22 Mar 2013, 18:39
ދުނިޔެ ހޫނު ވުމާއި، ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކާ މެދު މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުވުމުގެ ގޮތުން މުޅި ދުނިޔޭގައި ފާހަގަ ކުރާ "އާތު އަވާ" ކެމްޕެއިން ރާއްޖޭގައި ފާހަގަ ކުރުމުގެ ގޮތުން މާދަމާ ރޭ ތިން ގަޑިއިރަށް މުޅި ރާއްޖޭގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން ޓްރާންސްޕޯޓް އޮތޯރިޓީން މަނާކޮށްފި އެވެ.
މާދަމާ ރޭ ރާއްޖޭގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައި ވަނީ އެ ރޭގެ 7:30 އިން ފެށިގެން 10:30 އާ ދެ މެދުގެ ވަގުތުތަކުގައި ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުންޏެވެ.
އެ އޮތޯރިޓީން ބުނީ ދުއްވުން މަނާ ގަޑިތަކުގައި ދުއްވުން ހުއްދަ ވާނީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމުއުޅަނދާއި އެމްބިއުލެންސާއި ޚާއްސަ އެހީއަށް ބެނުންވާ މީހުން ދުއްވުމަށް ޚާއްސަ ކޮށްފައި ހުންނަ ސައިކަލުތަކަށް އެކަނި ކަމަށެވެ. އެ އޮތޯރިޓީން ބުނީ އެ ފަރާތްތައް ފިޔަވައި އިންޖީނުލީ އެހެން އުޅަނދު ދުއްވުމަކީ "އެއްގަމު ދަތުރުފަތުރު ޤާނޫނު" 2009/5ގެ 5 ވަނަ މާއްދާގެ (ރ)ގެ ދަށުން މަނާ ކަމެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.
މާދަމާ ރޭ ދުއްވަން ހުއްދަ ދީފައިވާ އުޅަނދު ފަހަރަށް އެއޮތޯރޮޓީން ޚާއްސަ ހުއްދައެއް ދެވޭ އިރު އަތޮޅުތަކުގައި ބޭނުންކުރާ އުޅަނދު ފަހަރަށް އަތޮޅު ކައުންސިލް އިދާރާ އިން ނުވަތަ ރަށު ކައުންސިލް އިދާރާ އިން ހުއްދަ ދިން ކަމުގެ ލިޔުން އޮންނަން ޖެހޭގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީން ބުންޏެވެ.
ފައިމަގުގައި ހިނގާފައި އުޅޭ ވަގުތާ ގުޅިގެން ހަމަޖައްސާފައިވާ އުސޫލުތަކާއި ޚިލާފުވާ ފަރާތްތަކާ މެދު އެއްގަމު ދަތުރުފަތުރު ޤާނޫނު 5/2009ގެ 65 ވަނަ މާއްދާގެ ދަށުން -/750 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށާއި އަދި ފުލުހުން އެކަން ބަލަމުން ގެންދާނެ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
މާދަމާ ރޭ ތިން ގަޑި އިރަށް ދުއްވުން މަނާކުރި އިރު ހަމަ އެރޭ ގެ 20:30 ން 21:30 އަށް ކޮންމެހެން ބޭނުންކުރަން ޖެހޭ އެއްޗެހި ފިޔަވައި އެހެން ހުރިހާ އެއްޗަކުން ކަރަންޓު ކަނޑާލުމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.