ކޯރުތަކާއި ފެންއޮހޭ އާރުތައް ނެތް ގައުމަކަށް ވާތީ އާއި ފެން ޖަމާ ކުރުމުގައި އަމަލުކުރާ ގޮތްތަކުގެ ސަބަބުން ރާއްޖެ ވެފައި ވަނީ ފެންލިބުން އެންމެ ދަތި އެއް ގައުމު ކަމަށެވެ. ދުނިޔޭގެ ފެނުގެ ދުވަސް " ވޯލްޑް ވޯޓަޑޭ" މާދަމާ ފާހަގަ ކުރާ އިރު ރާއްޖޭގެ ހަގީގަތަކީ މިއެވެ.

ފެނުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެންވަޔަރްމެންޓް މިނިސްޓްރީއާއި އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ ( އީޕީއޭ) އާއި ގައުމީ ޔުނިވަސިޓީ ގުޅިގެން މިއަދު ރަސްމިއްޔާތެއް ބޭއްވިއެވެ. އެ ރަސްމިއްޔާތުގައިރާއްޖޭގެ ފެނުގެ ހާލަތު އޮތް ގޮތާއި ދެމެހެއްޓެނިވި ގޮތަކަށް ސާފު ބޯފެން ފޯރުކޮށް ދިނުމަށް ކުރެވެން ހުރި މަސައްކަތްތަކާ ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުން ކަމާ ބެހޭ މާހިރުން ހުށަހެޅުއްވުންތައް ހުށަހެޅުއްވިއެވެ.

އެންވަޔަރްމެންޓް މިނިސްޓްރީ އާއި އީޕީއޭ އާއި މަދަނީ ޖަމިއްޔާއެއް ކަމަށްވާ ވޯޓާ ކެއާ އިން ހުށައެޅި އެ ހުށަހެޅުންތަކުން ހާމަވީ އެންމެ މުހިއްމު ކަމަކީ ރައްކާތެރި ގޮތުގައި ސާފު ބޯފެން ފޯރުކޮށް ދިނުމަށް ޓަކައި މަޝްރޫއުތައް ހިންގަން ޖެހެނީ ފެނާއި ނަރުދަމާ އެކުލެވޭ ގޮތުން އެއް މަޝްރޫއެއްގެ ގޮތުގައި ކަމެވެ.
އެއީ ރާއްޖޭގެ ކުދިކުދި ރަށްތަކުގައިވާ ނާޒުކު ފެން ފަށަލައަށް ނަރުދަމާ ނިޒާމުގެ ސަބަބުން ބޮޑެތި އަސަރުތަކެއް ކުރާތީއެވެ.

" ރާއްޖޭގެ ތިރީހަކަށް ރަށުގައި މިހާރު ނަރުދަމާ ނިޒާމު ގާއިމް ކުރެވިފައިވޭ، އަޅުގަނޑުމެންނަށް މިއަންނަ އެންމެ ބޮޑު އެއް ޝަކުވާ އަކީ ރަށުގެ ފެން ލޮނުވަނީއޭ، އެއީ ވަރަށް ރަނގަޅު ވާހަކައެއް ، އެހެން ވާނެ، ވާގޮތަކީ އަޅުގަނޑުމެން ނަރުދަމާގެ ނިޒާމު ގާއިމްކޮށްފައި، ވެހޭހާ ފެނެއް ވެސް ނަރުދަމާ ނިޒާމާ ގުޅިފައި މިހުންނަނީ ، ބައެއް ހިސާބުތަކުގައި، އަދި އަޅުގަނޑުމެން ބޭނުންކުރާ ހުރިހާ ފެނެއް، އެނިޒާމު މެދުވެރިކޮށް މޫދަށް މި ފޮނުވާލަނީ، " މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބުދުލް މަތީނު މުހައްމަދު ވިދާޅުވިއެވެ.

މަތީނު ވިދާޅުވީ އެހެން އެކަން ވުމުން އިސާހިތަކު ފެން ލޮނުވެގެން ދާ ކަމަށެވެ. ފެނާއި ނަރުދަމާގެ ހިދުމަށް އިތުރު ރަށްތަކަށް ދިނުމަށް އެންވަޔަރްމެންޓް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މަތީނު ވިދާޅުވީ މިއަހަރުގެ ބަޖެޓްގައި 30 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ހިމަނާފައި ވީ ނަމަވެސް ބަޖެޓްގައި ހިމަނާފައިވަނީ އެމަސައްކަތްތަކަށް ބޭނުންވާ ފައިސާގެ 10 ޕަސެންޓް ކަމަށެވެ.

ނަމަވެސް ބައިނަލް އަގުވާމީ މާލީ ބައެއް ޖަމާއަތްތަކުން ދިނުމަށް ހަމަޖެހިފައިވާ ފައިސާގެ އެހީގެ ބޭނުންކޮށްގެން މިއަހަރު 50 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް ( އޮފިޑް) އިން 15 މިލިޔަން ޑޮލަރު އަދި އައިޑީބީން 15 މިލިޔަން ޑޮލަރު އަދި ކުވައިތު ފަންޑުން 15 މިލިޔަން ޑޮލަރު ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއެހީ ތަކާ އެކު އެމަސައްކަތްތައް ވަރަށް އަވަހަށް ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ ފެނުގެ ދުވަހަށް އދ. އިން މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ އިންޓަނޭޝަނަލް އިޔާ އޮފް ވޯޓާ ކޯޕަރޭޝަން" ( ފެނުގެ އެއްބާރުލުމުގެ އަހަރު) އެވެ.

ދުނިޔޭގެ ފެނުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ މާޗްމަހުގެ 22 ވަނަ ދުވަސް ފާހަގަކުރަން ފެށީ " ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން އެންވަޔަރްމެންޓް އެންޑް ޑިވެލޮޕްމެންޓް " 1992 ވަނަ އަހަރުގެ ބްރެޒިލްގެ ވެރިރަށް ރިއޯޑިޖެނީރޯގައި އޮތް ކޮންފަރެންސް އިން އެދުވަސް ފާހަގަކުރުމަށް ފާސްކުރުމާ ގުޅިގެންނެވެ. ޖެހިގެން އައި 1993 ވަނަ އަހަރުއެވެ.