ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިވެއިގެން ސުޕުރީމް ކޯޓާއި ދެކޮޅަށް އެމްޑީޕީން މިއަދު މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ބާއްވައިފި އެވެ.

އުސްފަސްގަނޑު ސަރަހައްދުން މިއަދު ހަވީރު 4:30 އެހާކަންހާއިރު ފެށި ހިނގާލުމުގައި ރައީސް ނަޝީދު އިސްކޮށް ހުންނެވި އިރު އެމަނިކުފާނާ އެކު އެމްޑީޕީގެ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުންނާއި ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންގެ އިތުރުން ކުރީގެ ސަރުކާރުގެ ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

މިއަދުގެ ހިނގާލުމުގައި މެދުޒިޔާރަތް މަގާއި ސުޕްރީމް ކޯޓު ކައިރީ ހުންނަ ބަންޑާރަ މިސްކިތް ކައިރިއަށް މަޑުކޮށް ޝުއޫރުފާޅުކޮށް ފައިވާ އިރު އެއްވެސް ވަރެއްގެ ހަމަނުޖެހުމެއް ހިންގާފައި ނުވެއެވެ. ސުޕްރީމް ކޯޓު ކުރިމައްޗަށް ނުދެވޭގޮތަށް އެވަގުތު ސިފައިން ވަނީ އެ ސަރަހައްދު ބަންދުކޮށްފަ އެވެ.

އެމްޑީޕީގެ ގިނަ ސަޕޯޓަރުން ބައިވެރިވި ހިނގާލުމުގައި ސުޕުރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު އުވާލުމަށް ގޮވާލާފައި ވެއެވެ. އަދި ޝަރުއީ ނިޒާމަށް ތާފާތު އެކި އެކި ފާޑުކިޔުންތަކެއް އަމާޒުކޮށްފައިވާއިރު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އިސްތިއުފާއަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވާފައި ވެއެވެ.

ގިނަ ދުވަސްތަކަކަށް ފަހު މިއަދު ބޭއްވި ހިނގާލުން ކުރިއަށް ދިޔަ ވަގުތު އެމްޑީޕީގެ ޕާލަމެންޓުރީ ގުރޫޕުގެ ދެ މެމްބަރުން ކަމަށްވާ ދިއްދޫ ދާއިރާގެ މެމްބަރު އަހުމަދު ސަމީރާއި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވަނީ ވާހަކަދައްކަވާފަ އެވެ.

އެ ދެ ބޭފުޅުންގެ ވާހަކައިގައި ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލުމަށް މަސައްކަތް ނުކުރުމަށް ގޮވާލަފައި ވެއެވެ. އަދި ޝަރުއީ ނިޒާމް އިސްލާހު ކުރަންޖެހިފައިވާ ކަމަށާއި ޚާއްސަ ކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ބަދަލު ކުރަން ޖެހިފައިވާ ކަމަށް އެ ދެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

ސުޕްރީމް ކޯޓާ ދެކޮޅަށް އެމްޑީޕީން ހިނގާލުމެއް ބާއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ އިތުބާރު ނެތްކަމަށް ނަގާ ވޯޓުތައް ސިއްރު ކުރުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށާއި އަދި ސިވިލްސާވިސް ކޮމިޝަންގެ މެންބަރު ކަމުން މުހައްމަދު ފަހުމީ ހަސަން ވަކިކުރައްވާފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.