23 Mar 2013, 09:32
ރާއްޖޭގައި މިހާރު އޮތީ ޑިމޮކްރަސީއެއް ކަމަށް ރާއްޖޭން ދައުވާ ކުރެއެވެ. ސަރުކާރާއި ސިޔާސީ ޕާޓީތަކުން ފެށިގެން ވަކިވަކި ފަރުދުންނާ ހަމައަށެވެ. އެއީ ރަނގަޅު ދައުވާއެއް ކަމަށްވާ ނަމަ ހަބަރާއި މައުލޫމާތު ފަތުރައި، ރައްޔިތުން ހޭލުންތެރި ކުރާނެ ރަނގަޅު ނޫސްވެރިކަމެއް ރާއްޖެއަށް ބޭނުން ވެއެވެ.
ރާއްޖޭގައި މިހާރު ރަނގަޅު ނޫސްވެރިކަމެއް އެބަ އޮތް ތޯ މި ހިސާބުން ސުވާލު އުފެދެއެވެ. މި ކަމުގައި އެކި މީހުންގެ ހިޔާލު ތަފާތު ވެދާނެއެވެ. އެކިއެކި ދާއިރާތަކުގައި މަސައްކަތް ކުރާ، އެކި ފަންތީގެ މީހުންނާ ސުވާލު ކޮށްލުމުން ވެސް ފާހަގަވީ އެއް ކަމެއް އެބަ ވެއެވެ. އެއީ ރާއްޖޭގައި މިހާރު ހުރި ހަބަރު ފަތުރާ ވަސީލަތްތަކާއި އެ ތަންތާގައި މަސައްކަތް ކުރާ ނޫސްވެރީންގެ ވެސް ރަނގަޅު ކުރާން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމެވެ. ކުރު ގޮތަކަށް ބުނާ ނަމަ ރަނގަޅު ނޫސްވެރިކަމެއް އުފެއްދުމަށް ކުރާން ޖެހޭ ކަންތައްތައް ގިނަ ކަމެވެ.
"ރާއްޖޭގެ މީޑިއާގެ ބައެއް ވަސީލަތްތައް ސިފަ ވަނީ ބައެއްގެ އަމިއްލަ މަގުސަދުތަކެއް ހާސިލު ކުރާން ބޭނުން ކުރާ ވަސީލަތެއްގެ ގޮތުގައި، ގައުމީ މަސްލަހަތަށް މަސައްކަތް ކުރާ ތަނެއް ނުފެނޭ، މަދުމަދުން އެފަދަ މަސައްކަތް ނުކުރެއެކޭ ނޫން،" މީޑިއާތަކާ މެދު ދެކޭ ގޮތް ހާމަ ކުރަމުން ސިވިލް ސާވަންޓެއް ކަމަށް ވާ އާމިނަތު އަންވަރީ ބުންޏެވެ.
ޒިންމާދާރު މަގާމެއް އަދާ ކުރަމުން އަންނަ ހަސަން ޝާކިރު ބުނީ ރާއްޖޭގެ މީޑިއާތައް، ހާއްސަކޮށް، ނޫސްތައް ސިފަ ވަނީ ވާހަކަ ފޮތެއް ގޮތަށް ކަމަށެވެ. "އެއްވެސް ހަބަރެއް ނޫނީ ރިޕޯޓެއް ގެންނަ އިރު ރަނގަޅު މަގަށް، މީހުން ގެންދިއުމަށް އެއްވެސް ބާރެއް އަޅައިފައެއް ނުހުރޭ، ހަމަ ދެން މައުލޫމާތުތަކެއް އަޅައިލައިފައި ހުންނަނީ. މީހުން ހުސްވަގުތު ފުރާން ކިޔާލާ ވާހަކަ ފޮތެކޭ އެއްގޮތް،" ޝާކިރު ބުންޏެވެ.
ވާހަކަ ދެއްކި އެހެން މީހަކު ބުނީ ސިޔާސީ ގޮތުން ދެކޭ ގޮތްތައް ފެތުރުމާ އެކު ވެސް ރާއްޖޭގެ މީޑިއާތައް މަސައްކަތް ކުރާ ގޮތް ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށެވެ. "ދެން ވަރަށް ރަނގަޅެއް ނޫންތޯ، ހިނގާ ކަންތައްތަކުގެ މައުލޫމާތު ވަރަށް އަވަހަށް ރައްޔިތުންނާ ހަމައަށް ފޯރު ކޮށްދޭ ތަން ފެންނަނީ. އެ ބަޔަކު ގަބޫލު ކުރާ ސިޔާސީ ވިސްނުންތަކަކާ އެކު ނަމަވެސް،" އޭނާ ބުންޏެވެ.
ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވާންދެން މަސައްކަތް ކުރައްވައިފައި ވާ އަދި ނޫސްވެރީންގެ މިނިވަންކަމަށް ގޮވާލާ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ރައީސް އަހުމަދު ޒާހިރު (ހިރިގާ ޒާހިރު) ވެސް ވިދާޅުވީ ރާއްޖޭގެ ނޫސްވެރިކަން މިހާރު އެތައް ތަނަކުން ކުރިއަރައި ރަނގަޅު ވެފައިވާ ކަމަށެވެ.
"މީގެ ދިހަވަރަކަށް އަހަރު ކުރިއާ އަޅާ ބަލާއިރު މިހާރު ރާއްޖޭގެ ނޫސްވެރިކަން ރަނގަޅޭ ދެންނެވޭނީ. ހިނގާ ކަންތައްތަކުގެ މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭ އެބަ، އެބައެއްގެ ވިއުއާ އެކު ނަމަވެސް، ދެން އެގޮތަށް އެ ބަޔަކު ގަބޫލުކުރާ ވިސްނުންތަކެއް އޭގައި އެކުލެވުން އެއީ މުޅި ދުނިޔޭގައި ވެސް މިހާރު އޮތް ކަމެއް،" ޒާހިރު ވިދާޅުވިއެވެ.
ރަނގަޅު ނޫސްވެރިކަމަކަށް ރާއްޖޭގައި އެކަށީގެންވާ ވަރުގެ މިނިވަންކަން އޮތް ކަމަށް ގަބޫލެއް ނުކުރެވެއެވެ. އެ ކަން ވަނީ ބައިނަލްއަގުވާމީ ނޫސްވެރީންގެ ޖަމިއްޔާތަކުން ވެސް މިދިޔަ އަހަރު ފާހަގަ ކޮށްފައެވެ.
"ސިޔާސީ ފަރާތްތަކުން މީޑިއާ އިންސްޓިޓިއުޝަންތައް ހިންގާތީ އެ ފަރާތްތަކުގެ ނުފޫޒު ނޫސްވެރީންގެ މައްޗަށް ވަރަށް ބޮޑަށް އެބަ އޮވޭ. ނަމަވެސް އެ މިނިވަންކަން ދީގެން ހިންގާ ތަންތަން ވެސް އެބަހުރި. އެކަމަކު ދައުލަތުގެ އެކި ބާރުތަކުން ވެސް ނޫސްވެރީންނަށް ދަނީ އެކި ހުރަސްތައް ކުރިމަތި ކުރަމުން. އޭގެ މިސާލެއް ދާދި މިދާކަށް ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިމްތިޔާޒުގެ ބިލަކީ، ނޫސްވެރީންނަށް ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައި ވާ މަސްދަރު ހިމާޔަތް ކުރުމުގެ ހައްގު ވެސް އެ ގާނޫނުން އެ ވަނީ ނައްތައިލައިފައި،" ނޫސްވެރިކަމަށް ހުރި ހުރަސްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޒާހިރު ވިދާޅުވި އެވެ.
ނޫސްވެރިކަމުގެ މިނިވަން ކަމަށް އެޅިފައިވާ އަނެއް ހުރަހަކީ ދައުލަތުގެ އެކި އެކި މުއައްސަސާތަކުން މައުލޫމާތު ނުދީ ހިފަހައްޓަމުން ދާ ހިފެހެއްޓުމެވެ. ރުހޭ ޓީވީއެއް ނުވަތަ ނޫހަކަށް ނޫނީ މައުލޫމާތު ނުދިނުމާއި އެކި އެކި އިވެންޓްތަކުން ޖާގަ ނުދިނުމެވެ.
