22 Mar 2013, 15:32
ރާއްޖޭގެ ޒުވާނުންގެ މުސްތަގުބަލަކީ މަގު މައްޗަށް ނުކުމެ، ތަންތާނގައި ހުޅު ޖަހައި، ރޯކޮށް ގައުމު އަންދައިލުން ކަމަށް ދެކޭ ލީޑަރުންނާ ދޭތެރޭގައި އަޅުގަނޑުމެން ކަންބޮޑުވާން އެބަ ޖެހޭ ކަމަށް ދާހިލީ ވަޒީރު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ އަބްދުﷲ ޔާމިންގެ ކެމްޕެއިނަށް ރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޖަމީލު ވިދާޅުވީ ޒުވާނުންގެ ކުރިމަގަކީ ހަމައެކަނި ވަގުތު ޖެހުމުން މަގު މައްޗަށް ނުކުމެ ހަޅޭލަވާ އިހްތިޖާޖު ކުރާ ބައެއްގެ ގޮތުގައި އަޅުގަނޑުމެންގެ ތެރެއިން ބައެއް ސިޔާސީ ފަރާތްތަކުން ދެކޭތީވެ، އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ ގިނަ ޒުވާނުންނަކީ ކުށްތަކުގެ ތެރޭގައި އުޅެ ކޮންމެވެސް ކަހަލަ ހުކުމެއް ތަހައްމަލު ކުރާންޖެހޭ ބަޔަކަށް ވާތީ އެކަމާ އެމަނިކުފާނު ހިތާމަ ކުރައްވާ ކަމަށެވެ.
"މިއަދު ރާއްޖޭގެ ހާލަތު އޮތް ގޮތަށް ބަލާއިރު އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވާން އެބަޖެހޭ. ނިދައިފައި ތެދުވާ ކޮންމެ ދުވަހަކު އަޅުގަނޑުމެން އަޑު އަހަނީ ކޮންމެވެސް މީހަކު މަރައިފި ޚަބަރު. އަޅުގަނޑުމެންނަށް ޚަބަރު ތަކުން އަޑު އިވެނީ ކޮންމެވެސް ޒުވާނަކު މަގުމަތީ މަރުވެއްޖެ ޚަބަރު. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ކޮންމެވެސް ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ކުރާ ޚަބަރު. އަޅުގަނޑުމެން ކަންބޮޑުވާން އެބަޖެހޭ ޒުވާނުންނަކީ ކުށްތަކުގެ ތެެރޭގައި އުޅެ ކޮންމެވެސް ހުކުމެއް ތަހައްމަލް ކުރަން ޖެހޭ ބަޔަކަށް ވާތީ. އަޅުގަނޑުމެން ކަންބޮޑުވާން އެބަޖެހޭ ޒުވާނުންގެ މުސްތަގުބަލަކީ މަގު މައްޗަށް ނުކުމެ ތަންތާނގައި ހުޅުޖަހައި ރޯކޮށް، ގައުމު އަންދައިލުން ކަމަށް ދެކޭ ލީޑަރުންނާ ދޭތެރޭ،" އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ފެބުރުވަރީ މަހުގެ ހަތްވަނަ ދުވަހު އައްޑު އަތޮޅުގައި، ބަޔަކު ހިންގާފައިވާ ގެއްލުން ބޮޑު އަލިފާނުގެ ހާދިސާގެ ހަނދާން އާ ކުރައްވަމުން ޖަމީލު ވިދާޅުވީ ފަހުގެ ތާރީޚެއްގައި ރާއްޖެއަށް ލިބުނު އެންމެ ބޮޑު އަނިޔާއެއް ލިބިފައިވަނީ އައްޑު އަތޮޅަށް ކަމަށެވެ. އެގޮތުން ވިދާޅުވީ އެ އަތޮޅުގައި ހުރި ޝަރުއީ ދާއިރާގެ ހުރިހާ ތަނެއް އަންދައި، ޝަރުއީ ހުރިހާ ލިޔެ ކިޔުންތަކެއް އަންދައި އަޅިއަށް ހެދުމަށް ފަހު ފުލުހުންގެ ހުރިހާ މަރުކަޒުތަކެއް، ނެތި ފަނާކޮށް، އައްޑޫ އަތޮޅަށް ދިން ބޮޑު ގެއްލުމަކީ އައްޑު އަތޮޅުގެ ކޮންމެ ފަރުދަކަށާއި، އަދި ކޮންމެ ޝަޚުޝަކަށް، ދިން ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ގެއްލުންދިން ބަޔަކު އައްޑޫ އަތޮޅުގެ ހުރިހާ ރައްޔިތުންގެ ކިބައިން މައާފަށް އެދެން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ މީހުން ނުކުމެ އެ މީހުންނަކީ ރާއްޖޭގެ ކުރިމަގު އުޖާލާ ކުރުމަށް މަަސައްކަތް ކުރާ ބައެއް ކަމަށް ބުނަމުންދާތީ އެކަމާ، ހިތާ ކުރައްވާ ކަމަށެވެ.