ގާނޫނުގައި ހުއްދަކޮށްފައިވާ މިންވަރަށް ވުރެ އިތުރަށް އެންޓި ކޮރަަޕްޝަން ކޮމިޝަންގެ މުވައްޒަފުންގެ މުސާރައިން ގަޑީލާރި ކަނޑާފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވެއްޖެ އެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހިސާބުތައް އޮޑިޓް ކުރުމަށް ފަހު އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ސޮއިކުރައްވައި އިއްޔެ ނެރުއްވި އޭސީސީގެ 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ވާޒީފާއާ ބެހޭ ގާނޫނުގައި މުވައްޒަފަކު ވަޒީފާ އަދާކުރަން ޖެހޭ ގަޑީގައި ވަޒީފާ އަށް ނުނިކުންނަ ވަގުތުގެ މިންވަރު އޭނާގެ މުސާރަ އިން ކެނޑުން ފިޔަވައި ވަޒީފާދޭ ފަރާތުން މުވައްޒަފަކު ވަޒީފާ އަށް ނުނިކުތުމާ ގުޅިގެން އިތުރަށް ޖޫރިމަނާ ކޮށްގެންނުވާނެ ކަމަށެވެ. އަދި އޭސީސީގެ މުވައްޒިފުންގެ ގަވާއިދުގައިވާ ގޮތުން މުވައްޒަފަކު ދުވާލަކު މަސައްކަތުގައި އަށް ގަޑިއިރު ހަމަނުކޮށްފި ނަމަ އަށް ގަޑިއިރަށް ވުރެ މަދުވާ ވަގުތަށްވާ ފައިސާ އެ މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތްތަކުން އުނި ކުރެވޭ ކަމަށެވެ. އެގޮތުން އޭސީސީގެ މުވައްޒިފުންގެ ތެރެއިން ގަޑިޔަށް އޮފީހަށް ހާޒިރުނުވާ މުވައްޒިފަކު ގަޑިޖެނު ވަގުތަށްވާ ވަރު ފަހުން މަސައްކަތްކޮށްދީފައިނުވާ ނަމަ ގަޑީލާރީގެ ގޮތުގައި ދެ ވަނަ ފަހަރަށް އަސާސީ މުސާރަ އިން އުނި ކޮށްފައިވާ ކަމަށާއި އަދި އެއީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކުރަމުންދާ ކަމެއް ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.

އެ މައްސަލާގައި އޮޑިޓާ ޖެނެރަލް ލަފާއަރުވާފައި ވަނީ ވަޒީފާއާ ގުޅޭ ގާނޫނުގައިވާ ގޮތަށް އޭސީސީގެ މުވައްޒަފުންގެ ގަވާއިދު އިސްލާހު ކުރުމަށާއި ދެ ވަނަ ފަހަރަށް ކަނޑާފައިވާ ގަޑީލާރި އަނބުރާ މުވައްޒަފުންނަށް ދިނުމަށް ލަފާއަރުވާ ކަމަށެވެ.

އޭސީސީގެ 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި އޭސީސީގެ މުވައްޒިފުންގެ ގަވައިދުގައި އިތުރު ގަޑީގައި މަސައްކަތްކުރަން ބޭނުން ވެއްޖެ ނަމަ ސެކްޝަންތަކުން ކޮންމެ ދުވަހަކު ތައްޔާރުކުރާ "ނުރަސްމީ ގަޑީގައި މަސައްކަތް ކުރުމަށް ހުއްދަ ދެއްވާ ޝީޓް"ގައި ލިޔެ ސެކްޝަންގެ ވެރިޔާގެ ހުއްދަ ހޯދައި އެޝީޓް އެކޮމިޝަންގެ އެޑްމިނަށް ހުށައަޅައި ސެކެޓަރީ ޖެނެރަލްގެ ހުއްދަ ހޯދުމަށް ބުނެފައިވީ ނަމަވެސް އެ ޝީޓްތަކުގައި ސެކްރެޓަރީ ޖެނެރަލް އާންމުކޮށް ސޮއިކޮށްފައި ވަނީ އިތުރުގަޑީގެ މަސައްކަތް ކޮށްފައިވާ ތާރީހުގައި ނޫން ކަމަށާއި ސޮއިކޮށްފައި ވަނީ އެއަށް ވުރެ ފަހުގެ ތާރީހުގައި ކަމަށް ފާހަގަކުރެވޭ ކަމަށެވެ.

އޭސީސީ އިން ގާނޫނާއި ގަވާއިދަށް އަމަލުކޮށްފައިވާ މިންވަރާ މެދު އޮޑިޓާ ޖެނެރަލް ބުނެފައި ވަނީ ފާހަގަކޮށްފައިވާ އެދެ ކަންތަކުގެ އިތުރުން އޭސީސީ އަށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓާ އެއްގޮތަށް އެ ބަޖެޓުގެ މަގުސަދު ހާސިލުވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ދެކޭ ކަމަށެވެ.