިއަން ޔޫރޯގެ ބެއިލްއައުޓް ޕުލޭނަކަށް ކޮލިފައިވުމަށް ސައިޕްރަސްއިން 5.7 ބިލިއަން ޔޫރޯގެ ފަންޑެއް ހޯދަން ޖެހެ އެވެ. އަދި މިފަންޑު ހޯދަން ޖެހެނީ ސައިޕްރަސްގެ ތެރެއިންނެވެ.
މިފަންޑު އެއްކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ ދަށުން ސައިޕްރަސްގެ ގާނޫނު ހަދާ މަޖިލީހުން ދަނީ ގާނޫނުތަކާއި ގަވާއިދުތަކަށް ބައެއް އިސްލާހުތައް ގެންނަމުން ނެވެ.
ގާނޫނުތަކަށް ގެންނަމުންދާ އިސްލާހުތަކުގެ ތެރޭގައި ބޭންކުތަކުގެ ގަވާއިދުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމާއި ސޮލިޑާރިޓީ ފަންޑުގެ ނަމުގައި ސައިޕްރަސްގެ ޕެންޝަން ފަންޑާއި އެހެނިހެން ރައުސުލްމާލުތައް ނެޝަނަލައިޒްކުރުމާއި ސައިޕްރަސްއިން ބޭރަށް ބޮޑެތި އަދަދުތަކުގެ ފައިސާ ގެންދިއުމާ، ވިތުޑުރޯކުރުން މަނާކުުރން ހިމެނެ އެވެ.
ސައިޕްރަސްގެ ސަރުކާރުން އިގުތިސާދުކުރުމަށް ފިޔަވަޅުތައް އަޅަމުންދާ އިރު، ސައިޕްރަސްގެ ރައްޔިތުން ދަނީ މިކަމާ ދެކޮޅަށް މުޒާހަރާތައް ކުރަމުން ނެވެ.