ބައިރޫތު (މާޗް 23): ލުބްނާނުގެ ބޮޑުވަޒީރު މުހައްމަދު ނަޖީބު މީޤާތީ އާއި އޭނާގެ ކެބިނެޓް، މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ.

އިސްތިއުފާ އިޢްލާން ކުރައްވަމުން މީޤާތީ ވިދާޅުވީ އޭނާއާއި އޭނާގެ ކެބިނެޓް މަޤާމުން އިސްތިއުފާ ދިނުމަށް ނިންމީ ލުބްނާނުގެ ސިޔާސީ މަސްރަޙު މިހާރު އޮތްގޮތުން ހުރިހާ ސިޔާސީ ފަރާތްތަކެއް ގުޅިގެން ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާނުލައިފި ނަމަ އަޑިނޭނގޭ ވަޅުގަނޑަކަށް ލުބްނާނު ވެއްޓިގެންދާނެތީ އެފަދަ ސަރުކާރެއް ވުޖޫދަށް ގެނައުމަށް މަގުފަހިކުރުމުގެ ގޮތުންނެވެ. މިއީ އަމިއްލަ މަސްލަޙަތަށް ވުރެ ގައުމީ މަސްލަޙަތު ކުރިޔަށް ނެރުމުގެ ގޮތުން އެޅުއްވި ފިޔަވަޅެއްކަމަށް މިޤާތީ ވިދާޅުވި އެވެ.

ލުބްނާނުގެ ބޮޑުވަޒީރާއި ކެބިނެޓް އިސްތިއުފާ ދިނީ ކެބިނެޓްގެ މެންބަރުންގެ ތެރޭގައި ވެސް ޚިޔާލުތަފާތުވުންތައް ބޮޑުވެ ކަންތައްތައް ނިންމުމަށް ދަތިވަމުންދިޔުމާ އެކު ކެބިނެޓްގެ ޖަލްސާތައް ވެސް މިދުވަސްވަރު ނުބޭއްވުމަށް ރައީސް މިޝައިލް ސުލައިމާން އިލްތިމާސް ކުރައްވާފައިވަނިކޮށެވެ. މިއީ ލުބްނާނުގެ އާންމު އިންތިޚާބުގެ އަހަރުކަމަށްވެފައި އިންތިޚާބުގައި ވާދަކުރާ ފަރާތްތައް ކެބިނެޓްގައި ވެސް ތިބުމުގެ ސަބަބުން އިންތިޚާބުގެ ކަންތައްތައް ބަލައި ސްޕަވައިޒް ކުރާނެ ކޮމިޓީއެއް އެކުލަވާލުމުގައި ވެސް ކެބިނެޓް ވަނީ ނާކާމިޔާބުވެފަ އެވެ. މިޤާތީ ވިދާޅުވީ ލުބްނާނަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރެވޭނީ ހުރިހާ ވިސްނުމެއްގެ ސިޔާސީ ފަރާތްތަކެއް ހިމެނޭ ގައުމީ އެއްބައިވަންތަ ކަމުގެ އިންތިޤާލީ ސަރުކާރެއް އެކުލަވާލައިގެން ކަމުގަ އެވެ. އާންމު އިންތިޚާބަށް ފަހު އިންތިޚާބުގެ ނަތީޖާގެ މައްޗަށް ބިނާވެފައިވާ ސަރުކާރެއް ދަސްތޫރުގެ މަތިން އެކުލަވާލެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީޤާތީ މަޤާމުން އިސްތިއުފާ ދެއްވިއިރު ލުބްނާންގައި ވަނީ ކުރިޔަށްވުރެ ވެސް ބޮޑަށް ފިތްނައިގެ ކަންތައްތައް ބޮޑުވެ މަޛްހަބީ ކުރިމަތިލުންތަކެއް ވެސް ހިނގަމުންނެވެ. ލުބްނާނުގެ ސިޔާސީ މަސްރަޙުގައި އެންމެ ބާރުގަދަ ތިންފަރާތަކީ އެގައުމުގެ މުސްލިމުންގެ ތެރޭގައި ހިމެނޭ ސުންނީންނާއި ޝިޔަޢީންގެ އިތުރުން މާރޫނީ ނަސާރާއިންނެވެ. މާރޫނީ ނަސާރާއިން ވެސް ވަނީ ސިޔާސީ ގޮތުން ބައިބައިވެފަ އެވެ. މިގޮތުން ނަސާރާއިންގެ އެއްބަޔަކު ގުޅިފައިވަނީ ސުންނީންނާއެވެ. އަނެއްބަޔަކު ވަނީ ޝިޔަޢީންނާ ގުޅިފަ އެވެ. އަދި ސުންނީން ވެސް ވަނީ ސިޔާސީ ގޮތުން ބައިބައިވެފަ އެވެ. މިގޮތުން ސުންނީންގެ އެއްބަޔަކު ވަނީ ޝިޔަޢީންނާ އަދި ނަސާރާއިންގެ ބަޔަކާވެސް ގުޅިފަ އެވެ.

އަވަށްޓެރި ސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމައިގެ ސަބަބުންވެސް ލުބްނާނުގެ މަސްރަޙްވަނީ އިތުރަށް ހަލަބޮލިވެފަ އެވެ. ޚާއްސަކޮށް ސޫރިޔާ އިން ހިޖްރަކުރާ ރެފިއުޖީން ވެސް ލުބްނާނަށް ވެފައި ވަނީ ތަހައްމަލް ނުކުރެވޭ ފަދަ ބޮޑު ބުރައަކަށެވެ. ލުބްނާނަކީ ޙާލުގައި ޖެހިފައިވާ ފަލަސްތީނުގެ ދެމިލިޔަނެއްހާ ރެފިއުޖީންނަށް ވެސް ހިޔާވަހިކަން ދީގެންއުޅޭ ގައުމެކެވެ. ސުންނީންގެ ސިޔާސީ ތަޖްރިބާކާރެއް ކަމަށްވާ މުޙައްމަދު ނަޖީބު މީޤާތީގެ ސަރުކާރު މިހާތަނަށް ދަމަހައްޓަމުން ގެންދިޔައީ ޝިޔަޢީންގެ ބާރުގަދަ ޖެ ޖަމާއަތް ކަމަށްވާ ހިޒްބުﷲ އާއި އަމަލް މޫމެންޓްގެ އިތުރުން ނަސާރާއިންގެ ޕާޓީއެއް ކަމަށްވާ ކުރީގެ ރައީސް މިޝައިލް ޢަވްނުގެ ޕާޓީ ގުޅިގެންނެވެ.

މިޤާތީގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރި އިދިކޮޅު ކޯލިޝަންގައި ހިމެނެނީ ހުޅަނގާ ގުޅިފައިވާ ސުންނީ ބޭފުޅެއް ކަމަށްވާ ކުރީގެ ބޮޑުވަޒީރު ސައްދުލްޙަރީރީގެ ޕާޓީއާއި އޭނާއާ ގުޅިފައިވާ ނަސާރާ ޕާޓީތަކުންނެވެ. މިކޯލިޝަންގައި އިސްކޮށް ޙަރަކާތްތެރިވަނީ ނަސާރާއިންގެ އަލްކަތާއިބު ޕާޓީއެވެ. (އަލްޖަޒީރާ)