ރައްޔިތުންގެ މަޖިލީހުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަން ކޮށްފައިވާ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އެ ކޮމިޝަނުގެ މެންބަރުކަމުން ވަކިކުރުމަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސް މަޖިލީހުން މިއަދު އޭނާއަށް ފޮނުވައިފި އެވެ.

ސަންއަށް މައުލޫމާތު ދެއްވަމުން ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ މަޖިލީހުގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ގާސިމަށް ނޯޓިސް ފޮނުވާފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

ނާޒިމް ވިދާޅުވީ ގާސިމަށް މިއަދު ނޯޓިސް ފޮނުވި ކަމަށް ވިޔަސް އެ މައްސަލަ އެޖެންޑާ ކުރެވޭނެ ވަކި ދުވަހެއް ދަންނަވަން ނޭނގޭ ކަމަށާއި އެ މައްސަލަ އެޖެންޑާ ކުރާނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ގާސިމަކީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށްވާ އިރު އެމަނިކުފާނު ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި އިންނެވުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށެވެ. އަދި ފަނޑިޔާރުން ޖަވާބުދާރީ ކުރުމަށް އެ ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތްތަކަށް ގާސިމް ނުފޫޒު ފޯރުވާ ކަމަށް ވެސް އޭނާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.

ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަން މޫސާ ރަމީޒު ވިދާޅުވީ ތަފާތު އެކި އިލްޒާމްތައް ގާސިމްގެ ބޮލުގައި އެޅުވުމަށް ފަހު ޖޭއެސްސީގެ މެންބަރުކަމުން ގާސިމް ވަކިކުރެއްވުމަށް އެމްޑީޕީން މަސައްކަތް ކުރަނީ އެމަނިކުފާނުގެ އަބުރާއި އިއްޒަތް ނަގާލުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ ގާސިމް ބަދުނާމުވާ ގޮތަށް އެމްޑީޕީން ވާހަކަ ދައްކަމުން ގެންދަނީ އެމަނިކުފާނަކީ ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން ރައްޔިތުންގެ އެންމެ ތާއީދު އޮތް ބޭފުޅާ ކަމަށްވާތީ އެކަމާ ޖެހިލުންވާތީ ކަމަށެވެ.