23 Mar 2013, 10:17
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަހުމޫދު ޝައުގީ އާއި އިލެކްޝަން ކޮމިޝަން ކޮމިޝަންގެ މެމްބަރު އޮގަރު އިބްރާހީމް ވަހީދާއި ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު މަރިޔަމް ޝައުގީއާ އެކު ހަ ބޭފުޅުންގެ މަންމަ އޮގަރު ފާއިޒާ އަލީ އަވަހާރަވެއްޖެ އެވެ. އިންޑިއާގެ ޓްރެވިންޑްރަމްގައި ރޭ އިރާކޮޅު ފާއިޒާ އަވަހާރަވީ އުމުރުފުޅުން 70 އަހަރުފުޅުގަ އެވެ. އަދި ފާއިޒާ އަވަހާރަވެފައި ވަނީ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވާންދެން އިންޑިއާގައި އޭނާގެ ބައްޔަށް ފަރުވާ ހޯއްދަވަމުން ވަޑައިގަންނަވަނިކޮށް ކަމަށް ފާއިޒާގެ އާއިލާއިން ވަނީ ބުނެފަ އެވެ. ފާއިޒާ އަވަހާރަވި އިރު ފިރިކަލަކާއި ދެ ފިރިހެން ބޭފުޅުންގެ އިތުރުން ހަތަރު އަންހެން ބޭފުޅަކު ދުނިޔޭގައި އެބަ ތިއްބެވި އެވެ. ފާއިޒާ އަލީ އެންމެ ފުރަތަމަ ވަޒީފާ އަދާ ކުރައްވައިފައި ވަނީ ކުރީގެ ގާވަމަންޓް ހޮސްޕިޓަލުގެ މަސައްކަތު މީހުންގެ ސްޕަވައިޒަރެއްގެ ވަޒީފާ އެވެ. އެ ވަޒީފާގައި ފަސް އަހަރު މަސައްކަތް ކުރެއްވުމަށް ފަހު އޭގެ ފަހުން މައުހަދުން ކުރިއަށް ގެންދިޔަ ގުރުއާން ކިޔެވުމުގެ ކޯހުހައި ބައިވެރިވެ އެ ކޯހުން އެއްވަނަ ލިބިވަޑައިގެން އިސްކަންދަރު ސްކޫލްގައި 18 ވަރަކަށް އަހަރު ގުރުއާން ކިޔަވައި ދެއްވުމުގައި ހޭދަ ކުރެއްވި އެވެ. އަދި މައްޗަންގޮޅީ އަވަށް ކުރިއެރުވުމަށާއި އިޖުތިމާއީ ތަފާތު ކަންކަމުގައި ގިނަ ދުވަސްތަކެއް ވާންދެން ފާއިޒާ އަލީ ވަނީ މަސައްކަތްޕުޅު ކުރައްވައިފަ އެވެ. ފައިޒާގެ ދަރިކަލަކު ވިދާޅުވީ އޭނާގެ މަންމަ އަބަދު ވެސް މޮޓޯއެއް ގެންގުޅުއްވި ކަމަށާއި އެ މޮޓޯއަކީ "މިދުވަސްވެސް ހިނގައިދާނެ" ކަމުގެ މޮޓޯ ކަމަށެވެ. އެކަން ސިފަކުރައްވަމުން އޭނާ ވިދާޅުވީ ހިތާމައެއް ލިބޭ ވަގުތު ވެސް އެކަން ހަނދާން ކޮށްދެއްވާ ކަމަށާއި އަދި ހިތްތިރު ކުރުމަށް ދަރިންނަށް އަބަދު ވެސް ހިތްވަރު ދެއްވި ކަމަށެވެ. ފާއިޒާ އަލީއަށް ލިބިވަޑައިގަތް ހަ ބޭފުޅުންނަކީ ޑރ. މަހުމޫދު ޝައުގީ އާއި އޮގަރު އިބްރާހީމް ވަހީދާއި މަރިޔަމް ޝައުގީ އާއި ޝަރޫނާ ޝައުގީއާއި ފާތުމަތު ޝައުގީ އާއި ފަރުޒާނާ ޝައުގީ އެވެ. ފަރުޒާނާ ޝައުގީ އަކީ ރާއްޖޭގެ ފުރަތަމަ ސްޕީޗް ތެރަޕިސްޓެވެ.