ރީނދުލަކީ ވަރަށް ކުރީ ޒަމަނުއްސުރެ ވެސް ހަން އަލި ކުރުމަށް ބޭނުން ކުރާ އެއްޗެކެވެ. މިއީ ޚާއްސަކޮށް އިންޑިޔާގައި ކައިވެނި ތަކުގައި އަންހެން ކުއްޖާގެ ހަން އަލި ކޮށް ރީތި ކުރުމަށް މިހާރު ވެސް ބޭނުންކުރަމުން އަންނަ އެއްޗެކެވެ. ވަރަށް ފަހުން ކުރި ދިރާސާ އަކުން އެނގިފައިވާ ގޮތުގައި ރީނދުލަކީ ބިހި ނެގުން ހުއްޓުވައި ދިނުމަށް ވެސް އެހީތެރިވެދޭ އެއްޗެކެވެ.

ރީނދުލަކީ ފަސޭހައިން ގޭގެ ބަދިގެއިން ލިބެން ހުންނަ އެއްޗެކެވެ. މީގެން ހަރަދު ކުޑަކޮށް އެކަމު ހަމަށާއި މޫނަށް ފައިދާ ހުރި މާސްކް ގޭގައި އަމިއްލައަށް ހެދިދާނެއެވެ.

ރީނދޫ މާސްކް އިން ލިބޭ ފައިދާ
• ރީނދުލަކީ ޑްރައި ސްކިން އަށް އޮތް ފަރުވާއެކެވެ.
• ރީނދުލުން ހަން ތާޒާކޮށްދެ އެވެ.
• ރީނދޫ މާސްކް ގަވައިދުން ބޭނުންކުރުމުން ހަމުގައި ރޫޖެހުން ލަސްކޮށްދެ އެވެ. އެހެންކަމުން ހަންގަނޑު މުސްކުޅިވުން ލަސްވާނެއެވެ.
• ރީނދުލުގެ ސަބަބުބް ހަން އަލި ކޮށްދެއެވެ. އަދި އުޖާލާ ކޮށްދެއެވެ.
• ހަނގަނޑުގައި ރީނދޫ ބޭނުން ކުރުމުގެ ސަބަބުން ގައިން އިސްތަށި ފެޅުން މަދުކޮށްދެއެވެ.
• ރީނދުލުގައި ހިމެނޭ އެންޓިސެޕްޓިކް، އެންޓި ބެކްޓީރިއަލް އަދި އެންޓި އިންފްލެމޭޓަރީ މާއްދާގެ ސަބަބުން ރީނދުލަކީ ބިހިނެގުން ހުއްޓުވުމަށާއި ބްލެކް ހެޑްސް އަށް ފަރުވާއެކެވެ.

ރީނދުލުން ހެދިދާނެ ބައެއް މާސްކް ތައް:
1. ބޭސިކް ރީނދޫ މާސްކް
އެންމެ އާދައިގެ މާސްކެއްގެ ގޮތުގައި މި މާސްކް ބޭނުން ކުރެވިދާނެއެވެ. މިއީ ޑްރައި ހަމަށް ރަނގަޅު މާސްކް އެކެވެ. މީގައި ހިމެނޭ ކިރުން ހަން އޮމާން ކޮށްދެއެވެ. އަދި ރީނދުލުގެ ސަބަބުން މޫނު ސާފުވެ އަލި ކޮށްދެ އެވެ.

ބޭނުން ވާނެ ތަކެތި:
• 1 ސައިސަމުސާ ހިކި ކިރު
• 1 ސައިސަމުސާ ރީނދޫ ޕޭސްޓް (ރީނދުލަށް ފިނިފެން އަޅައިގެން މި ޕޭސްޓް ތައްޔާރުކުރެވިދާނެއެވެ)
ހައްދަވާނެ ގޮތް:
ހިކިކިރާއި ރީނދޫ ޕޭސްޓް އެއްކޮށްލައްވާށެވެ. އަދި އިނގިލިން މޫނުގަޔާއި (ލޯކައިރި ފިޔަވާ) ކަރުގައި ޕޭސްޓް ހާކާލާށެވެ.

15 ނުވަތަ 20 މިނެޓް ވަންދެން ހާކައިގެން މަޑުކޮށްލައްވާށެވެ. މިހާރު ހުންނާނީ ޕޭސްޓް ހަރުވެ މޫނު ވާންވެފައެވެ. ދެން އައިސް ފެނުން މޫނު ރީތިކޮށް ދޮވެލާށެވެ. އަދި ތުވާލިން ހިއްކާފައި މޮއިސްޗަރައިޒިން ކްރީމް އެއް މޫނުގައި ހާކާށެވެ.

