22 Mar 2013, 12:47
ދުނިޔޭގެ އެކިއެކި ބޭންކްތަކުގައި ގިނަ އަދަދެއްގެ ފައިސާ ރައްކާ ކޮށްފައި ހުރި ކަމަށާއި، އަދި އެ ނޫން ވެސް އެތައް ކަންތައްތަކެއްގެ ތުހުމަތު އެމަނިކުފާނަށް އަމާޒު ވަމުން އަންނަ ކަމަށާއި، ނަމަވެސް އެ ދައްކާ އެއްވެސް ވާހަކައެއްގެ ހަރުދަނާ ކަމެއް، ސާބިތު ކަމެއް ނޯންނާނެ ކަމުގެ ޔަގީންކަން މެމްބަރުންނަށް ދެއްވާ ކަމަށް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕެއިން ކުރެއްވުމުގެ ގޮތުން ޔާމިންގެ ޔަގީން ޓީމުން ރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމިން ވިދާޅުވީ މިއަދު ޕީޕީއެމް ފަދަ ބަދަހި ވަރުގަދަ ޕާޓީއެއްގައި މިއަދު ހުންނެވި ނަމަވެސް އެއަށް ވުރެ މާ ކުޑަކުޑަ ޕާޓީ އެއްގައި އެމަނިކުފާނު މީގެ ކުރިން އުޅުއްވި ކަމަށެވެ. އޭނާ ވިދާޅުވީ އޭރު އެ ފަދަ ތުހުމަތު ތަކުގެ ހަގީގަތް ރައްޔިތުްނަށް އޮޅުން ފިލުވައި ދެވޭތޯ ބެއްލެވި ކަމަށާއި، އެއީ އޭރު އެމަނިކުފާނާ އެކު ސާބިތުވެ ތިއްބެވި ބޭފުޅުންގެ ހިތްތަކަށް ތަސައްލީ އެއް ހޯއްދަވައި ދެއްވުމުގެ ބޭނުމުގައި އެކަނި ކަމަށެވެ.
"އަޅުގަނޑަށް ތުހުމަތު ވެގެން އާދޭ ލައްކަ ގިނަ ފައިސާ އަޅުގަނޑު އަތުގައި ހުރެގެން ފޮރުވާފައި އެކިއެކި އެކައުންޓްގައި ހުރި ވާހަކަ. އަޅުގަނޑު އެ ބޭފުޅުންނަށް ރައްދު ދެނީކީ ނޫން. އެކަމަކު އަޅުގަނޑާ އެކު މަސައްކަތް ކުރާ މީހުންނަށް އެބަ ބޭނުންވޭ އިތުބާރު. އަޅުގަނޑު އޭރު ވެސް ދެންނެވިން އެކަހަލަ ކަމެއްގައި އަޅުގަނޑު ތާށްޓެއް ނުވާނަމޭ. މިއަދުވެސް އަޅުގަނޑު ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑާ ދޭތެރޭ ވަރަށް ގިނަ ކަންތައް އަމާޒު ވަމުން އެބަ އާދެޔޭ. އެކަމަކު އަޅުގަނޑު މި ދަންނަވަނީ އިރާދަ ކުރެއްވިއްޔާ އެ ދައްކާ އެއްވެސް ވާހަކައެއްގެ އެއްވެސް ހަރުދަނާ ކަމެއް ސާބިތު ކަމެއް ނޯންނާނޭ. އެހެންވީ އޭގެން އެއްވެސް ވާހަކަ އަކީ ތެދު ވާހަކައެއް ނޫނޭ. ގަބޫލު ނުކުރައްވާށޭ،" ޔާމިން ވިދާޅުވި އެވެ.
އެހާ ހިސާބަށް ވިދާޅުވުމަށް ފަހު ޔާމިން ވިދާޅުވީ އިތުރަށް އެވާހަތައް ދައްކަވަން ބޭނުންފުޅު ނުވާ ކަމަށާއި، އަދި އިތުރަށް އެ ވާހަކަތަކަށް ރައްދު ދެއްވަން ވެސް ބޭނުންފުޅު ނުވާ ކަމަށެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދެއްދި ބައެއް ޒުވާނުން އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފައި ވާތީ އެ ފަރާތްތަކާ މުޚާތަބު ކުރައްވައި ޔާމިން ވިދާޅުވީ އަބަދު ސަނާ ކިޔައި ތައުރީފު ކުރާނަމަ އެކަން ގަބޫލު ނުކުރެވިދާނެ ކަމަށާއި، އަދި އަބަދު ގޮތް ކިޔައި ފާޑު ކިޔާނަމަ އެމަނިކުފާނުގެ ހިތް ނުރުހިދާނެ ކަމަށެވެ.
