17 Oct 2010, 04:55
ރާއްޖެގައި ވަޒީފާ އަދާނުކުރާ އަންހެނުންގެ އަދަދު ފިރިހެނުންގެ އަދަދަށް ވުރެ 16 ޕަސްންޓު އިތުރު ކަމަށް ވޯލްޑް އެކޮނޮމިކް ފޯރަމް (ޑަބްލިއުއީއެފް) އިން ބުނެފި އެވެ.
ޑަބްލިއުއީއެފް އިން ނެރެފައިވާ "ގްލޯބަލް ޖެންޑާ ގެޕް ރިޕޯޓް 2010" ގައި ބުނެފައި ވަނީ ދިވެހި ރާއްޖޭގައި ވަޒީފާ އަދާކުރާ އަށް ޕަސަންޓު ފިރިހެނުން ތިބި ކަމަށާއި އަދި ވަޒީފާ އަދާނުކުރާ ފިރިހެނުންގެ ޕަސެންޓޭޖަކީ 24 ކަމަށެވެ.
އެ ރިޕޯޓްގައި ބުނާ ގޮތުން ފަށާ ތައުލީމު ހޯދާ ފިރިހެނުންގެ އަދަދު އަންހެނުންގެ އަދަދަށް ވުރެ ގިނަ އެވެ. އަދި އެއީ 97 ޕަސަންޓު ފިރިހެނުންނެވެ. އަންހެން ޖިންސުގެ އެ ނިސްބަތް އުޅެނީ 95 ޕަސަންޓްގަ އެވެ. ނަމަވެސް މަތީ ތައުލީމު ހޯދާ އަންހެނުންގެ އަދަދު ފިރިހެނުންނަށް ވުރެ ތިން ޕަސެންޓް އިތުރެވެ. މަތީ ތައުލީމު ހޯދާ އަންހެނުންގެ ޕަސެންޓޭޖަކީ 71 އެވެ. އަދި ފިރިހެނުންގެ އަދަކީ 68 ޕަސަންޓެވެ. ލިޔަން ކިޔަން ދަންނަ އަންހެނުންނާއި ފިރިހެނުންގެ އަދަދު ހަމަހަމަ އެވެ. އެއީ ދެ ބައި މީހުން ވެސް 98 ޕަސަންޓެވެ.
ފަށާ ތައުލީމުގައި ކިޔަވައިދޭ ދިވެހި ރާއްޖޭގެ ޓީޗަރުންގެ ތެރެއިން 72 ޕަސަންޓު ޓީޗަރުންނަކީ އަންހެނުން ކަމަށާއި މަތީ ތައުލީމުގައި ކިޔަވައިދޭ އަންހެން ޓީޗަރުން ޕަސަންޓަކީ 35 ކަމަށް އެ ރި ޕޯޓުގައި ބުނެފައިވެ އެވެ. އެހެންކަމުން ފަށާ ތައުލީމުގައި ކިޔަވައިދޭ ފިރިހެން ޓީޗަރުންގެ ޕަސެންޓޭޖަކީ 28 އެވެ. އަދި މަތީ ތައުލީމުގައި ކިޔަވައިދޭ ދިވެހި ފިރިހެން ޓީޗަރުންގެ ޕަސެންޓޭޖަކީ 72 އެވެ.
ދިވެހި ރާއްޖޭގައި އަންހެނުންނާއި ފިރިހެނުންގެ އުމުރު އެވަރެޖް ގޮތެއްގައި އެއްވަރު ކަމަށް އެ ރިޕޯޓު ބުނެ އެވެ. އެއީ 64 އަހަރެވެ.
ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ތެރެއިން ހަ ޕަސެންޓް މީހުންނަކީ އަންހެނުން ކަމަށާއި 94 ޕަސެންޓް މީހުންނަކީ ފިރިހެނުން ކަމަށް އެ ރިފޯޓު ބެނެ އެވެ. އަދި މިނިސްޓަރުންގެ ތެރެއިން ހަތް ޕަސެންޓަކީ އަންހެނުން ކަމަށާއި 93 ޕަސެންޓަކީ ފިރިހެނުން ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ވޭތުވެ ދިޔަ 50 އަހަރުގެ ތެރޭގައި އަންހެނަކު ދިވެހި ރާއްޖޭގެ ވެރިކަމާ ހަވާލުވެފައި ނުވާކަން އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.
"ގްލޯބަލް ޖެންޑާ ގެޕް ރިޕޯޓަކީ" ކޮންމެ އަހަރަކު އެއްފަހަރު ޑަބްލިޔުއީއެފް އިން އަންހުންނާއި ފިރިހެނުން ތަފާތު ދާއިރާ ތަކުގައި އަޅައި ކަޔައި ތައްޔާރު ކުރާ ރިޕޯޓެކެވެ.