21 Mar 2013, 18:13
ދެ ހާސް ދިހަ ވަނަ އަހަރު އިލެކްޝަންސް ކޮމިޝަނުގެ ތިން މުވައްޒަފަކު ކިޔަވަން ފޮނުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ޑިރެކްޓަރު އިސްމާއީލް ހަބީބު އަމަލުކޮށްފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް އެކަން ހިނގާފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށްކަން އެނގޭނެ އެއްވެސް ހެއްކެތް ނެތް ކަމަށް އެންޓިކޮރަޕްޝަންސް ކޮމިޝަނުން ކަނޑައަޅައިފި އެވެ.
ހަބީބުއާ ދެކޮޅަށް އިލެކްޝަންސް ކޮމިޝަނުން އޭސީސީ އަށް ހުށަހެޅި މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައި ވަނީ ތިން މުވައްޒަފަކަށް ކިޔެވުމުގެ ފުރުސަތު ދިނުމަށް އެ ކޮމިޝަނުގެ ޑިރެކްޓަރު މަގާމުގައި ހުރި ހަބީބު އެ ކޮމިޝާއި މަޝްވަރާ ކޮށްފައިނުވާ ކަމަށް އެ ކޮމިޝަނުން ބުނި ނަމަވެސް މަޝްވަރާކޮށްފައިވާކަން އެކޮމިޝަނަށް ލިބިފައިވާ އީމެއިލްތަކުންނާއި ހެކިންގެ ހެކި ބަހުން އެނގެން އޮތް ކަމަށެވެ.
އަދި އެ ކޮމިޝަނުގެ ހިއުމަންރިސޯސެސް ޕެނަލް އިން އެކަން ނިންމާފައި ވަނީ ރިކުއާމަންޓް ބަޖެޓަށް ބެލުމަށް ފަހުކަން ޔައުމިއްޔާ އިން އެނގެން އޮތް އިރު އެ ފައިސާއަކީ ބޭނުންކޮށްފައި ވަނީ 2010 ވަނަ އަހަރުގެ ބަޖެޓުގައި އެކަމަށް ކަނޑައަޅާފައިވާ ފައިސާކަން އެނގެން އޮތް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
"ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ 12 މާއްދާގެ (ހ)ގައިވާ ފަދައިން އެއްވެސް ފަރާތަކުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދަދިން ކަމެއް ނުވަތަ ހޯދަދޭން މަސައްކަތް ކުރިކަމަށް ދޭހަވާ ފަދަ އެއްވެސް ހެއްކެއް ނުވަތަ ދަލީލެއް ތަހްގީގަށް ލިބިފައިނުވާތީ މިއީ ގާނޫނު (ނަންބަރު 2008/13) އެންޓިކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގެ 25ވަނަ މާއްދާ (ހ)ގައި އެއް ވަނަ ނަންބަރުގެ ދަށުން ކޮރަޕްޝަންގެ އަމަލެއް އެކުލެވިގެންނުވާ ޒާތުގެ މައްސަލައެއް ކަމަށް ކަނޑައަޅާ މައްސަލަ ނިންމީމެވެ." އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިބްތިހާބުގެ ދެވަނަ ބުރުގައި އިލެކްޝަންސް ކޮމިޝަނަށް މާސްޓާ ޓުރެއިނަރެއް ހަމަޖެއްސުމުގައި އެ ކޮމިޝަންގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް އިސްމާއީލް ހަބީބު އަބްދުއްރަހީމް ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ބުނެ މައްސަލަ ބެލުމަށް ފަހު ވެސް އޭސީސީން ބުނެފައި ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ސާބިތުވާން ނެތް ކަމަށެވެ.
ނަމަވެސް ހަބީބުގެ މައްޗަށް އެ ދެ މައްސަލައިގައި ތުހުމަތުކޮށް އޭނާ ވަޒީފާގެ މަގާމު ދަށް ކުރުމަށް ފަހު ސަސްޕެންޑުގައި ބަހައްޓާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި ތިރީސް ދުވަހުގެ ސަސްޕެންޑްގައި ބެހެއްޓުމަށް ފަހު އޮފީހުގެ އޮނިގަނޑަކަށް ގެނައި ބަދަލަކާ ގުޅިގެން ކަމަށް ބުނެ އެނާ މިހާރު ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ.