މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ސަން އޮންލައިންގައި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ އާއި ގުޅޭ ގޮތުން ހުޅުވައިލި ޕޯލްގައި ގިނަ ބަޔަކު ޢަބްދުﷲ ޔާމީނާ އެއްކޮޅަށް ވޯޓު ދީފި އެވެ.

މި ޕޯލް 20 ވަނަ ދުވަހުގެ ރޭ 12:00 ގައި ނިންމައިލި އިރު ވޯޓު ދިން މީހުންގެ 59.57 ޕަސެންޓު ޔާމީނަށް ލިބިވަޑައިގެންފައިވެ އެވެ. އޭނާގެ ވާދަވެރިޔާ އުމަރު ނަސީރަށް ލިބިވަޑައިގެންފައި ވަނީ 40.43 ޕަސެންޓް ވޯޓެވެ.

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާނީ ކޮން ބޭފުޅެއްތޯ ބެލުމަށް ނެގި ޚިޔާލު ހޯދުމުގެ މި ވޯޓުގައި 2283 މީހުން ވޯޓު ދީފައިވެ އެވެ. އޭގެ ތެރެއިން ޔާމީނަށް ލިބިވަޑައިގަތް ވޯޓުގެ އަދަދަކީ 1360 އެވެ. އުމަރަށް ލިބިވަޑައިގަތީ 923 ވޯޓެވެ.

އެސްއެމްއެސް މެދުވެރިކޮށް ވޯޓު ދެވޭ ގޮތަށް ސަން އިން ހުޅުވައިލި މި ޕޯލްގައި ކޮންމެ ނަންބަރަކުން ވެސް ބަލައިގެންފައި ވަނީ އެއް ވޯޓެވެ.