21 Mar 2013, 15:10
މާލޭގައި ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރުމަށްޓަކައި މާލޭގެ ދެކުނުފަރާތުން (ސްޓޭޑިއަމްއާ ދިމާއިން) ފަޅުތެރެއިން ބައެއް ހިއްކައިގެން އަލަށް ހަދާ ވޭސްޓްޔާޑް ހެދުމަށް އެސަރަހައްދު ހިއްކުމުގެ މަޝްރޫއު ތިލަފުށީ ކޯޕަރޭޝަނާ މިއަދު ހަވާލު ކޮށްފި އެވެ.
އަލަށް ހަދާ ވޭސްޓްޔާޑް ހެދުމަށްޓަކައި އެސަރަހައްދުގެ ބިންހިއްކުމަށް ތިލަފުށީ ކޯޕަރޭޝަނާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު މެންދުރުފަހު މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައެވެ. 0.5 ހެކްޓަރުގެ ބިން ހިއްކައިގެން ވޭސްޓްޔާޑް ހެދުމުގެ މަޝްރޫއުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު އެވެ. އަދި ތިލަފުށީ ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިލްހާމް އިދްރީސް އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރު ވިދާޅުވީ މާލޭގެ ދެކުނުފަރާތުގައި އަލަށް ހަދާ ވޭސްޓްޔާޑަކީ ސީދާ ތިލަފުށީ ކޯޕަރޭޝަނުން ހަރަދުކޮށްގެން އެ ކޯޕަރޭޝަންގެ ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށާއި އަދި އެ މަޝްރޫއު ނިމުމުން މާލޭގައި ދިމާވާ ކުނިބުނީގެ މައްސަލަތައް ހައްލުވެގެން ދާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މި އެއްބަސްވުމަކީ ތިލަފުށި ކޯޕަރޭޝަނާއި ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމެއް. ތިލަފުށީ ކޯޕަރޭޝަނުގެ ފަރާތުން ހަރަދު ކުރަށްވައިގެން މާލޭ ދެކުނުފަރާތު ފަޅުތެރެއިން ބައެއް ހިއްކައި، ދާއިމީ ގޮތެއްގައި މާލޭގައި ޖަމާކުރެވޭ ކުނި މެނޭޖް ކުރެވޭނޭ ނިޒާމެއް ގާއިމުކުރުމަށް އަދި މާލޭގައި ހުރި ވޯކްޝޮޕްތަކާއި ވެއާހައުސިންތައް ވެސް ތިލަފުށީ ކޯޕަރޭޝަންގެ ފަރާތުން ކުރިއަށް ގެންދިއުމަށްޓަކައި ތިލަފުށީ ކޯޕަރޭޝަންގެ ޕްރޮޖެކްޓެއްގެ ގޮތުގައި ހިންގުމަށްޓަކައި ސޮއިކުރެވުނު އެއްބަސްވުމެއް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
އެމަނިކުފާނު ފާހަގަ ކުރެއްވި ގޮތުގައި މާލޭގައި ކުނި ޖަމާކުރުމާއި ކުނި މެނޭޖުކުރުމުގެ ކަންތައްތަކަކީ ވަރަށްވެސް ބޮޑު މައްސަލައަކަށް ވެގެން ގޮސްފައިވާ ކަމެކެވެ. އެގޮތުން މިފަހަރު މިފެށި މަސައްކަތަކީ، މީގެ އަށްވަރަކަށް އަހަރު ކުރިން ޖަޕާނު ސަރުކާރުގެ އެހީގައި، ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ)ގެ ފަރާތުން ހަދާފައިވާ ވަރަށް ތަފްސީލީ ޓެކްނިކަލް ދިރާސާ ރިޕޯޓެއްގެ މައްޗަށް ބިނާކޮށް އެ ރިޕޯޓަކީ އަސްލު ކަމަށް ބަލައިގެން އެއަށް އިތުރު މަސައްކަތްތަކެއް ކޮށްގެން ހަދާފައިވާ ޕްލޭންތަކެއްގެ މައްޗަށް ބިނާކޮށްގެން ފެށާ މަޝްރޫއު އެއް ކަމަށެވެ.
