ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން މިހާރު ކުރިއަށް ގެންދާ 12 ވަނަ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގެ ފައިނަލުން ޓީމުތައް ޖާގަ ހޯދައިފިއެވެ.

އަތޮޅު ތެރޭގެ ފަސް ސްކޫލަކާއި މާލޭގެ ސްކޫލްތައް ހިމަނައިގެން ޖުމުލަ 21 ސްކޫލަކުން ބައިވެރިވެގެން މިމަހު 20 ފެށިގެން 30ގެ ނިޔަލަށް ކުރިއަށް ގެންދާ ބެޑްމިންޓަން މުބާރާތުގެ ޓީމު އިވެންޓުގެ 19 އަހަރުން ދަށުގެ ފިރިހެން ފުރަތަމަ ސެމީފައިނަލުގައި މ. އަތޮޅު ތައުލީމީ މަރުކަޒާއި އިމާދުއްދީން ސްކޫލް ބައްދަލު ކުރި ޓައިގައި ސީދާ ތިން މެޗުން ކާމިޔާބުކޮށްގެން ފައިނަލަށް ދިޔައީ މ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމެވެ. އަދި އެ ގްރޫޕުގެ ދެވަނަ ސެމީފައިނަލުގައި ރ. އަތޮޅު ސްކޫލާއި ގަލޮޅު މަދަރުސާ ބައްދަލު ކުރި ޓައިގައި ސީދާ ތިން މެޗުން ކާމިޔާބު ކޮށްގެން ފައިނަލުން ޖާގަ ހޯދީ ގަލޮޅު މަދަރުސާގެ ޓީމެވެ.

އެ މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ޓީމު އިވެންޓުގެ ފުރަތަމަ ސެމީގައި މ. އަތޮޅު ތައުލީމީ މަރުކަޒާއި އިމާދުއްދީން ބައްދަލު ކުރި ޓައިގައި، ސީދާ ތިން މެޗުން ކާމިޔާބު ކޮށްގެން ފައިނަލުން ޖާގަހޯދީ މ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމެވެ. އެ އިވެންޓުގެ ދެވަނަ ސެމީ ފައިނަލުގައި ނ. ހޮޅުދޫ މޭނާ ސްކޫލާއި ތާޖުއްދީން ސްކޫލް ބައްދަލު ކުރި ޓައިގައި، ސީދާ ތިން މެޗުން ކާމިޔާބު ކޮށް ފައިނަލުން ޖާގަ ހޯދީ މޭނާ ސްކޫލްގެ ޓީމެވެ.

ބެޑްމިންޓަން މުބާރާތުގެ 14 އަހަރުން ދަށުގެ ފިރިހެން ޓީމުއިވެޓުގެ ފުރަތަމަ ސެމީ ފައިނަލުގައި މ. އަތޮޅު ތައުލީމީ މަރުކަޒާއި ނ. ހޮޅުދޫ މޭނާ ސްކޫލް ބައްދަލުކުރި ޓައިގައި ސީދާ ތިން މެޗުން މޮޅުވެގެން ފައިންލުން ޖާގަ ހޯދީ މ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމެވެ. އަދި އެ އިވެންޓުގެ ދެވަނަ ސެމީގައި ވ. ކެޔޮދޫ ސްކޫލާއި ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ވާދަކޮށް ތިން މެޗު އެއްމެޗުން ކާމިޔާބުކޮށް ފައިނަލުން ޖާގަހޯދީ ކެޔޮދޫ ސްކޫލްގެ ޓީމެވެ.

އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގެ 14 އަހަރުން ދަށުގެ އުމުރު ފުރައިގެ އަންހެން ޓީމު އިވެންޓުގެ ފުރަތަމަ ސެމީގައި ވ. ކެޔޮދޫ ސްކޫލާއި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ބައްދަލުކުރި ޓައިގައި، ސީދާ ތިންމެޗުން ކާމިޔާބުކޮށް ފައިނަލުގެ ޖާގަ ކެޔޮދޫ ކަށަވަރު ކޮށްފައިވާ އިރު އެ އިވެންޓުގެ ދެވަނަ ސެމީ ފައިނަލުގައި މ. އަތޮޅު ތައުލީމީ މަރުކަޒާއި އިމާދުއްދީން ސްކޫލް ވާދަކުރި ޓައިގައި، ސީދާ ތިން މެޗުން ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދީ މ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމެވެ.

އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގެ ޓީމު އިވެންޓު ތަކުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ. މާލޭ ކުޅިވަރު އެކުވެނީގައި ކުރިއަށްދާ މުބާރާތުގައި މިއަދު މެންދުރުފަހު ޓީމު އިވެންޓުތަކުގެ ތިންވަނަ ހޮވާ މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.