21 Mar 2013, 14:20
ބީޖީ ސްޕޯޓްސް ކުލަބުގެ ތަޖުރިބާކާރު މިޑްފީލްޑަރު އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި އެކުލަބާ ދެމެދު އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށް ކޯޗް މުހައްމަދު ޝާޒްލީ ބުނެފި އެވެ.
ދިރާގު ދިވެހި ލީގުގައި އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ވިކްޓަރީއާ ދެކޮޅަށް ބީޖީން ނުކުތުމުގެ ކުރިން މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗް ޝާޒްލީ ބުނީ، ލީގުގައި އެންމެ ފަހުން ބީޖީން ނިއުއާ ދެކޮޅަށް ކުޅުނު މެޗުގައި އޮއްޕޮ ދަނޑުމަތީން ނުފެނުނީ ކުލަބާ ދެމެދު އެއްވެސް މައްސަލައެއް އޮވެގެންނެއް ނޫން ކަމަށާއި އެމެޗުގައި ބޮޑަށް އިސްކަން ދިނީ ޑިފެންސްސިވް ގޭމެއް ކުޅުމަށް ކަމަށެވެ. ލީގުގައި އެންމެ ފަހުން ބިޖީ ނިއުއާ ދެކޮޅަށް ކުޅުނު މެޗް 1-0 ލަނޑުން ކާމިޔާބު ކުރީ ނިއުއެވެ.
"ކުލަބަކާ އޮއްޕޮއާ ދެމެދު އެއްވެސް މައްސަލައެއް ނުޖެހެ. އެންމެ ފަހުން ކުޅުނު މެޗުގައި އޮއްޕޮ ދަނޑުމަތިން ނުފެނުނީ ޑިފެންސްސިވް ގޭމެއް ބީޖީން އެދުވަހު ކުޅުމުން. ބީޖީއަކީ ތަފާތު ޓީމެއް. ސްކޮޑް ވަރުގަދަ ޓީމެއް. އެއްވަރެއްގެ ކުޅުންތެރިން ވަރަށް ގިނަ ޓީމެއް." ޝްޒްލީ ބުންޏެވެ.
ޝާޒްލީ ބުނީ، ވިކްޓަރީއާ ދެކޮޅަށް ނިކުންނާނީ ވެސް މޮޅުވުމުގެ އުންމީދުގައި ކަމަށާއި އެމެޗުގައި އޮއްޕޮ ފެންނާނެ ކަމަށެވެ. އަދި ވިކްޓާރީއަކީ ވެސް ބަލި ޓީމެއް ކަމަށް ޤަބޫލް ނުކުރާ ކަމަށާއި އެޓީމްގެ ޓީމްވޯކް ވަރަށް ވަރުގަދަ ކަމަށް ވެސް ޝާޒްލީ ބުންޏެވެ.
"ނިއު މެޗުގައި ވެސް އޮއްޕޮމެން ކަހަލަ މީހުން ދަނޑު މަތިން ނުފެނުނީމަ ވަރަށް ގިނަ ވާހަކަތައް ވަރަށް ގިނަ މީހުން ދައްކާނެ. އޮއްޕޮއަކީ ކުލަބަށް ވަރަށް މުހިންމު ވެގެން ގެނައި ކުޅުންތެރިއެއް. ބީޖީ ޓީމަށް ކުޅެން އާ ކުޅުންތެރިއެއް އޮއްޕޮއަކީ." ޝާޒްލީ ބުންޏެވެ.