އަދި މަޝްރޫއު ނިމުމުން މާލޭގައި ހުރި ވޯކްޝޮޕްތަކާއި ގަރާޖު، އަދި ވަޑާންކުރާ ތަންތަން އެސަރަހައްދަށް ބަދަލުކުރެވި މާލޭގެ ކުނީގެ މައްސަލަ ހައްލުވުމުގެ އިތުރުން މާލޭގެ މަގުތަކުގައި ބޮޑެތި ލޮރީ ޕިކަޕްފަދަ ދުއްވާ އެއްޗެހި ތޮއްޖެހުމުގެ މައްސަލައަށްވެސް މި މަޝްރޫއުގެ ސަބަބުން ހައްލު އަންނާނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މަޝްރޫއު ކުރިއަށް ގެންދިއުމާ ހަވާލުވި ތިލަފުށި ކޯޕަރޭޝަންގެ ފަރާތު އެކުންފުނީގެ މެނޭޖަރު ވިދާޅުވީ އެ މަސައްކަތް ފަށާތާ ގާތްގަނޑަކަށް އަށް މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށާއި އެއްބަސްވުމުގައި ސޮއިކުރާތާ އެއްމަސް ދުވަހުގެ ތެރޭގައި މަސައްކަތް ފެށޭވަރު ވާނޭ ކަމަށެވެ. އަދި އެ ޕްރޮޖެކްޓަށް ހަރަދުވާނޭ ކަމަށް ލަފާކޮށްފައިވަނީ 87 މިލިޔަން ދިވެހި ރުފިޔާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"މި ޕްރޮޖެކްޓްގެ ޓޯޓަލް ކޯސްޓުކަމަށް އަޅުގަނޑުމެންނަށް މިހާރު އެސްޓިމޭޓެޑް ކޯސްޓް ވެލިއުއަކަށް ދެންނެވިދާނެ ގާތްގަނޑަކަށް 87 މިލިޔަން ރުފިޔާ. ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ކުރާނީ ހިއްކުމުގެ މަސައްކަތް. އެކަމަށް ހަރަދުވާނެ ގާތްގަނޑަކަށް 41 މިލިޔަން ރުފިޔާ. އޭގެ ފަހުން އިންފްރާސްޓްރަކްޗާ ޑިވެލޮޕްކުރުމަށް 46 މިލިޔަން ރުފިޔާ،" އިލްހާމް ވިދާޅުވި އެވެ.
އިލްހާމް އިތުރަށް ވިދާޅުވީ އަލަށް ހަދާ ވޭސްޓްޔާޑުގެ ބިން ބޭނުން ކުރާނީ ކުނި ނައްތާލުމަށް ގާތްގަނޑަކަށް އެތަނުގެ 40 އިންސައްތައާއި އަނެއް 60 އިންސައްތަ ބިން ބޭނުން ކުރާނީ އެތަނަށް ބަދަލުކުރާ ވޯކްޝޮޕް، ގަރާޖް އަދި ވެއާހައުސްފަދަ ތަންތަން ހެދުމަށް ކަމަށެވެ.
މާލޭގައި އަލަށް ހަދާ ވޭސްޓްޔާޑުގެ މަސައްކަތް ނިމުމުން ވިލިގިލީ/މާލެ ފެރީޓާމިނަލް ސަރަހައްދާއި އައިޖީއެމްއެޗް، ހިރިޔާ، ތާޖުއްދީން އަދި އިމާދުއްދީން ސްކޫލަށް ދިމާވާ ކުނިވަސްދުވުމުގެ މައްސަލަވެސް ހައްލުވެގެންދާނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވަޑާންކުރާ ތަންތަނުންނާއި ވޯކްޝޮޕް ގަރާޖުފަދަ ތަންތަނުން އަރާ ކުނޑިއާއި ހިރަފުސް، އަދި ގަދަ އަޑުތަކުން މާހައުލަށް ހަމަޖެހުމެއް ލިބި ރައްޔިތުންނަށް އޭގެ ރަނގަޅުފައިދާ ވަރަށް ބޮޑަށް ފޯރާނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.