21 Mar 2013, 14:55
އިމާރާތްކުރުމަށް ބޭނުންކުރާ ހިލަޔާއި ހިލަވެލި ރާއްޖޭގެ ބާޒާރުން ހުސްވެފައިވާތީ އަންނަ މަހުގެ ކުރީކޮޅުގައި ހިލަޔާއި ހިލަވެލީގެ 17000 ޓަނުގެ ޝިޕުމެންޓެއް ގެންނަ ގޮތަށް ނިންމާފައިވާ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝާހިދު އަލީ މިއަދު ސަން އޮންލައިނަށް ވިދާޅުވީ ރާއްޖެގެ ބަޒާރުން ހިލަޔާއި ހިލަވެލި ހުސްވެފައިވާ އިރު އެ ދަތިކަށް ހައްލުކުރުމަށް އެސްޓީއޯ އިން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން މިއަންނަ މަހުގެ ކުރީކޮޅުގައި ހިލަޔާއި ހިލަވެލީގެ 17000 ޓަނުގެ ޝިޕްމެންޓެއް ގެންނަން ނިންމާފައިވާ ކަމަށެވެ.
"ވަރަށް ބޮޑު ޔަގީން ކަމެއް ލިބިފައި ވަނީ 17،000 ޓަނުގެ ހިލަޔާއި ހިލަވެހީގެ ޝިޕްމެންޓް މިއަންނަ މަހުގެ ކުރީކޮޅުގައި ގެނެވޭނެ ކަމުގެ،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މިފަހަރުގެ ސިޕުމެންޓެއް ގެނައުމަށް ނިންމާފައި ވަނީ ލަންކާ އާއި ބަނގުލަދޭސް އިން ކަމަށެވެ. އެސްޓީއޯ އިން މިހާރު ވެސް ދަނީ ހިލަޔާއި ހިލަވެލި ގެންއުމަށްޓަކައި މެލޭޝިއާއާއި ޕަކިސްތާންގެ އިތުރުން ލަންކާ އާ ވެސް ވާހަކަ ދައްކަމުންނެވެ.
ހިލަޔާއި ހިލަވެލީގެ ޝިޕްމެންޓެއް ގެނައުމަށް އެސްޓީއޯ އިން މަސައްކަތް ކުރަމުންދާ އިރު ރާއްޖޭގެ ބަޒާރުން މިހާރު ވަނީ ހިލަޔާއި ހިލަވެލި ލިބުން ވަރަށް ބޮދަށް ދަތިވެފަ އެވެ. އެސްޓީއޯގެ އިތުރުން ރާއްޖެ އަށް ހިލަޔާއި ހިލަވެލި އެތެރެކުރާ ސޮނީހާޑްވެއާ އާއި ނަލަހިޔާއިން ވެސް ބުނީ އެ ދެ ކުންފުނިން ވިއްކަމުންދިޔަ ހިލަޔާއި ހިލަވެލި ހުސްވެފައިވާ ކަމަށާއި އަދި އަނބުރާ ޝިޕުްމެންޓެއް ގެނެވޭނެ ދުވަހެއް ބުންނަން ނޭނގޭ ކަމަށެވެ.
މިހާތަނަށް ރާއްޖެ އަށް ހިލަ ގެނެސްފައި ވަނީ އިންޑިއާ ސަރުކާރުގެ ޚާއްސަ ކޯޓާގެ ދަށުން ނެވެ. ނަމަވެސް އިންޑިއާ އިން ވަނީ ހިލަޔާއި ހިލަވެލި ފޯރުކޮށްދިނުން ހުއްޓަލާފަ އެވެ.