21 Mar 2013, 13:01
ގއ. ވިލިނގިލީ ކަނޑުއޮޅި މުހައްމަދު ޝިހާބު މެރުމުގެ ކުށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ގއ. މާމެންދޫ ތަރިވިދާގޭ މުހައްމަދު ގާސިމް މެރުމަށް މީގެ ހަތަރު އަހަރު ކުރިން ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.
މުހައްމަދު ޝިހާބު މަރުވެފައި ވަނީ 2006 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު އޭނާ މާމެންދޫއަށް ގޮސް އެ ރަށު އަތިރިފިނިވާގޭގައި ހުއްޓާ ބަޔަކު ގޮސް ލަކުޑި ފަތި ބުރިންނާއި އެމީހުންގެ އަތުންނާއި ފައިން ތަޅައި ހިންގި މާރާމާރީގައި ލިބުނު އަނިޔާތަކަށް އިއިޖީއެމްއެޗްގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.
މުހައްމަދު ޝިހާބު މަރާލުމުގެ ކުށް ސާބިތުވެ މުހައްމަދު ގާސިމްގެ އިތުރުން ތިން މީހެއްގެ މައްޗަށް ވެސް ކުރީގެ ޖިނާއީ ކޯޓުން ވަނީ މަރުގެ ހުކުމް އިއްވާފަ އެވެ. އެ މީހުންނަކީ ގއ. މާމެންދޫ ގުލިސްތާނުގޭ އަލީ މަސްއޫދު ސައީދާއި އެރަށު ޖަވާހިރުވާދީ ފަރިޔާޝް އަހްމަދާއި ޕިންކްލައިޓް މުހައްމަދު ޝިފްރާޒް އެވެ.
އެމީހުން މެރުމަށް ކުރީގެ ޖިނާއީ ކޯޓުން ހުކުމް ކޮށްފައި ވަނީ 2008 ވަނަ އަހަރުގެ ތެރޭގަ އެވެ.
މުހައްމަދު ގާސިމް މެރުމަށް ކުރި ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް ހައިކޯޓުން ކުރި ހުކުމްގައި ބުނަނީ އެ މީހުންގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނަގާފައި ވަނީ އިސްލާމީ ޝަރީއަތާއި ގާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.
ހެކީން ޝަރީއަތަށް ހާޒިރުކޮށް އެފަރާތްތަކާ ސުވާލުކުރުމަށާއި ދިފާއު ބިނާކުރުމަށް އެކަށީގެންވާ ފުރުސަތު މުހައްމަދު ގާސިމަށް ދެވިފައިވާ ކަމަށް ބެލެވެން ނެތްކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ބުނެފައިވެ އެވެ.
މީގެ އިތުރުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ލަސްނުކޮށް ކްރިމިނަލް ކޯޓަށް ހުށަހަޅައި ބަންދާ މެދު ގޮތެއް ނިންމުމަށް ވެސް ހައިކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.
".... ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 46 ވަނަ މާއްދާގެ (ށ)ގެ ދަށުން ކްރިމިނަލް ކޯޓަށް ތަޙްވީލު ކުރުމަށް މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި، މުހައްމަދު ގާސިމަކީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލިފައިވާ މީހެއްކަމުގައިވާތީ، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން މުހައްމަދު ގާސިމްގެ ބަންދާ މެދު ގޮތެއް ނިންމުމަށްޓަކައި، ލަސްނުކޮށް ކަމާބެހޭ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅާ މުހައްމަދު ގާސިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް އަމުރުކޮށް އެގޮތުގެމަތިން ހުކުމް ކޮށްފީމެވެ،" ހައިކޯޓުގެ ހުކުމްގައިވެ އެވެ.