21 Mar 2013, 23:45
ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ވީބީ އައްޑޫ އެފްސީ އާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) ބައްދަލުކުރި މެޗުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި މެޗު އެއްވަރު ވެއްޖެ އެވެ.
މުބާރާތުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ ތާވަލުގެ ފުލުގައި އޮތް ވީބިއަށާއި އޭވައިއެލްއަށް މިއަދުގެ މެޗުން އެއްވަރުވުމުން ވަނީ ޕޮއިންޓެއް ލިބިފަ އެވެ. މެޗުގައި ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަނަމަވެސް ވީބީއިން ވަނީ އޭވައިއެލްގެ ގޯލަށް ނުރައްކާވާފަދަ ހަމަލާތަކެއް އުފައްދާފަ އެވެ. ހަމަ އެހެންމެ މެޗުގެ ފުރަތަމަ ހާފުގައި އޭވައިއެލްގެ ޢަބްދުﷲ މުޢާޒު ވީބީގެ ގޯލަށް ބޯޅައެއް ވައްދާލިއެވެ. އެހެން ނަމަވެސް އޭރު ލައިންސްމަން ވަނީ އެއީ އޮފްސައިޑް ލަނޑެއްކަމަށް ދައްކާފަ އެވެ.
ދިރާގު ދިވެހި ލީގުގައި މާދަމާ ހަވީރު 4:00ގައި ގަލޮޅު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ކުލަބް އީގަލްސް އެވެ.