21 Mar 2013, 23:11
ނ. އަތޮޅުގައި ޑީއާރުޕީ ތަމްސީލު ކުރައްވަމުން ގެންދެވި ތިން ކައުންސިލަރަކު އެ ޕާޓީ ދޫކުރައްވައި ޕީޕީއެމްއާ ގުޅިވަޑައިގެންފި އެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ އަބްދުﷲ ޔާމީންގެ ޔަގީން ޓީމުން މިރޭ ނ. މަނަދޫގައި ކުރިއަށް ގެންދާ އެ ޓީމްގެ ކެމްޕެއިން ޖަލްސާގައި ޑީއާރުޕީ ދޫކުރެއްވުމަށް ފަހު ޕީޕީއެމް އާ ގުޅިވަޑައިގަތީ އެ އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު ސުޖާއު އާއި މަނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނަސީރު އާއި އަދި އެ ކައުންސިލްގެ މެމްބަރު އަހްމަދު އިސްމާއިލް އެވެ.
މިރޭ ޕީޕީއެމް އަށް ސޮއި ކުރެއްވުމަށް ފަހު "ސަން"އާ ވާހަކަ ދައްކަވަމުން ނ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު ސުޖާއު ވިދާޅުވީ އޭނާ އަކީ ކުރިންވެސް ރައީސް މައުމޫންގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށާއި ޑީއާރުޕީގެ ތެރެއިން ޕީޕީއެމް ވުޖޫދަށް އުފަން ކުރުމާއި އެކު އޭނާ ހުންނެވީ ޕީޕީއެމްގައި ކަމަށެވެ.
"އަޅުގަނޑަކީ ކުރިން ވެސް ރައީސް މައުމޫންގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތާއީދު ކުރާ މީހެއް. ޑީއާރުޕީގެ ތެރެއިން ޕީޕީއެމް އުފެދުނު ވަގުތުން ފެށިގެން އަޅުގަނޑު ހުރީ އެކަން އިއުލާން ނުކުރިޔަސް ޕީޕީއެމްގައި. ރައީސް މައުމޫންގެ ފަހަތްޕުޅުގައި،" ސުޖާއު ވިދާޅުވި އެވެ.
މަނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނަސީރު "ސަން" އަށް މިރޭ ވިދާޅުވީ އޭނާ ޑީއާރުޕީ ދޫކުރައްވައި ޕީޕީއެމްއާ ގުޅިވަޑައިގަތީ ޑީއާރުޕީގެ ތެރޭގައި ހުންނަވައިގެން ސިޔާސީ ގޮތުން ކުރިއަށް ދެވޭނެ ފުރުސަތުތަކެއް ނެތީމާ ކަމަށެވެ. އަދި އެ ޕާޓީ އަކީ އެކަށީގެންވާ ގޮތެއްގައި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ޕާޓީއެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.