މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބު އަމާންކަމާ އެކު ބޭއްވޭނެ މާހައުލެއް ގާއިމް ކުރުމަށް ފުލުހުން ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވާ ޚާއްސަ އޮޕަރެޝަންގެ ޕްލޭން މިހާރު ތައްޔާރުކޮށްފައިވާ ކަމަށް ކޮމިޝަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ކޮމިޝަނަރު ރިޔާޒު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އޮޕަރޭޝަންގެ ޕްލޭން ތައްޔާރުކޮށްފައި ވަނީ ރާއްޖެ އިން ބޭރުގެ އެކި އެކި ކޮންސަލްޓަންޓުންނާ މަޝްވަރާކޮށް އެފަރާތްތަކުގެ ލަފަޔާއި އިރުޝާދާ އެކު ކަމަށެވެ.

ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރައްވާ ފަރާތްތަކަށް ވެސް ކެންޕޭން ކުރެވޭނެ މާހައުލެއް އޮންނަން ޖެހޭ ކަމަށާއި ބިރުވެރިކަމެއް ނެތި ކޮންމެ މީހަކަށް ވެސް ވޯޓު ލުމުގެ ފުރުސަތު ވެސް ފަހިވެފައި އޮންނަން ޖެހޭ ކަމަށް ވެސް ކޮމިޝަރު ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގެ ސެކިއުރިޓީގެ ކަންތައް ކުރިއަށް ގެންދާ އިރު އެކަމާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކާ އިލެކްޝަންސް ކޮމިޝަނާ މަޝްވަރާކޮށް އެފަރާތްތަކުގެ ލާފާހޯދާނެ ކަމަށް ވެސް ކޮމިޝަރު ރިޔާޒު ވިދާޅުވި އެވެ.

އިންތިޚާބު ނިމުމަށް ފަހު ވެސް އަމާން ކަމާ އެކު ދިރިއުޅެވޭނެ މާހައުލެއް އޮންނަން ޖެހޭނެ ކަމަށާއި ފުލުހުން މަސައްކަތް ކުރަމުންގެން ދަނީ އެފަދަ މާހައުލެއް ރާއްޖޭގައި ގާއިމް ކުރުމަށް ކަމަށް ވެސް ކޮމިޝަރު ރިޔާޒު ވިދާޅުވި އެވެ.

މިއަހަރަށް ފުލުހުން ކަނޑައަޅާފައިވާ އޮޕަރޭޝަނަލް ޕްރިއޯރިޓީސްގެ ތެރޭގައި ވެސް ރިޔާސީ އިންތިޚާބު އަމާންކަމާ އެކު ބޭއްވޭނެ މާހައުލެއް ގާއިމް ކުރުން ހިމަނާފައިވެ އެވެ.