21 Mar 2013, 12:38
އިންޑިޔާގެ ފިލްމު ސެންސަރު ބޯޑުން ފިލްމުތަކުގައި ހިމެނޭ އައިޓަމް ނަމްބަރުތައް ނުވަތަ "އައިޓަމް ސޯންގްސް" (ފިލްމުގައި ހިމެނޭ ލަވައާއި މިއުޒިކީ ހަރަކާތްތައް) ވަކިވަކި މައްސަލަތަކެއްގެ ގޮތުގައި ހަރުކަށިކޮށް ބަލައި ފިޔަވަޅު އަޅަންޖެހޭ ހާލަތުގައި ފިޔަވަޅު އަޅަން ނިންމާފައިވީ ނަމަވެސް ފިލްމުތަކުގައި ލަވަތަކަށް ނެށުމާއި ލަވަކިޔުން ހުއްޓައި ނުލާނޭ ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރު ބުނެފި އެވެ.
އިންޑިޔާގެ މުމަބާއީގައި ހުންނަ އެގައުމުގެ ސެންޓްރަލް ބޯޑް އޮފް ފިލްމް ސަޓިފިކޭޝަން (ސީބީއެފްސީ) އިން ބުނެފައިވަނީ އެގައުމުގައި ނެރޭ ފިލްމު ތަކުގައި ހިމެނޭ އައިޓަމް ސޯންގްސް ތަކަކީ "ޔޫ" (ހުރިހާ އުމުރުފުރައަކަށް)، "ޔޫއޭ" (ބެލެނިވެރިންގެ ބެލުމުގެ ދަށުން)، "އޭ" (ހަމައެކަނި ބޮޑެތިމީހުންނަށް) ފެތޭ އެއްޗެހިތޯ ވަކިވަކިން ބަލާގޮތަށް އެބޯޑުން ނިންމާފައި ވާކަމަށެވެ.
"އެއީ ސެންސަރުބޯޑުގެ ނިންމުން. ނެށުމާއި ލަވަކިޔުމަކީ އަހަރެން ވަރަށް ލޯބިން ކުރާހިތުން ކުރާ ކަމެއް. އެހެން ކަމުން އަހަރެން އެކަމުގައި ދެމި ހުންނާނަން. ލަވަޔާއި ނެށުމަކީ ހިންދީ ފިލްމު ތަކުގެ މުހިއްމު ބައެއް، އަދި އަހަރެން ދެކޭގޮތުގައި އެކަން އެގޮތަށް ދެމިގެން ދާނެ. ޝީލާކީ ޖަވާނީ، ފެވިކޮލް ސޭ ފަދަ ލަވަތައް ބަލާފައި އޯޑިއެންސް ކެކިގެންދާތަން ފެނޭ. އެމީހުން އެޔަށް ނުލާހިކު ގަޔާވޭ،" ބޮލީވުޑްގެ ތަރި ކަރީނާ ބުނެފައި ވެއެވެ.
ސީބީއެފްސީ އިން އައިޓަމް ސޯންގްސަތައް ވަކިވަކިން ސެންސަރު ކުރުމަށް ނިންމީ، އެ ބޯޑުގެ މެންބަރުންގެ މެދުގައި ވަރަށްބޮޑަށް ބަހުސު ކުރެވުމަށްފަހު، މެންބަރުންނަށް އެއްބަސް ވެވުނުހޮތުގައި މި ފަހަކަށް އައިސް އިންޑިޔާގައި ވިޔަފާރީގެ ބޭނުމަންށް ނެރޭ ފިލްމުތަކުގައި ނިވާކަން ކުޑަކޮށް ތިބެ ހުށަހަޅާ އައިޓަމް ނަމްބަރުތަކަކީ ފިލްމުތައް ހިންގުމަށް ބޭނުންކުރާ މައިގަނޑު ވަސީލަތް ކަމަށް ބުނެ އެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުން ފިލްމުތަކުގައި ހިމެނޭ ހުރިހައި އައިޓަމް ލަވަތައް "އޭ" ކެޓަގަރީގައި ހިމެނުމަށް އާ ގަވާއިދެއް ބޯން ނެރެފާނޭ ކަމަށްވެސް އަޑުތައް އިވިފައި ވެއެވެ. އެކަމަކު މިދާކަށްދުވަހު ސީބީއެފްސީގެ ޗެއާ ޕާސަން ބުނެފައިވަނީ ބޯޑުގެ ގައިޑްލައިނަށް ބަދަލުގެންނަ ގޮތަށް އަދި މިހާތަނަށް ހަމަޖެހިފައި ނެތްކަމަށެވެ.
އުމުރުން 32 އަހަރުގެ ކަރީނާ ކަޕޫރަކީ ބޮލީވުޑްގައި މިހާރު އެންމެ މަޝްހުރު އެއް އަންހެން ތަރިއެވެ. އޭނާއަކީ ކުރީގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ، ރަންދީރު ކަޕޫރާއި ބަބީތާގެ ދަރިއެކެވެ. އަދި ކަރީނާއަކީ ބޮލީވުޑްގެ މަޝްހޫރު އަންހެ ފިލްމީ ތަރިއެއްކަމަށްވާ ކަރިޝްމާ ކަޕޫރުގެ ކޮއްކޮ އެވެ. ކަރީނާގެ ޒަވާޖީ ހަޔާތުގެ ބައިވެރިއަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރިއެއް ކަމަށްވާ ސާއިފް ޢަލީ ޚާން އެވެ.