ލައިސަންސް ނެތި އައްޑޫގައި ސައިކަލް ދުއްވި 16 އަހަރުގެ ކުއްޖަކު ބަހެއްގައި ޖެހި އެ ކުއްޖާ އަށް އަނިޔާ ވެއްޖެ އެވެ.


އައްޑު އާއި ފުވައްމުލަކުގައި ދަތުރުފަތުރުގެ ހިދުމަތް ދޭ، އެމްވީކޭ އިން ދުއްވާ ބަސް، މަރަދޫ ބޮޑުމަގުން މިއަދު ހަވީރު ދަނިކޮށް އެ ކުއްޖާ ދުއްވި ސައިކަލު ގޮސް ބަހުގައި ޖެހި ވެއްޓުމުގެ ސަބަބުން އެ ކުއްޖާގެ ބަނޑާއި އަނގަމައްޗަށް ވަނީ އަނިޔާވެފަ އެވެ.  


މުހިއްބުއްދީން ސްކޫލް ގްރޭޑް 10 ގައި ކިޔަވާ އެ ކުއްޖާ މި އެކްސިޑެންޓު ހިނގުމާ އެކު ފުރަތަމަ ގެންދިޔައީ މަރަދޫ ސިއްހީ މަރުކަޒަށެވެ. ނަމަވެސް ފަހުން ވަނީ ހިތަދޫގައި ހުންނަ އައި.އެމް.ޑީ.ސީ އަށް ގެންގޮސް ފަރުވާ ދީފައި ކަމަށް އެ ކުއްޖާގެ އާއިލާގެ ފަރާތުން ބުންޏެވެ.


މި އެކްސިޑެންޓުގެ ސަބަބުން އެ ކުއްޖާ އަށް ބޮޑެތި އަނިޔާތަކެއް ނުލިބުނު ނަމަވެސް، އެ ކުއްޖާ ދުއްވި ސައިކަލް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ.


މި އެކްސިޑެންޓް ހިނގިކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.