ބައެއް ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ ވެރީންގެ ފަރާތުން ކުރިމަތި ވާ ފިއްތުންތަކަކީ ވެސް ނޫސްވެރިކަމަށް އޮތް ހުރަހެކެވެ. ފުރައްސާރަ ކުރުމާއި ބިރު ދެއްކުންތަކުން ފެށިގެން ގޮސް ނޫސްވެރީންނަށް ވަރުގަދަ ހަމަލާ ދިނުމުގެ ހާދިސާތައް ވެސް ފަހަކަށް އައިސް ވަނީ ހިނގައިފައެވެ. "ސިޔާސީ ގޮތުން އެބަޔަކު ގަބޫލު ނުކުރާ ވާހަކަތަކެއް މީޑިއާއަކުން އަޑު އިވިއްޖެ ނަމަ ފުރައްސާރަކޮށް، ބިރުދައްކައި، ހަމަލާ ދޭ ކަން ވެސް އެބަ ފާހަގަ ކުރެވޭ. މިއީ ވެސް ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަހެއް،" ޒާހިރު ވިދާޅުވިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަން ފުޅާ ކުރުމަށާއި ނޫސްވެރިކަމުގެ ފެންވަރު ރަނގަޅު ކުރުމުގެ ޒިންމާ އެޅިފައިވާ މުއައްސަސާތައް ވަނީ އުފެދިފައެވެ. ބޮޑެތި މުސާރަ އާއި އަތްދަށުގައި މަސައްކަތް ކުރާނެ މުވައްޒަފުންނާއި ވަސީލަތްތަކާ އެކު އެ ތަންތަނަށް މެމްބަރުން ވަނީ އައްޔަން ކޮށްފައެވެ. މީޑީއާ ކައުންސިލާއި ބްރޯޑްކާސްޓް ކޮމިޝަނަކީ އެފަދަ ދެ މުއައްސަސާއެވެ.
ނަމަވެސް ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރު ކޮށްދިނުމަށް އެކަށީގެންވާ މަސައްކަތްތައް ނުކުރާ އިރު ނޫސްވެރިކަން މޮނިޓާކޮށް ރަނގަޅު ކުރުމަށް ވެސް އެ ދެ މުއައްސަސާ ވަނީ ނުކުޅެދިފައެވެ.
"ބައްލަވާ އިމްތިޔާޒުގެ ގާނޫނުން، ނޫސްވެރިންގެ މިނިވަންކަން ހަނިވާތީ އަޅުގަނޑުމެން (އެމްޖޭއޭ) އިން އެ މައްސަލަ އެ ވަނީ ކޯޓަށް ވެސް ވައްދައިފައި، އެ ގާނޫނު ފާސްކުރުމަށް ވޯޓް ދެއްވި ބައެއް މެމްބަރުން ވެސް މިހާރު އެ ވަނީ އެކަން ގަބޫލު ކުރައްވައިފައި، އެކަން އިސްލާހު ކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އެ ވަނީ ހުށަހަޅައިފައި، މިހާ ހިސާބަށް ދިޔައިރު ވެސް ބްރޯޑްކާސްޓް ކޮމިޝަނުން މިކަމާ ބަހެއް ވެސް ނުބުނޭ،" ޒާހިރު ވިދާޅުވިއެވެ.
ރާއްޖޭގެ ނޫސްވެރިކަން ރަނގަޅު ކުރުމަށް ކުރާން ޖެހޭ، އެހެންނަމަވެސް ނުވެ ހުރި ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ޓީވީ މޯލްޑިވްސްގައި މަސައްކަތް ކުރައްވާ ސީނިއާ ނޫސްވެރިއެއް ކަމަށް ވާ ހަސަން ޒިޔާއު ވިދާޅުވީ ނޫސްވެރީންނަށް ރަނގަޅު ތަމްރީނު ދީ ހޭލުންތެރިކަން އިތުރު ކުރާން ޖެހޭ ކަމަށެވެ. ނޫސްވެރީންގެ މިނިވަންކަމަށް ހުރަހެއް އޮތް ކަމަކަށް އޭނާ ނުދެކެއެވެ.
"މިނިވަންކަން އިންތިހާއަށް އެބަ އޮތް، އެކަން ނޫސްތަކުންނާ ޓީވީތަކުން ވަރަށް ރީއްޗަށް އެބަ ފެނޭ ނޫންތޯ؟ އެކަމަކު ޒިންމާ އުފުލައި، ޒިންމާދާރުކަމާ އެކު މަސައްކަތް މި ކުރަނީ މަދު ބަޔަކު،" އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ރަނގަޅު ނޫސްވެރިކަމަކަށް ޖާގަ އޮތް ކަމަކަށް އަދި ބުނެވޭކަށް ނެތެވެ. ސިޔާސީ ފިއްތުންތައް އޮތީމައެވެ. ނޫސްވެރީންނަށް އެކަށީގެންވާ ތަމްރީނު ދޭން މީޑިއާ އިންސްޓިޓިއުޝަންތަކުން ފަސް ޖެހޭތީއެވެ. މިކަންކަން ރަނގަޅު ވާން ޖެހެއެވެ.