ޏ.ފުވައްމުލަކު ގެ އެއްގެ ބަދިގޭގައި، އަލިފާނުގެ ހާދިސާއެއް ހިނގާ އެ ބަދިގެ އަށް ގެއްލުންތަކެއް ލިބިއްޖެ އެވެ.

އިއްޔެ ހަވީރު އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ރަށު ދަނޑިމަގު މަވަށު ރިހިތަރި ގޭގެ ބަދިގޭގެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު އިއްޔެ ހަވީރު 4:18 ހާއިރު ލިބުމާއި އެކު ސިފައިން އެ ގެއަށް ގޮސް ބެލި އިރު އަލިފާން ރޯވެފައިވަނީ އެގޭ ބަދިގޭގައި ކައްކަން އުދާފައިހުރި ތެޔޮތާހެއްގައި އަލިފާން ހިފައިގެން ކަމަށެވެ. އަދި މާގިނަ އިރުތަކެއް ނުވެ އެ އަލިފާންގަނޑު ނިއްވާލެވިފައިވާއިރު އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެ ހާދިސާގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބިފައިނުވި ނަމަވެސް ބަދިގޭގައި ހުރި ފަންކާ އަކާއި ކަރަންޓް ސޮކެޓެއް އަނދާ ހުލިވުމުގެ އިތުރުން ބަދިގޭގެ ސީލިން އަށް ކޮންމެވެސް ވަރަކަށް އަލިފާނުގެ ސަބަބުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމްޑީއެފުން ބުންޏެވެ.