އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލް (ޔޫއެންއެޗްއާރުސީ)ގައި އިންޑިއާ އިން ލަންކާއާ ދެކޮޅަށް ވޯޓުދީފައި ވަނީ ފިއްތުންތަކުގެ ސަބަބުން ކަމަށް ބުނެ، އިންޑިއާގެ ވޯޓާ މެދު ހިތްހަމަނު ޖެހޭ ކަމަށް ލަންކާ އިން ބުނެފި އެވެ.

އިންޑިއާގެ ޒީނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ސްރީލަންކާ އިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނާ ޕުރަސާދު ކަރިޔަވަސަމް ވިދާޅުވީ އެމެރިކާ އިން އިސްނަގައިގެން ޔޫއެންއެޗްއާރުސީއަށް ހުށަހެޅި ގަރާރަކީ ލަންކާގެ ސަރުކާރުން ބަލައިގަންނަ ގަރާރެއް ނޫން ކަމަށެވެ.

އެމެރިކާ އިން ޔޫއެންއެޗްއާރުސީއަށް ހުށަހެޅި ގަރާރަކީ ލަންކާގައި ވަކިވެގަންނަން މަސައްކަތްކުރި ތަމަޅަ ޓައިގަރުން ބަލިކުރުމުގެ ތެރޭގައި އަދި އޭގެ ފަހުން ވެސް ލަންކާގެ އަސްކަރިއްޔާ އިން އިންސާނިއްޔަތާ ހިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ އެކަންކަން ތަހުގީގުކުރުމަށް ގޮވާލާ ހުށަހަޅާފައިވާ ގަރާރެކެވެ.

މިގަރާރާ އެއްކޮޅަށް 25 ގައުމަކުން ވޯޓު ދީފައިވާ އިރު، ރާއްޖެ އަދި ޕާކިސްތާން ހިމެނޭ ގޮތަށް 14 ގައުމަކުން ވޯޓު ލާފައި ވަނީ ގަރާރާ ދެކޮޅަށެވެ. ޖުމްލަ 47 މެމްބަރުން ހިމެނޭ ޔޫއެންއެޗްއާރުސީގައި ހިމެނޭ އަށް ގައުމަކުން ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.

އިންޑިއާ އިން ލަންކާއާ ދެކޮޅަށް ވޯޓުދިނީ "ފިއްތުންތަކުގެ ސަބަބުން" ކަމަށް ލަންކާގެ ހައި ކޮމިޝަނާ ކަރިޔަވަސަމް ވިދާޅުވި ނަމަވެސް އެ ފިއްތުންތަކަކީ ކޮބައި ކަމެއް ކަރިޔަވަސަމް ތަފްސީލްކޮށް ދެއްވާފައެއް ނުވެ އެވެ.

ލަންކާގެ ގިނަ ތަރައްގީގެ މަޝްރޫއުތަކެއްގައި އެގައުމުން ޗައިނާއާ އެކު އެއްބާރުލުން ދެމުންދާ މައްސަލާގައި އިންޑިއާ އާއި ލަންކާއާ ދެމެދު މީގެ ކުރިން ހިޔާލުތަފާތު ވުންތަކެއް އުފެދިފައިވާ އިރު، އިންޑިއާ އިން އަންނަނީ އެގައުމުގެ އަވަށްޓެރިންނާ އެކު ޗައިނާއިން ބާއްވަމުންދާ ގާތް ގުޅުމާ މެދު ދޭތެރެ ދޭތެރެއިން ނުރުހުން ފާޅުކުރަމުންނެވެ.