އުސްފަސްގަނޑު ހުސްކުރުމަށް މާލޭ ސިޓީ ކައުންސިލް އެމްޑީޕީ އަށް ދިން މުއްދަތު ހަމަނުވަނީސް އެ ސަރަހައްދު އަނެއްކާ އެމްޑީޕީ އަށް ތިން މަސް ދުވަހަށް ދޫކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މައިޒާން އަލިމަނިކު (އަލިބެ) މިއަދު ސަންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އުސްފަސްގަނޑު އެމްޑީޕީ އަށް މިއަދުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ދީފައިވާ ކަމަށާއި އެގޮތަށް ނިންމީ އެތަން ހުސްކުރުމަށް އެމްޑީޕީއަށް އެ ކައުންސިލުން ދިން މުއްދަތުގެ ތެރޭގައި އެޕާޓީން އެސަރައްދު ހޯދުމަށް އެދިފައިވާތީ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އިތުރު އެހެން ޕާޓީއަކުން އުސްފަސްގަނޑު ހޯދުމަށް އެދި ހުށަހަޅާފައިނުވާ ކަމަށް ވެސް އެނާ ވިދާޅުވި އެވެ.

"އުސްފަސްގަނޑަކީ ރާއްޖޭގެ ގިނަ ބަޔަކު އެއްވެ ޝުއޫރު ފާޅުކުރާ ތަނަކަށް ވާތީ އެ އޮންނަ އުސޫލެއްގެ ދަށުން އެތަން އެޕާޓީ އަށް ދިނުމަށް އެމްޑީޕީން އެދުނު. އެސަރަހައްދުގައި ކުރިއަށް ގެންދަނީ ޕާޓީގެ ރޫހު ދިރުވުގެ މަސައްކަތުގެ ބަދަލުގައި ރައްޔިތުންގެ ސުއޫރު ފާޅުކުރުން ކަމަށް އެޕާޓީ ބުނޭ. އަދި އެ ޕާޓީން ބަލަނީ ރައްޔިތުން ހިފެހެއްޓޭތޯ ކަމަށް ވެސް ބުނެފައިވޭ، އެހެންވެ އިތުރު ބަޔަކު އެތަން ހޯދަން އެދިފައިނުވާތީ އެމްޑީޕީއަށް އަލުން އެތަން ދޭން ނިންމީ،" އެމްޑީޕީގެ މެޖޯރިޓީ އޮންނަ ސިޓީ ކައުންސިލްގެ ރަޢީސް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން އެކިއެކި މުއްދަތައް އެމްޑީޕީ އަށް ދޫކޮށްފައިވާ އުސްފަސްގަނޑުގެ ސަރަަހައްދު އެމްޑީޕީއަށް ސިޓީ ކައުންސިލުން މިފަހަރު ދޫކުރިއިރު އެތަން ހުސްކުރުމަށް އެ ކައުންސިލަށް ހައުސިން މިނިސްޓްރީން ވަނީ ނޯޓިސް ދީފަ އެވެ. ނަމަވެސް އެ ނޯޓިސްއާ އެއްގޮތަށް ސިޓީ ކައުންސިލުން އަމަލްކޮށްފައެއް ނުވެ އެވެ. އުސްފަސްގަނޑުގެ މައްސަލާގައި މިނިސްޓްރީންނާއި ސިޓީ ކައުންސިލުން ވަނީ އެތައް ފަހަރެއްގެ މަތިން ކޯޓަށް ވެސް ގޮސްފަ އެވެ.

ސިޓީ ކައުންސިލުން އެމްޑީޕީއަށް އެސަރަަހައްދު ހުސްކުރުމަށް ކުރިން ދިން 30 ދުވަހުގެ މުއްދަތު ހަމަވާނީ މިމަހުގެ 24 ގަ އެވެ. އޭރު އެތަން ހުސްކުރުމަށް ސިޓީ ކައުންސިލުން އެނގީ އެސަރަހައްދު ތަރައްގީ ކުރުމަށް ކައުންސިލުން ނިންމާފައިވާ ކަމަށް ބުނެ އެވެ. އަދި އެ ސަރަހައްދު ސިޔާސީ ޕާޓީތަކަށް ދޫނުކުރުމަށް ވެސް ކުރިން އެކައުންސިލުން ވަނީ ނިންމަފައިފަ އެވެ.