އދ. މަޖިލިސް (މާޗް 23): ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ހުންނަ "ޖާމިޢުލްއީމާން" މިސްކިތަށް މިދިޔަ ބުރާސްފަތި ދުވަހު ދިން ބޮމުގެ ޙަމަލާ އދ.ގެ ސަލާމަތީ މަޖިލީހުން ކުށްވެރިކޮށްފި އެވެ.

މިޙަމަލާ ކުށްވެރިކޮށް ސަލާމަތީ މަޖިލީހުން ރޭ ނެރުނު ބަޔާނެއްގައި ދިމިޝްޤުގައި ހުންނަ "ޖާމިޢުލްއީމާން" މިސްކިތަށް ދިން ބޮމުގެ ޙަމަލާ ސިފަކޮށްފައި ވަނީ ޓެރަރިސްޓް ޙަމަލާއެއްގެ ގޮތުގަ އެވެ. މިޙަމަލާ ކުށްވެރި ކުރުމަށް ސަލާމަތީ މަޖިލީހުގެ ހުރިހާ މެންބަރުން ވެސް ވޯޓު ދީފައިވާ ކަމަށް ޚަބަރުލިބެ އެވެ. މިޙަމަލާގައި މަރުވެފައި ވަނީ އެމިސްކިތުގައި އަޅުކަން ކުރަންތިބި މީހުންގެ ތެރެއިން 49 މީހެކެވެ. ބޮމުގެ ޙަމަލާއާ އެކު މުޅި މިސްކިތުގެ ތެރޭގައި ވަނީ ލެއާއި މަރާލެވިފައިވާ މީހުންގެ ގުނަވަންތަކާއި މަސްތައް ކަމަށް މަންޒަރުދުށް މީހުން ބުނެ އެވެ. ބޮމުގެ މިޙަމަލާގައި މަރާލެވުނު މިހުންގެ ގެތެރޭގައި ސޫރިޔާ ސަރުކާރަށް ތާއީދުކުރައްވާ ސުންނީ ދީނީ އިސް ޢިލްމުވެރިއެއް ކަމަށްވާ އަލްޢައްލާމާ މުޙައްމަދު ސަޢީދު ރަމަޟާން އަލްބޫތީވެސް ހިމެނިވަޑައިގަންނަވަ އެވެ.

ހަށިގަނޑުގައި ގޮވާތަކެތި ހަރުކޮށްގެންހުރި މީހަކު އަމިއްލައަށް މަރުވެގެންދިންމިޙަމަލާގެ ފަހަތުގައިވަނީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ކަމަށް ސޫރިޔާ ސަރުކާރުންވަނީ ތުހުމަތުކޮށްފަ އެވެ. ސޫރިޔާގައި މިހާރު ހިންގަމުން ގެންދާ ބޮންގޮއްވުމުގެ ޙަމަލާތަކަކީ އަލްޤާޢިދާ ސްޓައިލްގެ ޙަމަލާތަކެއްކަން މުރާސިލުން ފާހަގަކުރެ އެވެ. މިފަދަ ޙަމަލާތައް ދެމުން ގެންދަނީ ސޫރިޔާ ސަރުކާރުގެ އިސްފަރާތްތަކަށާއި ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމުގެ ނިޒާމަށް ތާއީދުކޮށް ވާގިވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެންނެވެ.

ދިމިޝްޤުގައި ހުންނަ "ޖާމިޢުލްއީމާން" މިސްކިތަށް ދިން ބޮމުގެ ޙަމަލާގެ އަމާޒަކީ ބައްޝާރުގެ ވެރިކަމުގެ ނިޒާމަށް ތާއީދުކުރައްވާ ދީނީ ޢިލްމުވެރިޔާ އަލްޢައްލާމާ މުޙައްމަދު ސަޢީދު ރަމަޟާން އަލްބޫތީ އަވަހާރަކޮށްލުން ކަމަށް ސޫރިޔާގެ އަމްނާބެހޭ ދާއިރާތަކުން ބުނެ އެވެ. އަލްޢައްލާމާ މުޙައްމަދު ސަޢީދު ރަމަޟާން އަލްބޫތީ އަކީ އަރަބި ދުނިޔޭގައި ތިއްބެވި އެންމެ އިސް ޢލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ސޫރިޔާގައި ވަރަށް ޤަދަރުވެރި ބޭފުޅެކެވެ. ނަމަވެސް ރައީސް ބައްޝާރުލްއަސަދުގެ އަނިޔާވެރި ވެރިކަމަށް ތާއީދުކުރައްވުމުން ޢައްލާމާ އަލްބޫތީ ގެ ތެދުވެރިކަމާ މެދު ބައެއްފަރާތްތަކުން ވަނީ ސުވާލު އުދައްދާފަ އެވެ. ޢައްލާމާ އަލްބޫތީ ވަނީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަކީ ސޫރިޔާގެ މުޖްތަމަޢު ހަލާކުރާ ބިމުގައި ފަސާދަކުރާ ބައެއް ކަމަށް ސިފަކުރައްވާފަ އެވެ.

އުމުރުފުޅުން 84 އަހަރުގެ ޢައްލާމާ އަލްބޫތީ އަވަހާރަކޮށްލުމާ ގުޅިގެން ރައީސް ބައްޝާރުލް އަސަދު، އޭނާގެ ޢާއިލާއަށް ފޮނުއްވި ތަޢްޒިޔާގައި އަލްބޫތީ ސިފަކުރައްވާފައި ވަނީ ޝަހީދެއްގެ ގޮތުގަ އެވެ. އަދި ހައްދުފަހަނަޅާފައިވާ ފަރާތްތަކުގެ ދުވަސް ދުއްވާލައި އެމީހުންގެ ނުރައްކަލުން ސޫރިޔާ ސަލާމަތް ކުރައްވާނެ ކަމަށް ވެސް ބައްޝާރުގެ ތަޢްޒިޔާގެ މެސެޖްގައިވެ އެވެ. ދިމިޝްޤުގެ "ޖާމިޢުލްއީމާން" މިސްކިތަށް ދިން ބޮމުގެ ޙަމަލާ، ސޫރިޔާގެ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަޙްމަދު މުޢާޛުލްޚަތީބު ވެސްވަނީ ކުށްވެރި ކުރައްވާފަ އެވެ. އަދި ޢައްލާމާ އަލްބޫތީ އަވަހާރަކޮށްލުމަކީ ވެސް ބޮޑުވެގެންވާ ޖަރީމާއެއް ކަމަށް ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ސިޔާސީ ކޯލިޝަންގެ ވެރިޔާ މުޢާޛުލްޚަތީބު ވިދާޅުވި އެވެ.

ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރެއަށް އަވަށްޓެރި ޢިރާޤުގައި ޙަރަކާތްތެރިވާ އަލްޤާޢިދާ ފިކުރުގެ ހަނގުރާމަވެރިން ވަންނަމުންދާ ކަމަށާއި މިކަމުގެ ސަބަބުން ސޫރިޔާގެ ހަނގުރާމަވެރިންގެ ރީތިނަން ކިލަނބުވެ ރައީސް ބައްޝާރުލްއަސަދުގެ އަނިޔާވެރި ވެރިކަން ދިފާޢު ކުރުމުގެ ފުރްސަތު އޭނާއަށް ތަނަވަސް ވަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)