22 Mar 2013, 21:26
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު ދިރާގު ދިވެހި ލީގުގެ ދިހަ ވަނަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ކުލަބް އީގަލްސް ބައްދަލު ކުރި މެޗު، ދެ ލަނޑު ސުންލަނޑުން އީގަލްސް ބަލިކޮށް ދިވެހި ލީގު ތާވަލުގެ އެއްވަނަ މަގާމަށް މާޒިޔާ ޖެހިލައިފި އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުންވެސް ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެޓީމުންވެސް ލަނޑުޖަހާނޭ ފުރުސަތުތައް ތަނަވަސް ކުރިނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ. މެޗުގެ ފުރަތަމަ ކޮޅުގައި މާޒިޔާގެ މުހައްމަދު އާރިފު (ބަކާ) އަށް ލިބުނު އަނިޔާއަކާ ގުޅިގެން މެޗުގެ 11 ވަނަ މިނިޓުގައި މާޒިޔާޓީމުން ބަދަލެއް ގެނައެވެ. އެގޮތުން ބަކާގެ ބަދަލުގައި ކުޅެން އެރުވީ އިބްރާހީމް ޝިޔާމް (ދޮނާ) އެވެ.
މާޒިޔާއިން މެޗުގެ ކުރި ހޯދީ ދެވަނަ ހާފުގެ 81 ވަނަ މިނިޓުގައި އީގަލްސްގެ ޕެނަލްޓީއޭރިޔާ ތެރެއިން އެކުލަބުގެ މުހައްމަދު ތަސްނީމް މާޒިޔާގެ އަހްމަދު ރަޝީދު (އައްމަޑޭ) އަށް ކުރި ފައުލަކާ ގުޅިގެން އެޓީމަށް ލިބުނު ޕެނަލްޓީއަކުން މާޒިޔާ އަދި ގައުމީ ޓީމުގެ ހުނަރުވެރި ފޯވަޑް އަސަދުﷲ ޢަބްދުﷲ އެވެ. އަދި އޭގެ ހަތް މިނިޓުފަހުން އީގަލްގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު އީގަލްސްގެ ގޯލްގެ ވާތްފަރާތު ތިރީ ކަނަށް ބޯޅަ ވައްދާލައިގެން މާޒިޔާގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ އައްމަޑޭ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އަދި އިތުރުވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނިޓުގެ ކުޅުން ނިމުނުފަހުން މާޒިޔާގެ ކީޕަރު އަލީ ޢިމްރާނަށް ރެފްރީވަނީ ރަތްކާޑެއް ދައްކާފަ އެވެ. އިމްރާނަށް ރެފްރީ ރަތްކާޑު ދައްކާފައިވަނީ މެޗުގެ ފަހު ހާފުގައި އިމްރާނަށް ރީނދޫކާޑެއް ދައްކާފައި ވަނިކޮށް މެޗުނިމިގެން ދަނޑުމަތީގައި ހިނގި ކޮންމެވެސް ދެބަސްވުމަކާ ގުޅިގެން ރެފްރީ އޭނާއަށް އިތުރު ރީދޫ ކާޑެއް ދެއްކުމަށްފަހު އެވެ.
މިއަދުގެ މެޗުން މޮޅުވުމުން މާޒިޔާ ވަނީ ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އަދި ބައިކޮޅަށް ލަނޑެއް ނުވަދެ ނުވަ ޕޮއިންޓާ އެކު ތާވަލުގެ ކުރި ހޯދާފަ އެވެ. އަދި މިއަދުގެ މެޗުން ބަލިވުމުން އީގަލްސް އޮތީ ކުޅުނު އެއްމެޗުން މޮޅުވެ، އެއްމެޗު އެއްވަރުވެ އަދި އެއްމެޗުން ބަލިވެ ހަތަރު ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގަ އެވެ. ހަޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި ނިއުރޭޑިއެންޓް އޮތް އިރު ހަ ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ތާވަލުގެ ތިންވަނައިގައި އޮތީ ކުލަބު ވެލެންސިޔާ އެވެ.
މާދަމާ ހަވީރު 4:00ގައި ގަލޮޅު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ ދިރާގު ދިވެހި ލީގުގެ މެޗުގައި ބައްދަލު ކުރާނީ ތާވަލުގެ ހަވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކުލަބާއި އަށް ޓީމު ބައިވެރިވާ ލީގު ތާވަލުގެ ފުލުގައި އޮތް ބީޖީ ސްޕޯޓްސް އެވެ.