އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ސްރީލަންކާގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތައް ބަލައި ތަހުގީގު ކުރުމަށް ބާރުއަޅައި އެގައުމާ ދެކޮޅަށް ގަރާރެއް ފާސްކޮށްފި އެވެ.

ޖެނީވާގައި މިހާރު ކުރިއަށްދާ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގައި އެމެރިކާގެ އިސްނެގުމުގެ މަތިން ހުށަހަޅައި ފާސްކުރި ގަރާރުގައި ބާރުއަޅާފައި ވަނީ ލަންކާ ސަރުކާރާއި އެ ގައުމުގައި ވަކިވެގަތުމަށް މަސައްކަތްކުރަމުން ގެންދިޔަ ތަމަޅަ ޓައިގަރުންނާ ދެމެދު ކުރި 26 އަހަރު ދުވަހަށް ދިގު ދެމިގެންދިޔަ ދާހިލީ ހަނގުރާމައިގާ ތަމަޅައިންނާ ދެކޮޅަށް ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތައް މިނިވަން އަދި މުސްތަގިއްލު ގޮތެއްގައި ތަހުގީގުކުރުމަށެވެ.

ޝްރީލަންކާގެ ސިފައިން އެ ގައުމުގައި ވަކިވެގަތުމަށް މަސައްކަތްކުރަމުން ދިޔަ ތަމަޅަ ޓައިގަރުން ބަލިކޮށްފައި ވަނީ 2009 ވަނަ އަހަރު އެވެ. އަދި އެހަނގުރާމައިގެ ފަހު ދުވަސްކޮޅުގައި ތަމަޅައިންނާ ދެކޮޅަށް ލަންކާ ސިފައިން ހަނގުރާމަ އާއި އަދި އިންސާނީ ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ތަމަޅައިންނާއި އަދި އެބައި މީހުންނަށް ތާއީދުކުރާ ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުން ނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ބައްދަލުވުން ކުރިއަށް ދިޔަ އިރު އެ ބައްދަލުވުމުގައި ލަންކާ ތަމްސީލުކުރި އެގައުމުގެ މަންދޫބު ވަނީ ކައުންސިލްގެ އެ ގަރާރާ ދެކޮޅަށް ވަރަށް ބޮޑަށް އަޑުއުފުލައި ވާހަކަ ދައްކަވާފަ އެވެ. އެގޮތުން މިފަދަ ދަނޑިވަޅެއްގައި އެފަދަ ގަރާރެއް ފާސްކުރުމުން އެގައުމުގައި މިހާރު ކުރިއަށްދާ ގައުމު އެއްބައިވަންތަ ކުރުމާއި ގައުމުގެ ސުލްހަމަސަލަސްކަން ގާއިމުކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް ނުރައްކާވެ ހުރަސްތަކެއް ކުރިމަތިވެގެންދާނޭ ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި ހަމަ އެހެންމެ ލަންކާގެ ވަފުދުން ތުހުމަތުކޮށްފައިވާ ގޮތުގައި އެ ގަރާރަކީ އެމެރިކާ އިން އެގައުމުގެ ސިޔާސީ އެޖެންޑާ އަށް ތާއީދު ނުކުރާގައުމުތަކާ ދަތިކުރުމުގެ ގޮތުން ފާސްކޮށްފައިވާ ގަރާރެކެވެ.

ލަންކާއާ ދެކޮޅަށް ފާސްކުރި އެގަރާރު ފާސްކުރުމަށް މެންބަރު 25 ގައުމަކުން ވޯޓު ދީފައިވާ އިރު އެ ގަރާރާ ދެކޮޅަށް ވޯޓުދީފައި ވަނީ 13 ގައުމަކުންނެވެ. އަދި އެއްވެސް ކޮޅަކަށް ވޯޓުނުދޭ އަށްގައުމެއްވެ އެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ލަންކާއާ ދެކޮޅަށް ފާސްކުރި ގަރާރުގައި މިފަހަކަށް އައިސް އެގައުމުގައި ހިންގަމުން ގެންދާ އިންސާނީ އެކިއެކި ޖަރީމާތަކާއި ދީނީ އަދި ނަސްލީ ތަފާތު ކުރުންތަކާއި އަދުލުއިންސާފުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ދެމުންގެންދާ އަނިޔާތަކާއި އިންޒާރުތަކާއި ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ ޖަމާއަތްތަކާއި ނޫސްވެރިންނަށް ދެވޭ ހަމަލާތައް ރަނގަޅަށް ބަލައި ތަހުގީގު ކުރުމަށް ބާރު އަޅާފައިވެ އެވެ.

މިފަދަ ގަރާރެއް ފާސްކުރަން ޖެހުމުގެ ސަބަބުތަކުގެ ތެރޭގައި ލަންކާގައި މިދާކަށްދުވަހު ގަވާއިދާ ހިލާފަށް އެގައުމުގެ އެންމެ އިސް ފަނޑިޔާރު ވަޒީފާ އިން ވަކިކުރުމާއި އެގައުމުގެ ބުދުދީނުގެ ހަރުކަށި ފަރާތްތަކުން އެގައުމުގައި ދިރިއުޅޭ މުސްލިމުންނާއި ނަސޯރާއިންނަށް ކުރަމުންގެންދާ ގޯނާތަކާއި ދެމުންދާ ހަމަލާތައް ހިމެނެ އެވެ.

އެ ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި ލަންކާގައި އުމްރާނީ ގޮތުން ވޭތުވެދިޔަ ދުވަސްތަކުގައި ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާއާއި ގައުމުގެ ސުލްހަމަސަލަސްކަން ގާއިމުކުރުމާއި އަދި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް އަދި ވަރަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރަން ޖެހިފަ އެވެ.

ސްރީލަންކާއާ ދެކޮޅަށް މިއަދު އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ގަރާރެއް ފާސްކުރި އިރު އެ ގަރާރު ފާސްކުރުމަށް ވޯޓު ދިން ގައުމުތަކުގެ ތެރޭގައި އަވަށްޓެރި އިންޑިޔާ ހިމެނެ އެވެ. ހަމަ އެހެންމެ އިންޑިޔާގެ ދެކުނުގެ ޓެމިލް ޕާޓީ އިން ވަނީ އިންޑިޔާ ސަރުކާރުން ލަންކާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާކަމަށް ބުނެ އެއްވުންތަކެއް ބާއްވާފަ އެވެ.

ލަންކާއާ ދެކޮޅަށް މިއަދު ގަރާރު ފާސްކުރުމުގެ ގަޑިއިރުތަކެއް ކުރިން އެގައުމުގައި ހުންނަ އެމެރިކާގެ އެމްބަސީ ކުރިމަތީގައި ސަރުކާރަށް ތާއީދު ކުރާފަރާތްތަކުން ވަނީ އެމެރިކާއާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާ ކޮށްފަ އެވެ.