21 Mar 2013, 18:19
އިންޑިޔާގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ މުމަބާއިގައި 1993 ވަނަ އަހަރު ހިންގި ނުރައްކާތެރި ސިލްސިލާ ބޮން ގޮއްވުމާއި ބަޑީގެ ހަމަލާއާ ގުޅިގެން ގަވާއިދާ ހިލާފަށް ހަތިޔާރު ގެންގުޅުމުގެ ކުށުގައި ބޮލީވުޑްގެ މަޝްހޫރު ސުޕަސްޓާ، 53 އަހަރުގެ ސަންޖޭދަތުގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލުހުކުމެއް އިންޑިޔާގެ ސުޕްރީމް ކޯޓުން މިއަދު އިއްވައިފި އެވެ.
މުމްބާއީގައި ދެވުނު ސިލްސިލާ ބަޑީގެ ހަމަލާ އާއި ބޮންގޮއްވުމުގެ އިރުހާބީ ހަމަލާ ރޭވުމުގައި އޭނާގެ ބައިވެރިވުމެއްވާ ކަމަށާއި އަދި ގަވާއިދާ ހިލާފަށް އޮޓޮމެޓިކް ތިން ރައިފަލާއި ފިސްތޯލައެއް ގެންގުޅުމުގެ ކުށުގައި ސަންޖޭދަތު މައްޗަށް ވަނީ 2007 ވަނަ އަހަރު ހަ އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި އެފަހަރު އޭނާ ވަނީ ކަފާލާތުގެ ދަށުން ޖަލުން މިނިވަން ކޮށް މައްސަލަ ނިމެންދެން ދޫކޮށްލާފަ އެވެ.
ސަންޖޭދަތުގެ މައްޗަށް ސުޕްރީމް ކޯޓުން މިއަދު އެގޮތަށް ހުކުމް އިއްވީ އޭނާގެ ވަކީލު، ސަންޖޭދަތުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުން ސަލާމަތް ކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅިގެންނެވެ. އެގޮތުން ކުރިން ސަންޖޭދަތު ޖަލުގައި ހޭދަކުރި އެއް އަހަރާ 18 މަސް (ދޮޅުއަހަރު) ތެރޭގައި އޭނާގެ އަހުލާގަށާއި، އެހީތެރިކަން ބޭނުންވާ މީހުނަށް ފޯރުކޮށްދީފައިވާ އެހީތަކަށާއި އަދި ޖަލުގައި އޭނާ ކުރި މަދަނީ މަސައްކަތްތަކަށް ބަލާ ސަންޖޭދަތު ޖަލުގެ ހުކުމުން ސަލާމަތް ކޮށްދިނުމަށް އޭނާގެ ވަކީލު އެދުނެވެ. ނަމަވެސް ކޯޓުން ނިންމީ އޭނާގެ ކުށުގެ ބާވަތުން އެއްކޮށް ދޫކޮށް ނުދެވޭނެ ކަމަށެވެ. އަދި އެ ދޮޅު އަހަރުގެ އިތުރުން ތިން އަހަރާ ހަ މަސް ޖަލުގައި ހޭދަކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް ކުރިޔަށް އޮތް ހަތަރު ހަފްތާގެ ތެރޭގައި އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު ސަންޖޭދަތަށް އޮންނާނެ އެވެ.
އެ ހާދިސާއާ ގުޅިގެން ޖުމުލަ 100 މީހެއްގެ މައްޗަށް ދައުވާ ކުރި ސިލްސިލާ ހަމަލާތަކުގައި 250 މީހުން މަރުވެ 700 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ. މުމްބާއީ ހަމަލާއާ ގުޅިގެން ހުކުމް ކުރެވުނު 100 މީހުންގެ ތެރެއިން 11 މީހުންނަށް މަރުގެ ހުކުމް އައިއިރު 20 މީހުންވަނީ އުމުރުދަވަށް ޖަލަށް ކުމަށް ހުކުމް ކޮށްފަ އެވެ.
މީގެ 18 ވަރަކަށް އަހަރު ކުރިން މުމްބާއީގައި ހިންގި އެ ހާދިސާގައި ސަންޖޭދަތާއި އެއްވެސް ގުޅުމެއް ނެތްކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި އޭނާ ހަތިޔާރު ގެންގުޅުނީ އެދުވަސްވަރު އެހިސާބުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި އޭނާއަށާއި އޭނާގެ އާއިލާގެ މީހުންނަށް ބައެއްފަރާތްތަކުން މަރުގެ އިންޒާރުދީ ބިރުދައްކަމުން ގެންދިއުމުގެ ސަބަބުން އޭނާ އާއި އޭނާގެ އާއިލާގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަމަށް މަޝްހޫރު ފިލްމީތަރި ވަނީ ބުނެފަ އެވެ.
މުމްބާއީގައި ހިންގި ސިލްސިލާ ބޮންގޮއްވުމުގެ ހާދިސާ ހިނގާފައި ވަނީ 1992 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި އިންޑިޔާގެ ހައްދުފަހަނައަޅާފައިވާ ހިންދޫ ޖަމާއަތަކުން އެގައުމުގެ އަޔޯދިޔާ ސިޓީގައި ހުރި މުސްލިމުންގެ ދުވަސްވީ މިސްކިތެއްކަމަށްވާ މަޝްހޫރު "ބާބްރީ މިސްކިތް" ތަޅާލުމާގުޅިގެން ހިނގި ހަމަނުޖެހުންތަކަކަށް ފަހު އެވެ.
އިންޑިޔާގެ އެކި ކަންކޮޅުތަކުގައި ހިނގި އެ ހަމަނުޖެހުންތަކުގައި މުސްލިމުންގެ ގިނަ ބަޔަކަށް ބޮޑެތި އަނިޔާތައްލިބި އަދި އަދި އެތައްބަޔަކު މަރުވެފައިވެ އެވެ.