ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް)ގެ ފިހާރައިގެ ވެހިކަލަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި އަނެއްކާ ވެސް މީހަކު ހައްޔަރު ކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ހ.ލިލީފެހި ހުސައިން ޙަލީމް، 20، ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ މިއަދު ހެނދުނު 10:30 އެހައިކަންހާއިރު ކަމަށެވެ.

މިއީ އެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރި ތިން ވަނަ މީހާ އެވެ. މީގެ ކުރިން އެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރި ދެ މީހުންނަކީ މާލޭ ދަފްތަރު 2523 މުހައްމަދު މާއިފް، 41، އާއި ކ. ކާށިދޫ ދިލާސާގޭ އަޙުމަދު ޝާނީޒް، 25، އެވެ.

ރެޑްވޭވް ފިހާރައިގެ ވޭނަށް ގެއްލުން ދިންކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ފުލުހުން ވަނަވަރު އާންމު ކުރި މީހުންގެ ތެރެއިން ހައްޔަރު ކުރެވިފައި ނުވަނީ ގދ. ފިޔޯރީ ސްކޫލްދޮށުގޭ މުޙައްމަދު ރަޝީދު، 50، އެވެ. އޭނާ ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާތީ ދެވަނަ ފަހަރަށް ފުލުހުން މިއަދު ވަނީ އޭނާ ހޯދުމަށް އިއުލާން ކޮށްފަ އެވެ.

ރެޑްވޭވްގެ ވޭން ފުރޮޅާލި ވީޑިއޯ އާންމު ކުރުމަށް ފަހު ފުލުހުން ވަނީ ގިނަ ބަޔަކު ހޯދުމަށް ރައްޔިތުންގެ އެހީތެރިކަމަށް އެދިފަ އެވެ. ފުލުހުން އާންމު ކުރި އެ ވީޑިއޯ އިން ފެންނަ މީހަކާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ލަސްނުކޮށް އެމައުލޫމާތު ފުލުހުންނާ ހިއްސާ ކުރުމަށް ފުލުހުން ވަނީ ރައްޔިތުންގެ ކިބައިން އެދިފަ އެވެ. އަދި އެ މީހުންނާ ބެހޭ މައުލޫމާތު ފުލުހުންނާ ހިއްސާ ކުރާ ފަރާތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ދޭނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ރެޑްވޭވްގެ ވޭނަށް ގެއްލުން ދީފައި ވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރުމުން އެކަމާ ނުރުހުން ފާޅުކޮށް މިމަހުގެ ފަސް ވަނަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގަ އެވެ. އެ މުޒާހަރާގައި އެ ވޭން ހުއްޓުވައި އޭގައި އިން ޑްރައިވަރަށް ބިރުދައްކައި އޭނާ އެ ވެހިކަލުން ނެރުމަށްފަހު ވޭން ފުރޮޅާލައި، އެ ވެހިކަލަށް ބޮޑެތި ގެންލުންތަކެއް ދީފައިވެ އެވެ. އެގޮތުން ވޭނުގެ ބިއްލޫރިގަނޑު ތަޅާލައި އޭގައި ހުރި މުދާތައް ބިންމައްޗަށް އަޅާލައި، މުޒާހަރާގެ ބައިވެރިންނަށް ބަހައި ހަދާފައިވެ އެވެ.

މިލިޔުމާ ގުޅޭ ވީޑިއޯ ލިންކް

http://www.youtube.com/watch?feature=player_embedded&v=iYenA4TTj88