23 Mar 2013, 10:48
މ. ފެއަރީ ކޯނާ އަލީ ޝިފާން މަރާލުމުގެ ކުށް ހަ މީހެއްގެ މައްޗަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު މިއަދު ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުމުން އެ މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.
އަލީ ޝިފާން މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރީ މ. ސިލްވަނެޓް މުހައްމަދު މިޝާން އަބްދުލްހާދީ އާއި ޅ. ކުރެންދޫ މާފަހި މުހައްމަދު އާސިފް އާއި މާލޭ ދަފްތަރު 2193 މުހައްމަދު ޝައިފަން އާއި މ. ނަލަހިޔާ މަންޒިލް އަލީ ނަބީހް އާއި ބ. ތުޅާދޫ ކާނިމާގޭ ރައްޒާން އަބްދުއްރަހުމާން އާއި މ. ދިންމަނަ އަބްދުﷲ ތިލްމީޒުގެ މައްޗަށެވެ. ނަމަވެސް އެއިން އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
އެ މީހުންގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ދައުލަތުން ފަސް މީހަކު ހެކީންގެ ގޮތުގައި ހުށަހެޅި އެވެ. ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނަނީ ތަހުގީގު މަރުހަލާ އާއި ޝަރުއީ މަރުހަލާގައި ހާދިސާ ހިނގައިދިޔަ ގޮތް ހެކީން ސިފަކޮށް ދިން ދިނުމުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަމަށް ޝަރީއަތަށް ފާހަގަ ކުރެވޭ ކަމަށެވެ.
އެ މީހުންގެ ތެރެއިން ޝައިފަންގެ މައްޗަށް ލިބިފައިވާ ޑީއެންއޭ އަކީ ހަރުދަނާ ގަރީނާއެއް ކަމަށް ވިޔަސް އޭނާގެ މައްޗަށް ލިބިފައިވާ އެހެނިހެން ހެކިތަކުގައި ފުށުއެރުންތަކެއް ހުރިކަމަށާއި އެއީ ގަސްތުގައި މީހަކު މަރާލި މައްސަލައަކަށް ވާތީ ހަމައެކަނި ޑީއެންއޭގެ މައްޗަށް ބިނާކޮށް ކުށް ސާބިތު ކުރެވިދާނެ ކަމަށް ޝަރީއަތަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް އެ ހުކުމްގައި ބުނެފައިވެ އެވެ.
އެހެނިހެން މައްސަލަތަކާ ޚިލާފަށް ގަސްތުގައި މީހަކު މަރަލުމުގެ މައްސަލަތަކުގައި ހެކީންގެ ހެކިބަސް މިނެކިރާ ވަޒަން ކުރަންޖެހޭނީ އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.