ރާމަﷲ (މާޗް 22): އިސްރާއީލުގެ އަޅުވެތި ކަމާއި އިސްތިއްމާރާ ދެކޮޅަށް މިނިވަން ކަމުގެ ޖިހާދެއް ކުރަމުން ގެންދާތީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ، ފަލަސްތީނުގެ ޙަމާސް ޖަމާއަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އިސްރާއީލަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު ފަލަސްތީނުގެ ހުޅަނގު އައްސޭރިއަށް ވަޑައިގެން ރައީސް މަހްމޫދު ޢައްބާސް އާ ބައްދަލުކުރެއްވުމަށް ފަހު ރާމަﷲގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އޮބާމާ ވިދާޅުވީ ޣައްޒާގެ ރައްޔިތުން އުފުލަންޖެހިފައިވާ ވޭނާއި ކެކުޅުންތަކުގެ ޒިންމާ އުފުލަންޖެހޭނީ ޙަމާސް ޖަމާއަތް ކަމުގަ އެވެ. އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ޙިސާރުގެ ފިޔަވަޅުތައް އަޅައި ދޭތެރެއަކުން ޣައްޒާ އަށް ޙަމަލާދީ ހަނގުރާމަ ފަށަންޖެހެނީ ވެސް ޙަމާސް ޖަމާއަތުގެ ސަބަބުން ކަމަށް އޮބާމާ އިޝާރާތް ކުރެއްވި އެވެ. އޮބާމާގެ ވާހަކަ ބިނާކުރައްވާފައި ވަނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ފދާއީ ޖަމާއަތްތަކުންނާއި އިސްރާއީލުގެ އަޅުވެތިކަމުގައި ތިބޭ ފަލަސްތީނުގެ ރައްޔިތުން އިސްރާއީލުގެ އަޅުވެތިކަމާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދު ކުރަން ނުޖެހޭކަން ދޭހަވާ ގޮތަކަށެވެ.

ނަމަވެސް އޮބާމާގެ ވާހަކާގައި، ފަލަސްތީނުގެ ބިމުގައި ޔަހޫދީންނަށް ދައުލަތަކާއި ފަލަސްތީނުގެ ރައްޔިތުންނަށް ދައުލަތެއް ލިބިދޭ ޙައްލަކަށް އެމެރިކާ ތާއީދުކުރާ ކަމަށް ވިދާޅުވި އެވެ. އޮބާމާ ވިދާޅުވީ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލާ އެއްއިންވެގެން ފަލަސްތީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމް ކުރެވެންޖެހޭނެ ކަމަށް އެމެރިކާ ޤަބޫލުކުރާ ކަމުގަ އެވެ. ނަމަވެސް އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައިގެން އޮންނަ އޮތުމަށް 60 އަށްވުރެ ގިނަ އަހަރު ވެފައިވާއިރު ވެސް އޮބާމާ އެކަން ކުށްވެރިކުރައްވާފައެއް ނުވެ އެވެ. އަދި މިނިވަން ކަމަށްޓަކައި ފަލަސްތީނުގެ ރައްޔިތުން ކުރަމުންގެންދާ ޖިހާދާ ދެކޮޅަށް އިސްރާއީލުން ހިންގާ އަނިޔާވެރި ޢަމަލުތަކާއި އިސްތިޢްމާރީ ޙަރަކާތްތައް ވެސް އޮބާމާ ކުށްވެރި ކުރައްވާފައެއްނުވެ އެވެ. މީގެބަދަލުގައި އޮބާމާ ކުށްވެރިކުރައްވާފައި ވަނީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއްމާރާ ދެކޮޅަށް ފަލަސްތީނުގެ ޖަމާއަތްތަކާއި ރައްޔިތުން ކުރާ މިނިވަންކަމުގެ ޖިހާދެވެ.

ރާމަﷲގައި ވާހަކަ ދައްކަވަމުން، ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިސްރާއީލުން ކުރިޔަށް ގެންދާ ޔަހޫދީ އާބާދީ ތައް ބިނާކުރުމުގެ ޣައިރު ޤާނޫނީ މަޝްރޫޢަށް އޮބާމާ ފާޑުވި އެވެ. ނަމަވެސް މި ޣައިރު ޤާނޫނީ މަޝްރޫޢު ހުއްޓުވުމަށްޓަކައި އިސްރާއީލާ ދެކޮޅަށް އެއްވެސް ބާވަތެއްގެ ފިއްތުންތަކެއް ކުރިމަތިކުރުމަށް އޮބާމާވަނީ ދެކޮޅު ހައްދަވާފަ އެވެ.

އޮބާމާ މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އުރުދުން އަށް ވަޑައިގަންނަވާނެ އެވެ. ފަލަސްތީނުގެ މައްސަލާގައި އެއްވެސް ކަމެއްކުރުމުގެ ޤާބިލްކަން ފާއިތުވި ހަތަރު އަހަރު ތެރޭގައި އޮބާމާގެ ޒަޢާމަތުން ނުފެންނާތީ އާއި އިސްރާއީލުގެ އަނިޔާވެރިކަން ދިފާޢުކުރުމަށް އޮބާމާގެ ސިޔާސަތުތައްވެސް ބައްޓަން ކުރައްވާފައިވާތީ އޮބާމާގެ ދައުރުގެ ކުރީކޮޅުގައި އަރަބި ބައެއް ގައުމުތަކުގެ ރައްޔިތުން އޮބާމާގެ މައްޗަށްކުރި އުންމީދުތައް މިހާރު ގެއްލިފައިވާ ކަމަށް މުރާސިލުން ބުނެ އެވެ.
އެމެރިކާ ވަނީ ފަލަސްތީނުން އިޢްލާންކުރި މިނިވަން ދައުލަތަށް ވެސް ހުރަސް އަޅާފަ އެވެ. އަދި އދ.ގެ މެންބަރުކަން ހޯދުމަށް ފަލަސްތީނުން ކުރާ މަސައްކަތްތަކަށް ވެސް އެމެރިކާ ގެންދަނީ ވަރަށް ހަރުކަށި ގޮތެއްގައި ހުރަސް އަޅަމުންނެވެ. ފަލަސްތީނާއި އުރުދުންގެ ރައްޔިތުން ވަނީ އޮބާމާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކޮށްފަ އެވެ.

އިސްރާއީލުގައި ދެއްވި ބަޔާނެއްގައި އޮބާމާ ވަނީ އިސްރާއީލާ ޑިޕްލޮމެޓިކް ގުޅުންތައް އުފައްދައި އިސްރާއީލު އެކަހެރި ކުރުމަށް ކުރާ މަސައްކަތްތައް ހުއްޓާލުމަށް ޢަރަބި ގައުމުތަކަށް ގޮވާލައްވާފަ އެވެ. (ނޫސްއެޖެންސީތައް)