ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ، އޭނަގެ ފުޓްބޯޅައިގެ ކެރިއަރުގައި މިވީހާތަނަށް ހޯދާފައިވާ އެކިއެކި ކާމިޔާބީތައް އެއްތާކުން ދައްކުވާދޭ ކުޅިވަރު ދާރުލްއާސާރެއް އާޖެންޓީނާގައި ހަދާން ނިންމައިފި އެވެ.

އާޖެންޓީނާގެ ރޮސާރިއޯ ސިޓީގައި ހަދާ އެ ދާރުލްއާސާރު ހެދުމަށް 32 ހެކްޓަރުގެ ބިމެއް މިހާރު ހޯދައިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. "ރޮސާރިއޯ" ސިޓީއަކީ މެސީ އުފަންވި ސިޓީއެވެ.

ރޮސާރިއޯ ސިޓީގެ މޭޔަރު މޮނިކާ ފެއިނިންއާ ހަވާލާދީ އާޖެންޓީނާގެ ބައެއް ނޫސް މަޖައްލާތަކުގައި ބުނެފައި ވަނީ، މެސީއަށް ޚާއްސަކޮށް ހެދުމަށް ހަމަޖެހިފައިވާ ދާރުލް އާސާރުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަކެތީގެ ތެރޭގައި މި ވީހާ ތަނަށް ފުޓްބޯޅަ ކެރިއަރުގައި މެސީ ކުޅުނު ކުލަބުތަކުގެ ޒޯޒީއާއި ބޫޓުގެ އިތުރުން އޭނަ ހޯދި ތައްޓާއި މެޑަލްއާއި އެހެނިހެން ލިޔެކިއުންތައް އެ ދާރުލްއާސާރުގައި ބަހައްޓާނެ ކަމަށެވެ. އަދި އެތަކެތި ދާރުލްއާސާރަށް ހަދިޔާ ކުރާނީ މެސީގެ އާއިލާގެ މެންބަރުން ކަމަށް މޮނިކާ ބުނެފައިވެ އެވެ.

"މެސީ އަކީ ރޮސާރިއޯ ސިޓީއަށް ވަރަށް މުހިންމު މީހެއް. އޭނަގެ މުހިންމު ކަމަށްބަލާފައި އަހަރުމެން މިހާރު ނިންމާފައި ވަނީ އޭނަގެ ނަމުގައި ކުޅިވަރުގެ ދާރުލް އާސާރެއް ހެދުމަށް. އެތަނުގައި ފުޓްބޯޅައިގެ ހަޔާލުތުގައި މެސީ ހޯދާފައިވާ ކާމިޔާބީތަކާއި އޭނާ ގެންގުޅޭ ބައެއް ތަކެތި ފެންނާން ހުންނާނެ. އެ ދާރުލްއާސާރުގެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ." މޮނިކާ ބުންޏެވެ.

މޮނިކާ ބުނީ، މެސީއަށް ހާއްސަކޮށް ހެދުމަށް ހަމަޖެހިފައިވާ އެ ދާރުލްއާސާރުގައި ރޮސާރިއޯ ސިޓީއަށް ނިސްބަތްވާ އެހެން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ހޯދާފައިވާ ކާމިޔާބީ ތަކުގެ އެކިއެކި ތަކެތި ބަހައްޓަން ވެސް ވަނީ ނިންމާފައި ކަމަށެވެ. އެގޮތުން ރެއާލް މެޑްރިޑަށް ކުޅޭ އާޖެންޓީނާގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ޑިމަރިއާގެ ފުޓްބޯޅަ ކެރިއަރުގައި އޭނަ ހޯދި ކާމިޔާބީ ތަކުގެ ތަކެތި ބެހެއްޓުމަށް ވާނީ ނިންމާފައި ކަމަށެވެ.