22 Mar 2013, 19:00
މަސްތުވާ ބޭހެއް ވިޔަފާރިކުރުމަށް އަތުގައި ބެހެއްޓި މީހަކު 10 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ ހުކުމް ކޮށްފައި ވަނީ ގ. ޕްރެސްލައިޓް އަމްޖަދު ރަޝީދުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 9:00 ހާއިރު އޭނާގެ ގޭގެ ފާޚާނާ ތެރޭގައި އިތުރު ބަޔަކާ އެކު މަސްތުވާތަކެތި ބޭނުންކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ފާޚާނާތެރެއަށް ވަދެ އޭނައާ އިތުރު ދެމީހުން ހައްޔަރުކޮށް އޭނާގެ ހަށިގަނޑު ބަލައި ފާސްކުރި އިރު މަސްތުވުމަށް ބޭނުންކުރާ ބޭހެއް ފެނިފައިވާ ކަން އޭނާގެ ބަހުން އެނގޭ ކަމަށެވެ.
އަމްޖަދުގެ ވައަތު މުށުތެރެއިން ފެނުނު މަސްތުވާ ބޭސް އަޅާފައިވާ އެއްޗަކީ އޭނާގެ އެއްޗެއް ނޫންކަމަށާއި އެއީ ފާޚާނާ ތެރޭގައި ހުރި އެއްޗެއްކަމަށް އަމްޖަދު ބުނިނަމަވެސް އޭނާއަށް އެކަން ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ވެސް އެ ހުކުމްގައި ބުނެފައި ވެއެވެ.
އޭނާގެ އަތުން ފެނުނު ޕެކެޓުގައިވާ ތަކެތި ތަހުލީލު ކުރި އިރު އޭގައި 0.0581 ގްރާމް އެސިޓައިލް މޯފިނާއި 0.1729 ގްރާމް ޒެނެކްސް ހުރިކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގޭއިރު އެއީ އެފަދަ ބޭހެއް އެއްފަހަރާ ޑޮކްޓަރު ލިޔެދޭ މިންވަރަށް ވުރެ އިތުރު އަދަދެއް ކަމަށް ވެސް އެ ހުކުމްގައި ބުނެފައި ވެއެވެ.