16 Oct 2010, 15:49
ސަރުކާރުގެ ކަމުނުދާ ސިޔާސަތުތަކަށް ފާޑުވިދާޅު ނުވަނީ، އިދިކޮޅު ޕާޓީގައި ތިބި ކުރީގެ ސަރުކާރުގައި ހިމެނުނު ބޭފުޅުންނަށް އުފާ ލިބިދާނެތީ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިހު ހުސެއިން ރަޝީދު އަހްމަދު ވިދާޅުވެއްޖެ އެވެ.
އަލިމަސް ކާނިވަލުގައި ރޭ ބޭއްވި މި ޖަލްސާއަކީ، އަދާލަތު ޕާޓީގެ ޖަލްސާއެއް ކަމަށް ބުނެ މީޑިއާތަކަށް ސިޓީ ފޮނުވާފައިވީ ނަމަވެސް ޝެއިޙު އިލިޔާސް ހުސެއިންގެ ދަރުސެއްކަމަށް އާމުކޮށް އިއްލާންކޮށްގެން ބޭއްވި މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝައިހު ހުސެއިން ރަޝީދު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކުގައި ނޭނގޭ ކަންތައްތަކެއް ހިމެނޭކަމަށެވެ. އަދި އިޖުތިމާއީ ގޮތުން މީހުން ހޭލުންތެރި ކުރުވުމަށް ސަރުކާރުން ރަނގަޅު ކަންތައްތަކެއް ހިންގި ނަމަވެސް ރަނގަޅު ނޫން ކަންތައްތައް ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަށް އަދާލަތު ޕާޓީން ކުރިމަތިލެއްވި ކެނޑިޑޭޓުން ރައްޔިތުން ނުހޮވި މައްސަލައިގައި ޝަކުވާ ކުރައްވަމުން ރޭގެ ޖަލްސާގައި ވެސް އެކަން ތަކުރާރު ކުރެއްވި އެވެ. އަދި ވިދާޅުވީ އެހެން ކަންކަމުގައި ރައްޔިތުން އަދާލަތު ޕާޓީއަށް އިތުބާރު ކުރި ނަމަވެސް ސިޔާސީ ކަންކަމުގައި ރައްޔިތުން އަދާލަތު ޕާޓީއަށް އިތުބާރު ނުކުރާކަމަށެވެ. އެގޮތުން ޣައްޒާ ފަންޑަށާއި ޕާކިސްތާނު ރިލީފް ފަންޑަށް އެހީވުމަށް ހިންގި ޕްރޮގްރާމްތަކުގައި އެތައް މިލިޔަން ރުފިޔާއެއް ރައްޔިތުން އަދާލަތު ޕާޓީއާ ހަވާލު ކޮށްފައި ވަނީ، އިތުބާރު އޮތުމުން ކަމަށް ވެސް ޝެއިހު ހުސެއިން ރަޝީދު ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ބިލްތައް އަދާލަތުން ބަލަން ޖެހޭނެ ކަމަށާއި، އެ ޕާޓީގެ ފަރާތުން މަޖިލީހަށް ހޮވުނު ހަމައެކަނި މެންބަރު ވެސް ޕާޓީ ދޫކޮށްލެއްވީ ކަމަށް ޝައިހު ހުސެއިން ރަޝީދު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ، ނިމިދިޔަ ހިޔާލު ހޯދުމުގެ ވޯޓުނެގުން ދިޔައީ ރަނގަޅަށްނޫން ކަމަށާއި އިލެކްޝަންސް ކޮމިޝަނުން އެ ވޯޓު ނަގާފައި ވަނީ، އެއީ ކޮން ކަމެއްކަން ރައްޔިތުންނަށް ނޭނގި ތިއްބައި އެކަމަށް ރައްޔިތުން ހޭލުންތެރި ނުކުރުވައި ކަމަށާއި، އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްކީ ހަމައެކަނި ވޯޓުނެގުން ނޫން ކަމަށާއި އެކަމާ މެދު ރައްޔިތުން ހޭލުންތެރި ކުރުވަން ޖެހޭނެ ކަމަށް ވެސް ހޯމް މިނިސްޓަރުގެ ނާއިބު ކަމާއި ކުރީ ސަރުކާރުގެ ހިޔާނާތުގެ މައްސަލަތައް ބަލާ ކޮމިޓީގައި ވެސް ހިމެނި ވަޑައިގަންނަވާ ހުސެއިން ރަޝީދު ވިދާޅުވި އެވެ.