އެމްޑީޕީގެ ފިކުރު ވިއްކޭތޯ އެ ފިކުރު ކޮނޑަށް ލައިގެން ބައިނަލްއަގްވާމީ މައިދާނަށް ވެސް ނުކުތިން ކަމަށާއި އަދި ޖަލުގައި ވެސް އެ ޕާޓީގެ ހައްގުގައި އެ ފިކުރު ދިރުވޭތޯ އެތައް ދުވަހެއް ހޭދަ ކުރައްވަން ޖެހިވަޑައިގަތް ކަމަށް އެމްޑީޕީ ދޫ ކުރައްވައި، ރޭ ޑީއާރުޕީއާ ގުޅިވަޑައިގަތް ނޮޅިވަރަމް ދާއިރާގެ ރައްޔިތުންގެ މަޖިލީސް މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެ އެވެ.

ރޭ ޑީއާރުޕީއަށް ސޮއިކުރެއްވުމަށް ފަހު އެ ޕާޓީގެ ޕޯޑިއަމްގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ކާނަލް ވިދާޅުވީ އެމްޑީޕީގެ ވިސްނުމާއި، ފިކުރު "ބަޑި ޖަހައި" މުޅީން ގޮވައިފައި އޮއްވާ ހަރުގެ އަށް ގޮސް އެ ފިކުރު ނެގެހެއްޓުމަށްޓަކައި، މެމްބަރުން ގޮވައިގެން ވަރަށް ބޮޑެތި މަސައްކަތްތަކެއް އެ މަނިކުފާނު ކުރެއްވި ކަމަށެވެ. ނަމަވެސް ހަގީގަތަކީ މިއަދު އަޅުގަނޑުމެންގެ ކުރީގެ ރައީސުންނަށް ދެން މި ގައުމަށް ކޮށްދެއްވޭނެ އެއްވެސް ކަމެއް ނެތްކަން ކަމަށް ވެސް ކާނަލް ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް ލޯބިވާ ޕާޓީއެއް އެމްޑީޕީ އަކީ. އެ ފިކުރު ބައިނަލް އަގްވާމީ މައިދާނުގައި ވިއްކުމަށްޓަކައި، އަޅުގަނޑުގެ ކޮނޑަށް އެ ފިކުރު ލައިގެން ބައިނަލްއަގްވާމީ މައިދާނުގައި ވެސް ނުކުތިން. އެމްޑީޕީގެ ވިސްނުމާއި، ފިކުރު ބަޑި ޖަހާފައި އޮއްވާ ހަރުގެ އަށް ގޮސް އެ ފިކުރު ނެގެހެއްޓުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރިން. ޖަލުގައި އެތައް ދުވަސްތަކެއް އެ ފިކުރަށްޓަކައި އަޅުގަނޑު ހޭދަ ކުރިން،" ކާނަލް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުންނަށް އަމާޒު ކުރައްވައި، ކާނަލް ވިދާޅުވީ ރާއްޖެއަށް އިސްލާހީ ބަދަލުތަކެއް ގެންނެވުމުގެ ވިސްނުންފުޅު ތަކެއް ރައީސް ނަޝީދު ގެންގުޅުއްވި ކަމަށާއި، ނަމަވެސް އެމަނިކުފާނުގެ އަރިހުގައި ވަށައިގެން އެފަދަ ގާބިލު ކަމެއް ނެތް ކަމަށެވެ.

"ރައީސް ނަޝީދުގެ ވެސް ހުރި ދިވެހި ރާއްޖެ އިސްލާހީ ބަދަލުތަކެއް ގެނައުމުގެ ވިސްނުންފުޅުތަކެއް. އެހެން ނަމަވެސް އެމަނިކުފާނުގެ އަރިހަކު ނެތް އެ ކެޕޭސިޓީއެއް. އެ ގާބިލް ކަމެއް ވަށައިގެންނެއް،" ކާނަލް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މަޖިލީހުގެ އިމްތިޔާޒާއި ބާރުތަކުގެ ބިލަށް އެމްޑީޕީން ތާއީދުކޮށްފައިވާ އިރު ކާނަލް ވިދާޅުވީ އެފަދަ ބިލެއް އެމްޑީޕީ ވެރިކަމުގައި އޮތް އިރު ހުށަހެޅުމުން އެ ބިލަށް އެމްޑީޕީން ދިނީ ރަތް ކުލައިގެ ވޯޓެއް ކަމަށެވެ. ނަމަވެސް އެމްޑީޕީ އަތުން ވެރިކަން ބީވި ފަހުން އެ ބިލަށް ވޯޓަށް އެހުމުން ދިނީ އެ ބިލް ފާސްކުރަން ފެންނަ ކަމަށް ފެހި ކުލައިގެ ވޯޓެއް ކަމަށެވެ. އަދި އެމްޑީޕީ ވެރިކަމުގައި އޮތް އިރު އިމްތިޔާޒުގެ ބިލަށް ޕީޕީއެމުން ވެސް ފެންނަ ކަމަށް ވޯޓު ދިނުމަށް ފަހު އެ ޕާޓީ ވެރިކަމުން ވެއްޓުމުން ޕީޕީއެމް ގެ މެމްބަރުންގެ ވޯޓު ވެސް ރަތް ކުލަ އަށް ބަދަލު ވީ ކަމަށެވެ. އޭނާ ވިދާޅުވީ އޭރު ވެސް މިހާރު ވެސް ޑީއާރުޕީން ވޯޓު ދިނީ ހަމަ އެއްގޮތަކަށް ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން ވިޕް ލައިން ނެރެނީވެސް އެެ ދުވަހަކު އިލްޔާސް ލަބީބު އާއި އީވާ އަބްދުﷲގެ ހިއްޕުޅަށް އަރައި ވަޑައިގަންނަވާ ގޮތަކަށް ކަމަށެވެ. ނަމަވެސް އެ މަނިކުފާނު ބޭނުންފުޅު ވަނީ އެ ފަދަ ވިޕްލައިންއެއް ފޮލޯ ކުރެއްވުމުގެ ބަދަލުގައި މުޅި ގައުމުގެ ހައްގުގައި މަސައްކަތް ކުރައްވަން ކަމަށެވެ.

އޭނާ ވިދާޅުވީ ޑީއާރުޕީއާ ގުޅިވަޑައިގަތީ ރާއްޖޭގައި އޮތް ހުރިހާ ސިޔާސީ ޕާޓީއެއްގެ ތެރެއިން އެއް އުސޫލެއް އަދި އެއް ހަމައެއްގެ ތަހްޒީބު ވިސްނުމެއް ގެންގުޅޭ ހަމައެކަނި ޕާޓީ އަކީ ޑީއާރުޕީ ކަަމަށް ގަބޫލް ކުރެއްވުނީމައި، ކަމަށެވެ. އަދި މަޖިލީހުގެ ތެރޭގައިވެސް އިސްލާހު ކުރަން ޖެހޭ އެތައް ކަމެއް ހުރި އިރު ރަނގަޅު އަޚްލާގީ މިންގަނޑެއްގެ ތެރެއިން އެކަންކަން އިސްލާހު ކުރުމަށް މަސައްކަތް ކުރެވޭނެ ހަމަ އެކަނި ޕާޓީ އަކީ ވެސް ޑީއާރުޕީ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ.