22 Mar 2013, 02:35
ދިރާގު ދިވެހި ލީގުގައި އަންނަ އާދިއްތަ ދުވަހު ކުލަބް ވެލެންސިއާ އާއި ދެކޮޅަށް ނިކުންނާނީ މޮޅަކާއެކު ލީގުގެ އެއްވަނަ މަގާމްގައި މިހާރުވެސް އޮތް އޮތުން ދިފާއުކުރަން ކަމަށް ނިއުރޭޑިއަންޓުގެ ހެޑް ކޯޗް ބަލްގޭރިއާގެ ވެލިޒާ ޕޮޕޯފް ބުނެފި އެވެ.
އަންނަ އާދިއްތަ ދުވަހުގެ ހަވީރު 4:00 ޖަހާއިރު ގަލޮޅު ދަނޑުގައި ވެލެންސިއާ އާއި ދެކޮޅަށް ނިއު ނިކުންނައިރު، އެ ދެ ޓީމް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ދެމެޗުން ވެސް މޮޅުވެ، ޕޮއިންޓުގެ ގޮތުން ހަމަހަމަވެފަ އެވެ. އެހެންނަމަވެސް ނިއުއަށް ލީގުގެ އެއްވަނަ މަގާމް ލިބިފައި ވަނީ ލަނޑުގެ ތަފާތުންނެވެ.
ލީގުގައި ނިއު ކުޅުނު ދެ މެޗުން ފައިދާ 10 ގޯލް އެ ޓީމަށް ކާމިޔާބު ކުރެވުނުއިރު، ވެލެންސިއާ ލީގުގައި ކުޅުނު ދެ މެޗުގެ ތެރެއިން އެޓީމަށް ކާމިޔާބު ކުރެވުނީ ފައިދާ ހަ ގޯލެވެ.
ވެލެންސިއާ އާއި ދެކޮޅަށް އާދިއްތަ ދުވަހުގެ މެޗަށް ނިއުއިން ނިކުތުމުގެ ކުރިން މިދިޔަ ބުރާސްފަތި ދުވަހު އެފްއޭއެމް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިއުގެ ކޯޗް ޕޮޕޯފް ބުނީ، ވެލެންސިއާ އަކީވެސް ލީގުގައި ކުޅޭ ޓީމްތަކުގެ ތެރޭގައި ވަރުގަދަ ޓީމެއް ކަމަށާއި އެހެން ނަމަވެސް އެ ދުވަހުގެ މަޗަށް ނިއުއިން ކުރިމަތި ލާނީ ކާމިޔާބީއެއް ހޯދުމުގެ އުންމީދުގައި ކަމަށެވެ. އަދި އެންމެ ފަހުން ލީގުގައި ނިއު ބީޖީއާ ދެކޮޅަށް ކުޅުނު މެޗުގައި 1-0 ލަނޑުން މޮޅުވިއެއް ކަމަކު ދެނެންވެސް މަސައްކަތް ކުރާނީ އެއްއަށް ވުރެ ފުރިހަމަ ނަތީޖާއަކުން މޮޅުވުމަށް ކަމަށް ޕޮޕޯފް ބުންޏެވެ.
"މަގާމް ދިފާއު ކުރުމަށް ވެލެންސިއާ އަތުން ތިން ޕޮއިންޓް ހޯދަން ޖެހޭ. އަހަރެންގެ ކުޅުންތެރިންނާ މެދު އުންމީދު އެބޮތް" ޕޮޕޯފް ބުންޏެވެ.
އެ މެޗުގައި ނިއުއާ ދެކޮޅަށް ނިކުންނަ ވެލެންސިއާގެ ކޯޗް ބޮއިކޯ ކަމެނޯފް އިއްޔެ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ، މި ސީޒަނުގައި ވެލެންސިޔާއިން ކުޅޭ އެންމެ ފޯރިގަދަ މެޗަކީ ނިއު މެޗް ކަމަށާއި އެމެޗަށް ވެލެންސިއާއިން ވަރަށް ފުރިހަމައަށް ތައްޔާރުވާނެ ކަމަށެވެ. އަދި ނިއުގެ ފޯވާޑް ލައިނަށް ހާއްސަ ސަމާލްކަމެއް އެދުވަހުގެ މެޗުގައި ދޭނެ ކަމަށާއި އެގޮތުން އެދުވަހުގެ މެޗް ނިންމާލަން ބޭނުން ވަނީ ރަނގަޅު ނަތީޖާއެއް ހޯދައިގެން ކަމަށް އޭނަ ބުންޏެވެ.
"އަހަރުމެން ނިއު މެޗަށް ނިކުންނާނީ ޑިފެންސިވް ގޭމެއް ކުޅޭކަށެއް ނޫން. އެކަމަކު ނިއުގެ ފޯވާޑުންނަށް ހާއްސަ ސަމާލްކަމެއް ދުވަހު އަހަރުމެން ދޭނަން،" ބޮއިކޯ ކަމެނޯފް ބުންޏެވެ.
ލީގުގައި ވެލެންސިއާ ކުޅުނު ފުރަތަމަ މެޗުގައި އޭވައިއެލްއާ ދެކޮޅަށް ކުޅެ 1-0 ލަނޑުން މޮޅެއް ހޯދިއިރު، ލީގުގެ ވެލެންސިއާ ކުޅުނު ދެ ވަނަ މެޗް އެޓީމުން ކާމިޔާބު ކުރީ ވީބީއާ ދެކޮޅަށް ކުޅެ 5-0 ލަނޑުން ނެވެ.