ރޯމް (މާޗް 22): އިންޑިޔާގެ ދެމަސްވެރިއެއްގެ ގަޔަށް ބަޑިޖަހައި މަރާލި ކަމުގެ ތުހުމަތު ކުރެވިފައިވާ އިޓަލީ ކަނޑުގެ ސިފައިންގެ ދެ މީހުންގެ މައްޗަށް ޝަރީޢަތް ހިންގުމަށް ޓަކައި އެ ދެ މީހުން އަލުން އަނބުރައި އިންޑިޔާ އަށް ފޮނުވުމަށް އިޓަލީ ސަރުކާރުން އެންމެފަހުން އެއްބަސްވެއްޖެ އެވެ.

އިޓަލީ ސަރުކާރުން އިއްޔެ ބުނީ އެ ދެ މީހުން އަލުން އަނބުރައި އިންޑިޔާ އަށް ފޮނުވުމަށް ނިންމީ އެ ދެ މީހުންގެ މައްޗަށް އިންސާފުވެރި ޝަރީއަތެއް ހިންގުމަށާއި ހެޔޮކޮށް މުޢާމަލާތް ކުރުމަށާއި އަދި އެ ދެ މީހުންގެ އިންސާނީ ހުރިހާ ޙައްޤުތަކެއް ފުރިހަމައަށް ޙިމާޔަތް ކޮށްދޭނެކަމުގެ ޔަގީންކަން އިންޑިޔާ ސަރުކާރުން ދިނުމުން ކަމަށެވެ. އިންޑިޔާގެ ދެމަސްވެރިއެއްގެ ގަޔަށް ބަޑިޖަހައި މެރިކަމަށް ކަމަށް ތުހުމަތުކުރެވޭ އިޓަލީ ކަނޑުގެ ސިފައިންގެ ދެ މީހުންގެ މައްޗަށް ޝަރީޢަތް ކުރުމަށްޓަކައި އެ ދެ މީހުން ނިއުދިއްލީގައި ތިބުމަށް ފަހު އެނބުރި އިޓަލީއަށް ގޮސްފައި ވަނީ އިޓަލީގައި މިދިޔަ ފެބްރުއަރީ މަހު ބޭއްވި އިންތިޚާބުގައި ވޯޓުލުމަށް ޓަކައި ހަތަރު ހަފްތާގެ މުއްދަތަށެވެ. ނަމަވެސް ވޯޓުލުމަށް ފަހު އަލުން އިންޑިޔާ އަށް ދިޔުމަށް އެދެމީހުން ވަނީ ދެކޮޅު ހަދައިފަ އެވެ.

މި ދެމީހުން އިންޑިޔާ އަށް ފޮނުވުމުގައި އިޓަލީ ސަރުކާރުގެ އެއްބާރުލުން ނުލިބޭކަމަށްބުނެ އިންޑިޔާގެ ހައިކޯޓުން މީގެ ދެހަފްތާ ކުރިން ވަނީ ނިއުދިއްލީގައި ހުންނަވާ އިޓަލީގެ ސަފީރު ޑެނިއަލް މެންސީނީ، އިންޑިޔާ އިން ފުރުން މަނާކުރުމުގެ ކޯޓު އަމުރެއްނެރެފަ އެވެ. މިއަމުރު އިންޑިޔާގެ ހައިކޯޓުން ނެރުނީ އިޓަލީ ސިފައިންގެ ދެމީހުން އިޓަލީއަށް ދިޔުމަށް ފަހު އަލުން އަނބުރައި އިންޑިޔާ އަށް ގެނަސްދޭނެ ކަމުގެ ގެރެންޓީ ކޯޓަށް ދެއްވި ފަރާތަކީ އިޓަލީގެ ސަރުކާރު ތަމްޘީލު ކުރާ ފަރާތެއްގެ ހައިސިއްޔަތުން އެ ގައުމުގެ ސަފީރު ޑެނިއަލް މެންސީނީކަމަށްވާތީ އެވެ. މިކޯޓު އަމުރާ އެކު ދިއްލީގައި ހުންނަވާ އިޓަލީގެ ސަފީރުގެ ޑިޕްލޮމެޓިކް އިމްތިޔާޒުތައް އިންޑިޔާ ސަރުކާރުން ވަނީ ނިގުޅައިގެންފަ އެވެ. އެ މައްސަލާގައި އިޓަލީން ވަނީ ޑިޕްލޮމަސީއާ ބެހޭ ވިއެނާ ކޮންވެންޝަންއާ ޚިލާފުވިކަމުގެ ތުހުމަތު އިންޑިޔާގެ މައްޗަށް ކޮށްފަ އެވެ.

