ޑރ. އަފްރާޝީމް އަލީގެ މަރުގެ ތަހުގީގަށް ދޮގު މައުލޫމާތު ދިންކަމަށް ތުހުމަތު ކުރެވޭ ކުއްޖާ އަށް ވަކީލަކާ އެކު ދައުވާއަށް ޖަވާބުދާރީވުމުގެ ފުރުސަތު އަރުވައިފި އެވެ.

ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން ގާނޫނީ ވަކީލަކާ އެކު ދައުވާއަށް ޖަވާބުދާރީވާން ބޭނުންވާކަމަށް އެކުއްޖާ ބުނެފައި ވާތީ އެ ފުރުސަތު ކޯޓުން ދީފައިވާ ކަމަށެވެ.

އެކުއްޖާގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނަނީ ޑރ. އަފްރާޝީމް އަލީއަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލާފައިވާ މައްސަލައާ ގުޅިގެން އޭނާ ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ސުވާލު ކުރުމުން ފުލުހުންގެ ތަހުގީގަށް ދޮގު މައުލޫމަތު ދީފައިވާ ކަމަށެވެ. އަދި ޖުވެނައިލް ކޯޓަށް އެކުއްޖާ ހާޒިރުކުރުމުން އެ ކޯޓަށް ވެސް އޭނާ ދޮގު މައުލޫމާތު ދީފައިވާ ކަމަށް ވެސް ދައުލަތުން ކުރި ދައުވާގައި ބުނެފައިވެ އެވެ.

ދޮގުހެކި ދިނުމުގެ ދައުވާ އެކުއްޖާގެ މައްޗަށް ކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 62 ވަނަ މާއްދާ އާ ހަވާލާދީ އެ ގާނޫނުގެ 63 ވަނަ މާއްދާގެ ދަށުން ނެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ ހ. ލޮބީ ހުސައިން ހުމަމް އަހްމަދާއި ހ. ހިކޯސްޓް އަލީ ޝާންގެ މައްޗަށް ދައުލަތުން ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.

އެ ދެ މީހުންގެ ތެރެއިން ހުމާމްގެ ޝަރީއަތް ފަށާފައިވާއިރު ޝާންގެ ޝަރީއަތް އަދި ފަށާފައެއް ނުވެއެވެ. ހުމާމް ވަނީ ދައުވާ އަށް އިންކާރުކޮށް ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖައްސާފަ އެވެ.