21 Mar 2013, 16:10
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެފައި ވަނީ ގާނޫނީ ހަމަތަކުގެ ބޭރުން ކަމަށް ކަނޑައަޅައި ދިނުމަށް އެދި ކުރީގެ ހިއުމަންރައިޓްސް މިނިސްޓަރު އިސްވެ ހުންނަވައިގެން ހައިކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައި ވަނީ ކުރީގެ ހިއުމަންރައިޓްސް މިނިސްޓަރު ފާތިމަތު ދިޔާނާ ސައީދާއި ގާނޫނީ ވަކީލު އިޝްރާރު ތައުފީގާއި އާމިނަތު ނާޒުލީ އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ދިޔާނާ ވިދާޅުވީ ހައިކޯޓަށް އެ މައްސަލަ ހުށަހެޅީ ދެ ކަމެއް ކަނޑައަޅައި ދިނުމަށް ކަމަށެވެ. އެއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ރައީސް ނަޝީދު އިސްތިއުފާ ދެއްވީ މަޖުބޫރީ ހާލަތުގައި ކަމަށް ކަނޑައަޅައި ދިނުމަށާއި ގާނޫނީ ސަރުކާރު ބަދަލުވެފައި ވަނީ ވެސް ގާނޫނީ ހަމަތަކުގެ މަތިން ބޭރުން ކަމަށް ކަނޑައަޅައި ދިނުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ސާބިތުކުރުމަށް 35 ހެކި ކޯޓަށް ހުށަހަޅާފައިވާނެ ކަމަށާއި އަދި އިތުރަށް ވެސް ހެކި ހުށަހަޅުމުގެ ފުރުސަތަކަށް ވެސް ކޯޓުގައި އެދިފައި ވާނެ ކަމަށެވެ.
އެ މައްސަލަ ސާބިތު ކުރުމަށް ގިނަ ހެއްކާއި ގަރީނަތަކެއް ހުށަހަޅަން ނިންމާފައިވާ ކަމަށާއި އޭގެ ތެރޭގައި ވަރަށް ގިނަ ވީޑިއޯ ފުޓޭޖްތަކެއް ހުރިކަމަށް ވެސް ދިޔާނާ ވިދާޅުވި އެވެ.
އެ މައްސަލަ ހައިކޯޓަށް ހުށަހެޅި ނަމަވެސް އަދި މައްސަލަ ބަލައިގަތުމާ މެދު ނިންމާފައިވާ ގޮތެއް އެ ކޯޓުން އަންގާފައި ނުވާ ކަމަށް ވެސް ދިޔާނާ ވިދާޅުވި އެވެ.
ގާނޫނީ ވަކީލު އިޝްރާރު ވިދާޅުވީ ރާއްޖޭގައި އޮންނާނީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްކަމަށް ގާނޫނު އަސާސީގައި ކަނޑައެޅިފައިވާއިރު، ގާނޫނު އަސާސީއާ ގާނޫނުތަކާ ގަވާއިދުތަކާއި އަދި ދުނިޔޭގެ ގައުމުތަކުގައި އަމަލު ކުރަމުންދާ ބެސްޓް ޕްރެކްޓިސްތަކާ ޚިލާފު ގިނަ އަމަލުތަކެއް ވެރިކަން ބަދަލުވި ދުވަހު ހިންގާފައިވާކަމަށް އެބޭފުޅުން ކުރި ދިރާސާ އަކުން އެނގޭ ކަމަށެވެ.
ގާނޫނޫ އަސާސީ އެކުލަވާލެވިފައިވާގޮތުން ސަރުކާރާ މެދު ހިލާފު އުފެދިފައިވާ ހާލަތެއްގައި އެކަމާ މެދު ގޮތެއް ކަނޑައަޅަން ޖެހޭނީ ޝަރުއީ ކޯޓަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.