އިންޑިޔާގެ މަސްވެރިންގެ ދެ މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލިކަމަށްކަމަށް ތުހުމަތު ކުރެވޭ އިޓަލީގެ ކަނޑުގެ ސިފައިންގެ ދެމީހުންނަކީ މަސީމިލިޔާނޯ ލަތޯރީ އާއި ސެލްފާތޯރީ ޖިރޫނީ އެވެ. އެ މައްސަލާގައި އިންޑިޔާއިން ވަނީ ޑިޕްލޮމެޓިކް ގޮތުން އިޓަލީ އަށް ވަރަށް ވަރުގަދަ ފިއްތުންތަކެއް ކުރިމަތިކޮށްފަ އެވެ. އޭގެ ތެރޭގައި މި ދެ މީހުން އިންޑިޔާ އަށް އަނބުރައި ނުފޮނުވައިފި ނަމަ އިޓަލީ ހީނުކުރާވަރުގެ ނުރައްކާތެރި ނަތީޖާތަކަކާ އިޓަލީ ކުރިމަތިލާންޖެހޭނެ ކަމަށް ވިދާޅުވެ އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގް އިޓަލީ ސަރުކާރަށް ދެއްވި ހަރުކަށިއިންޒާރު ވެސް ހިމެނެ އެވެ.

މަންމޯހަން ސިންގްގެ މިއިންޒާރާ އެކު މަސީމިލިޔާނޯ ލަތޯރީ އާއި ސެލްފާތޯރީ ޖިރޫނީ، އަލުން އަނބުރައި އިންޑިޔާ އަށް ފޮނުވުމަށް އިޓަލީ ސަރުކާރުން ނިންމި ނިންމުމަކީ މައްސަލަ ޙައްލުކުރުމަށް ޓަކައި އިޓަލީން ދިން ވަރަށް ބޮޑު ދުލެއްކަމަށް މުރާސިލުން ސިފަކުރެ އެވެ.

އިޓަލީ ކަނޑުގެ ސިފައިންގެ ދެ މީހުން ކަމަށްވާ މަސީމިލިޔާނޯ ލަތޯރީ އާއި ސެލްފާތޯރީ ޖިރޫނީގެ މައްޗަށް އިންޑިޔާ އިން ކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު އިންޑިޔާގެ ކެރެލާ ސްޓޭޓްގެ އައްސޭރިފަށުގައި މަސްވެރިކަން ކުރަމުންދިޔަ އިންޑިޔާ ދެ މީހެއްގެ ގަޔަށް އެއްވެސް ޙައްގަކާނުލައި ބަޑިޖަހައި މަރާލުމުގެ ޖަރީމާ ހިންގި ކަމުގެ ދައުވާ އެވެ. އިޓަލީ ކަނޑުގެ ސިފައިންގެ ދެމީހުން އޭރު ޙަރަކާތްތެރިވަމުން ދިޔައީ އިންޑިޔާގެ ކަނޑުގެ އައްސޭރިފަށުން ދަތުރުކުރަމުން ދިޔަ އިޓަލީގެ ތެޔޮޓޭންކަރެއް ގާޑު ކުރަމުންދިޔަ އިޓަލީގެ ކަނޑުގެ ސިފައިންގެ ބޯޓެއްގަ އެވެ. އިންޑިޔާ ދެމަސްވެރިންގެ ގަޔަށް ބަޑިޖެހީ އެއީ ކަނޑުފޭރޭ ބައެއް ކަމަށް ހީވެގެން ކަމަށް އިޓަލީ ސިފައިންގެ ދެ މީހުން ބުނެ އެވެ. މިމައްސަލާގައި އިޓަލީން ބުނަނީ ބަޑިން ޙަމަލާދިން ވަގުތު އެގައުމުގެ ތެޔޮޓޭންކަރާއި އެޓޭންކަރު ބަލަހައްޓަމުން ދިޔަ ސިފައިންގެ ބޯޓު އޮތީ ބައިނަލްއަޤްވާމީ ކަނޑުގައި ކަމުގަ އެވެ.

އިޓަލީ ސިފައިންގެ ދެމީހުން އަނބުރައި އިންޑިޔާއަށް ފޮނުވުމަށް ނިންމާފައި ވަނީ އިޓަލީގެ ބޮޑުވަޒީރު މާރިޔޯ މޮންޓީ ސިޔާސަތު ބެލެހެއްޓެވި އިޓަލީގެ ކެބިނެޓްގެ ޖަލްސާއަކުންނެވެ. މިނިންމުމާ އެކު ދެގައުމުގެ ގުޅުންތައް އިތުރަށް ގޯސްވިޔަ ނުދިނުމަށް ޓަކައި އިޓަލީ ސިފައިންގެ ދެމީހުން ވެސް ވަނީ ޝަރީޢަތާ ކުރިމަތިލުމަށް ޓަކައި އަމިއްލަ ރުހުމުގައި އިންޑިޔާ އަށް އެނބުރި ދިޔުމަށް އެއްބަސްވެފަ އެވެ. މިކަމަށް ޓަކައި އިޓަލީގެ ބޮޑުވަޒީރު ޖޯޖިޔޯ ނަބޮލިތާނޯ ވަނީ އަމިއްލަ މަސްލަޙަތަށް ވުރެ ގައުމީ މަސްހަލަތު އިސްކުރި ކަމަށް ޓަކައި އިޓަލީ ސިފައިންގެ ދެ މީހުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ. (ނޫސްއެޖެންސީތައް)