ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން (ސީއައިސީ)ގެ މެމްބަރު ކަމަށް ކުރިމަތިލެއްވި 12 ބޭފުޅުންގެ ތެރެއިން އެންމެ މަތިން މާކްސް ހޯއްދެވި އަށް ބޭފުޅުން އެ ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް އިގްތިސާދީ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވައިފި އެވެ.

މެއި 11، 2011 ވަނަ އަހަރު ތަސްދީގު ކުރެއްވި ކަސްޓަމްސް ގާނޫނުގައި ބުނެފައިވާ ފަސް މެންބަރުންގެ ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން (ސީއައިސީ)އަށް ކުރިމަތިލެއްވި 12 ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވީ މިދިޔަ އަހަރުގެ ޖޫން ހަ ވަނަ ދުވަހު އެވެ.

އިގްތިސާދީ ކޮމެޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ސީއައިސީގެ މެންބަރު ކަމަށް ކުރިމަތިލެއްވި 12 ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކު ނަން އަނބުރާ ގެންދަވާފައިވާ އިރު، ކޮމެޓީން ކުރި އިންޓަވިއުތަކުން 75 ޕަސެންޓަށް ވުރެ ދަށުން މާކްސް ލިބިވަޑައިގެންފައި ވާތީ އެ ބޭފުޅުންގެ ނަން ލިސްޓުން ބާތިލްކޮށްފައިވެ އެވެ. ކޮމެޓީން ކަނޑައަޅާފައިވާ ގޮތުގައި މަޖިލީހުގެ ތަޅުމަށް ފޮނުއްވަން ޖެހޭ ނަންތަކަކީ ކޮމެޓީން ކުރާ އިންޓަވިއުއިން 75 ޕަސެންޓަށް ވުރެ މަތިން މާކްސް ހޯއްދަވާ ބޭފުޅުންގެ ނަންތަކެވެ.

އިންޓަވިއުއިން އެންމެ މަތިން މާކްސް ހޯއްދަވާފައި ވަނީ ހ. އާޒާދެވާދީ، ވިޒާދު އަލީ އެވެ. އޭނާއަށް ލިބިވަޑައިގެންފައި ވަނީ 96.75 ޕަސެންޓް މާކްސް އެވެ. ދެ ވަނައަށް އެންމެ މަތިން މާކްސް ހޯއްދެވީ ގ. އަތަ ޔޫސުފް މާނިއު މުހައްމަދެވެ. އޭނާ އަށް ލިބިވަޑައިގެންނެވީ 93.6 ޕަސެންޓް މާކްސް އެވެ. ތިން ވަނަ އަށް 89.89 ޕަސެންޓް މާކްސް ހޯއްދަވައިގެން ގއ. ކަނޑުހުޅުދޫ ބްރޫރޯޒް ޖިހާދާ އަނީސްގެ ނަން ވެސް ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުއްވާފަ އެވެ. އަދި މާލޭ ދަފްތަރު ފަރީޝާ އާދަމްއަށް 89.88 ޕަސެންޓް މާކްސް ލިބިވަޑައިގެންނެވި އިރު، ގ. އަލީއާބާދު، ފާތުމަތު ޝަމްވީލާ އަށް ލިބިވަޑައިގެންފައި ވަނީ 89 ޕަސެންޓް މާކްސް އެވެ. އަދި މ. ބިލާލުގެ އަބްދުﷲ ޝިނާހުއަށް 87 ޕަސެންޓް މާކްސް ލިބިވަޑައިގެންފައިވާ އިރު، މާލޭ ދަފްތަރު އަބްދުﷲ ނިސާމް އަށް 86.11 މާކްސް ލިބިވަޑައިގެންފައިވެ އެވެ. އަދި މަޖިލީހަށް ފޮނުއްވެވި އަށް ނަމުގެ ތެރޭގައި ހ. ބަރަބޯމާގޭ އައިޝަތު ޝިއުނާގެ ނަން ވެސް ހިމެނެ އެވެ. އޭނާއަށް ލިބިވަޑައިގެންފައި ވަނީ 83.44 މާކްސް އެވެ.

މާކްސް ދިނުމުގައި ކޮމެޓީން ބައްލަވާފައި ވަނީ ތައުލީމީ ގާބިލް ކަމާއި ތަޖުރިބާއާއި އިސްނެގުމާއި އިންޓެގްރިޓީއަށެވެ.

އިގްތިސާދީ ކޮމެޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅި އަށް ނަމަށް ކޮމެޓީން ވޯޓަށް އަހާނީ މާކްސް ލިބިވަޑައިގެންނެވި ތަރުތީބުންނެވެ. އެގޮތުން މަޖިލީހުގެ ތަޅުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި އަގުލަބިއްޔަތުން ފަސް ބޭފުޅުނެއްގެ ނަން ފާސްކޮށް ސީއައިސީ މެންބަރުންނަށް ހޮވާނެ އެވެ.

ސީއައިސީގެ މެންބަރެއްގެ މުސާރައަކީ 32500ރ. އެވެ. އަދި ފޯން އެލަވަންސްގެ ގޮތުގައި މަހަކު 1000ރ. ލިބިވަޑައިގަންނަވާނެ އެވެ. އަދި އަހަރީ ޕްރިމިއަމްގެ ގޮތުގައި 10،000ރ. ލިބޭނެ އެވެ. އަދި ކޮމިޝަންގެ ރައީސަށް 37،500ރ. ލިބިވަޑައިގަންނަވާ އިރު، ނައިބު ރައީސްއަށް 35،500ރ. ލިބިވަޑައިގަންނަވާނެ އެވެ. ޖުމްލަ ކޮންމެ މެންބަރަކަށް އަހަރަކު 412،000ރ. ލިބިވަޑައިގަންނަވާނެ އެވެ. ކޮމިޝަންގެ ރައީސްއަށް އަހަރަކު 472،000ރ. ލިބޭނެ އެވެ. އަދި ނައިބު ރައީސް އަށް އަހަރަކު 448،000ރ. ލިބޭނެ އެވެ.