ވެސްޓްޕާކް ކުރިމަތީގައި ހުއްޓައި މ. ފެއަރީކޯނާ އަލީ ޝިފާނަށް ވަޅިން ހަމަލާދީ އޭނާ މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރި ހަ މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވުމުން އެކަމާ ކަންބޮޑުވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބުދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ޕޮލިސް ވެބްސައިޓް މެދުވެރިކޮށް ކޮމިޝަނަރު ރިޔާޒް ދެއްވާފައިވާ ވީޑިއޯ އިންޓަވިއުއެއްގައި ވިދާޅުވީ އެ މައްސަލާގައި ދައުވާކުރި ފަރާތްތަކުގެ މައްޗަށް ކުށްސާބިތުނުވުމުން ވަރަށް ބޮޑު ޝޮކެއް ލިބިގެންދިޔަ ކަމަށާއި މައްސަލަ ނިމިގެން ދިޔައީ ވަރަށް ކަންބޮޑުވާ ގޮތަށް ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ބޮޑު ޝޮކެއް ޖެހުނީ ކޯޓް ރޫލިން އައި ގޮތުން ހަގީގަތުގައި ވަރަށް ބޮޑަށް ކަންބޮޑުވާ ގޮތަށް މައްސަލަ ނިމިގެން މިދިޔައީ،" ކޮމިޝަނަރު ރިޔާޒް ވިދާޅުވި އެވެ.

ކޮމިޝަނަރު ވިދާޅުވީ ފުލުހުން އެ މައްސަލަ ވަރަށް ރަނގަޅަށް ތަހުގީގުކޮށްފައިވާ ކަމަށާއި އެގޮތުން އެ މައްސަލައާއި ގުޅުން ހުރި ޑީއެންއޭ އާއި ހެކި ހޯދާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އަލީ ޝިފާންގެ އާއިލާ އަށް ގާނޫނީ ގޮތުން އިންސާފު ހޯދައިދިނުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް އާއިވެސް މަޝްވަރާކޮށްފައިވާނެ ކަމަށާއި ޕީޖީގެ ވާހަކަފުޅުގައި ވެސް އެ މައްސަލައަކީ ސާފުކޮށް ފެންނަން އޮތް މައްސަލައެއް ކަމަށް ބުނެފައިވާ ކަމަށެވެ. ކޮމިޝަނަރު ރިޔާޒް ވިދާޅުވީ ހައިކޯޓަށް އެ މައްސަލަ ލައިދިނުމަށް އެދި މިހާރު ޕީޖީއަށް ސިޓީއެއް ވެސް ފޮނުވާފައިވާ ކަމަށެވެ.

ކޮމިޝަނަރު ވިދާޅުވީ އެ މައްސަލަ ނިމިގެންދިޔަ ގޮތުން ހެއްކާ ބެހޭ ގާނޫނެއްގެ މުހިންމުކަން ފެނިގެން ދިޔަ ކަމަށާއި ހެއްކާ ބެހޭ ގާނޫނެއް ވީހާ ވެސް އަވަހަކަށް އައުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އަލީ ޝިފާން މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކޮށްފައި ވަނީ މ. ސިލްވަނެޓް މުހައްމަދު މިޝާން އަބްދުލްހާދީ އާއި ޅ. ކުރެންދޫ މާފަހި މުހައްމަދު އާސިފް އާއި މާލޭ ދަފްތަރު 2193 މުހައްމަދު ޝައިފަން އާއި މ. ނަލަހިޔާ މަންޒިލް އަލީ ނަބީހް އާއި ބ. ތުޅާދޫ ކާނިމާގޭ ރައްޒާން އަބްދުއްރަހުމާން އާއި މ. ދިންމަނަ އަބްދުﷲ ތިލްމީޒުގެ މައްޗަށެވެ.

އެ މައްސަލައަކީ ގަސްތުގައި މީހަކު މަރަލި މައްސަލައަކަށްވާ އިރު ހެކީންގެ ހެކިބަސް މިނެކިރައި ވަޒަން ކުރަންޖެހޭނީ އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް ވެސް އެ ހުކުމްގައިވެ އެވެ. އެ މީހުންގެ ތެރެއިން ޝައިފަންގެ ޑީއެންއޭ އަލީ ޝިފާންގެ ޑީއެންއޭ އާ ދިމާވެފައިވާ ކަމަށާއި އެއީ އޭނާގެ މައްޗަށް ލިބިފައިވާ ހަރުދަނާ ގަރީނާއެއް ކަމަށް ވެސް އެ ހުކުމްގައި ބުނެފައިވެ އެވެ. ނަމަވެސް ހަމައެކަނި ގަރީނާއެއްގެ މައްޗަށް ބިނާކޮށް އެފަދަ މައްސަލައެއް ސާބިތު ނުކުރެވޭނެ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.