ދިހަވަނަ ސައުތު އޭޝިއަން މެންސް ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ބޮޑީ ބިލްޑަރުންގެ ފަރިތަކުރުންތައް ފަށައިފި އެވެ.

ސައުތު އޭޝިއަން މެންސް ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕް މިފަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ޕާކިސްތާނުގެ ލާހޫރުގައެވެ. އެ ގޮތުން އެ މުބާރާތް ކުރިއަށް ދާނީ އަންނަ މޭމަހުގެ 1 އިން 3 ވަނަ ދުވަހުގެ ނިޔަލަށެވެ.

ބޮޑީ ބިލްޑިން ފެޑެރޭޝަން އޮފް މޯލްޑިވްސް (ބީބީއެފްއެމް)ގެ ނައިބު ރައީސް އިބްރާހިމް ހަމީދު ވިދާޅުވީ، މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ގައުމީ ބިޅްޑަރުންގެ ފަރިތަކުރުންތައް ހުސްވި ހަފްތާގައި ފަށާފައި ވަނީ ކޯޗް ހުސެން ހަބީބުގެ އިރުޝާދުގެ ދަށުންނެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖެއިން ވާދަކުރަނީ ހަތަރު ކެޓަގަރީން ފަސް ބޮޑީ ބިލްޑަރުންނެވެ.

ރާއްޖެއިން މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ފަސް ބިލްޑަރުންނަކީ 55 ގެ ކެޓަގަރީން ވާދަކުރާ މޯލްޑިވްސް ޕޮލިސް ސާވިސްގެ އަލީ މޫސާ އާއި 60 ކެޓަގަރީގައި ވާދަކުރާ އިބްރާހިމް ޝާނީޒް އާއި 65ގެ ކެޓަގަރީން ވާދަކުރާ މޯލްޑިވްސް ކަސްޓަމް ސާވިސްގެ އާދިލް މުހައްމަދާއި ހަމަ އެކެޓަގަރީން ވަދަކުރާ އަލީ ޝަރީފް އަދި 70 ގެ ކެޓަގަރީން ވާދަކުރާ މޯލްޑިވްސް ޕޮލިސް ސާވިސްގެ އަލި މަނިކެވެ.

ސައުތު އޭޝިއަން މެންސް ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕްގެ އިތުރުން، މި އަހަރު ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް މުބާރާތަކީ 14 ވަނަ ގައުމީ ބޮޑީ ބިލްޑިން މުބާރާތެވެ. އެގޮތުން އެ މުބާރާތް މިހާރު ބާއްވާން ބޮޑީ ބިލްޑު އެސޯސިއޭޝަނުން ނިންމައިފައި ވަނީ އަންނަ ޖޫން މަހުގެ 28 އިން 29 ވަނަ ދުވަހުގެ ނިޔަލަށެވެ.