2. ފުށް، ކިރު، މާމުއި އަދި ރީނދޫ ފޭޝަލް މާސްކް
މިއީ ހުރިހާ ވައްތަރެއްގެ ހަމަކާ ގުޅޭ މާސްކް އެކެވެ. މި މާސްކުން ބިއްސަށް ވެސް ފަރުވާ ހޯދިދާނެ އެވެ. ކިރާ މާމުއި ގެ ސަބަބުން މި ރީނދޫ ފޭޝަލް މާސްކަކީ މޫނު ސާފުކޮށް، އުޖާލާކޮށް، މަޑުކޮށް އަދި މޮއިސްޗަރައިޒް ކުރާ މާސްކެކެވެ.

ބޭނުން ވާނެ ތަކެތި:
• 2 ސައިސަމުސާ ހިކި ފުށް
• ¼ ސައިސަމުސާ ރީނދޫ
• ޕެކެޓް ކިރު ފޮދެއް
• މާމުއި

ހައްދަވާނެ ގޮތް:
ފުށާއި ރީނދޫ އެއްކޮށްލުމަށް ފަހު، ކިރު އަދި މާމުއި އަޅައިގެން ޕޭސްޓެއް ހަދާށެވެ. މި ޕޭސްޓް ހަދާނީ އެހާ ދިޔާ ނުވާ (މޫނުގައި ހޭކުމުން ނުފައިބާ) ވަރަށެވެ.

މޫނުގަޔާއި ކަރުގައި ޕޭސްޓް (ލޯކައިރި ފިޔަވާ) ހާކާށެވެ. އަދި 10 މިނެޓް ބަހައްޓާށެވެ.
މޫނު ފުރަތަމަ އާދައިގެ ފެނުން ދޮވުމަށް ފަހު އައިސް ފެނުން ދޮވެލާށެވެ. އަދި ތުވާލިން ފެން ހިއްކާލާށެވެ. އެއަށްފަހު މޮއިސްޗަރައިޒަރ އެއް ހާކާށެވެ. އޭރުން މޫނު ވަރަށް ތާޒާ ވާނެ އެވެ.

3. އިންޑިއަން ރީނދޫ ފޭސް މާސްކް
މި މާސްކަކީ ގައިގެ ކޮންމެ ތަނެއްގައި ވެސް ބޭނުން ކުރެވިދާނެ މާސްކް އެކެވެ. މިއީ އިންޑިޔާ މީހުން ކައިވެނި ކުރުމުގެ އެއްދުވަސް ކުރިން ކައިވެނި ކުރާ އަންހެން ކުއްޖާގެ ގައިގައި ހާކަން ތައްޔާރުކުރާ މާސްކެކެވެ. މި މާސްކް ގެ ސަބަބުން ހަމުގެ ކުލަ އެއްވަރު ނުވެ ހުންނަ ތަންތަނުން ކުލަ އެއްވަރު ކޮށްދޭނެއެވެ.


ބޭނުން ވާނެ ތަކެތި:
• ޔޯގަޓް
• ރީނދޫ
• ލުނބޯ ހުތް
• ހިކި ފުށް

ހައްދަވާނެ ގޮތް:
ޕޭސްޓެއް ހެދުމަށް ހުރިހާ އެއްޗެއް ތައްޓަކަށް އަޅައި އެއްކުރާށެވެ. އެއަށްފަހު މި ޕޭސްޓް މޫނު، އަތް، ފައި އަދި މި ނޫނަސް ހަށިގަނޑުގެ ބޭނުންވާ އެހެން ގުނަވަންތަކުގައި ހާކާށެވެ. ޕޭސްޓް ހިކުމުން ވާންވާނެއެވެ. އަދި ވަރަށް ހަރުވެސް ވާނެއެވެ. ދެން ދޮވެލާށެވެ. ތުވާލިން ހިއްކުމަށްފަހު މޮއިސްޗަރަޒިން ލޯޝަނެއް ހާކާށެވެ. މި ޕޭސްޓް ހަޕްތާ އަކު އެއް ފަހަރު ނުވަތަ ދެފަހަރުވެސް ބޭނުން ކުރެވިދާނެއެވެ.

އިތުރު އެހީ އަކަށް
• އެއްވެސް މާސްކެއް ހޭކުމުގެ ކުރިން މޫނުގައި މޭކަޕް ހާކާފައި ވަނީ ނަމަ އެކީ ދޮވެލައި ރަނގަޅަށް މޫނު ސާފު ކޮށްލާށެވެ.

• މާސްކް އިން ބޮޑަށް ފައިދާ ހޯދުމަށް ހޫނު ފެނުން ނުވަތަ އާވިން ފެންވަރާލާށެވެ. އޭރުން މޫނުގައި ހުންނަ ޕޯސް (ލޯވަޅުތައް) ހުޅުވޭނެއެވެ.

• މާސްކް ހޭކުމަށް ފަހު ތަނެއްގައި އޮށޯވެލައިގެން އޮތުން މުހިއްމެވެ. ކިއުކަންބާ ފޮއްޗެއް ނުވަތަ ތެންމާލާފައި ވާ (ރޯސް ވޯޓަރ ނުވަތަ އައިސްފެނުން) ކަފަ ކޮޅެއް ލޯމަތީ އަޅައިގެން މާސްކް ހިކެން ދެން އޮންނާށެވެ.