"އަޅުގަނޑުމެން މިކަހަލަ ޖަލްސާތަކަށް އައިސް ވާހަކަ ދައްކާން ތިބޭ އިރު ދެންމެ އެ އަޑު އިވުނު ގޮތަށް އަޅުގަނޑުގެ ޚިދުމަތުގެ ވާހަކަ ވަރަށް ދައްކަވާ. އަޅުގަނޑަކަށް އެހާ ފަސޭހައެއް ވެސް ނޫން އަޅުގަނޑުގެ ޚިދުމަތުގެ ވާހަކަ ދައްކާ އިރު އަޑު އަހާން އިންނާކަށް ވެސް. އެކަމަކު ޒުވާން ބޭފުޅުން ފައްޓަވާ ޕްރެކްޓިސް މިއީ. މާ ދުރަށް ވަޑައިގަތުމުގެ ކުރިން އަޅުގަނޑު ދަންނަވައިލާން ބޭނުންވޭ، އަބަދު ސަނާ ވިދާޅުވެ އަބަދު ތައުރީފު ކުރައްވާ ނަމަ، އެކަން ގަބޫލް ނުކުރެވިދާނޭ. އަބަދު [ކްރިޓިސައިޒް] ކުރައްވާ ނަމަ ނުވަތަ، އަބަދު ފާޑު ވިދާޅުވާ ނަމަ އަޅުގަނޑުގެ ހިތް ނުރުހިދާނޭ،" އޭނާ ވިދާޅުވި އެވެ.
ޔާމިން ވިދާޅުވީ އެހެންނަމަވެސް ރައްޔިތުން އޭނާއާ އެކު ކުރިއަށް ދާން ބޭނުން ނަމަ އޭނާ ވެސް ހުންނެވީ އެ ކަމަށް ތައްޔާރު ވެގެން ކަމަށެވެ. އަދި ރައްޔިތުން އޭނާއަށް މައާފު ކުރާ ނަމަ އޭނާގެ ފަރާތުން ރައްޔިތުންނަށް ވެސް ދީލަތި މައާފެއް އޮންނާނެ ކަމަށެވެ.
ރާއްޖޭގެ ބައެއް ސިޔާސީ ބޭފުޅުންނާއި، ބައެއް ވިޔަފާރިވެރީން ޒުވާނުންނަށް ފައިސާ ދީގެން ޖިނާއީ ބޮޑެތި ކުށްތައް އެމީހުން ލައްވައި ކުރުވާ ކަމުގެ ވާހަކަތައް ފެތުރިފައިވާ އިރު އެކަމާ ގުޅޭ ގޮތުން ޔާމިން ވިދާޅުވީ ކުށްކުށަށް އަރައިގަތުމަށް އެކި އެކި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ނުވަތަ އެމީހުންގެ މައްޗަށް ބަސް ހިނގާ މީހުން ބުނި ކަމުގައި ވިޔަސް އެ ކަމަށް ނޫނެކޭ ބުނުމަށް ފަހު ޒުވާނުން މިއަދު ކުރާން ޖެހޭ މަސައްކަތަކީ އެ މީހުންގެ މުސްތަގުބަލު އުޖާލާ ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ވިދާޅުވީ އޭގެ އިތުރުން ރާއްޖޭގެ ފުލުހުންނާއި، ސިފައިންވެސް ބޮޑެތި ކަންކަމުގައި ގާނޫނާ، ޚިލާފް އަމުރުތައް ކުރީމާ އެކަމަށް ފާޑު ކިިޔައި ނުވަތަ ނޫނެކޭ ބުނެވޭން ޖެހޭނެ ކަމަށާއި، ގާނޫނަށް އިހްތިރާމު ކުރުމަކީ މުޖުތަމައެއްގެ މައިގަނޑު އަސާސް ކަމަށެވެ.
އޭނާ ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިޚާބު ޕީޕީއެމްގެ ތެރެއިން ކާމިޔާބު ކުރެވި، އެ ޕާޓީގެ ވެރިކަމެއް ރާއްޖޭގައި ގާއިމު ކުރެވިއްޖެ ނަމަ، ރައްޔިތުންނަށް ފެނިގެން ދާނީ ކުރީގެ ތިރީސް އަހަރު ފެނުނު ފަދަ އުފާ ފާގަތި ދުވަސް ތަކެއް ކަމަށާއި، ނޫން ނަމަ އެއަށް ވުރެ ވެސް މާ ފާގަތި ދުވަސްތަކެއް ފެނިގެންދާނެ ކަމަށެވެ.